ރައްޔިތުން ނުރުހުން ފާޅުކުރުމުން ބާރަށުން ގާޒީ ފުރައިފި

ހއ. ބާރަށު ކޯޓްގައި ނުނިމި ހުރި މައްސަލަތައް ނިންމުމަށް އެ ރަށަށް ގާޒީއަކު ވަޑައިގަތުމުން ރަށު ރައްޔިތުންގެ ބަޔަކު ނުރުހުންފާޅުކުރުމުން ގާޒީ ރަށުން ފުރައިފި އެވެ.
ހއ. އަތޮޅުގެ ރަށްތަކުގެ ކޯޓްތަކުގައި ނުނިމި ހުރި މައްސަލަތައް ނިންމުމަށްޓަކައި އެ އަތޮޅު އިސް މެޖިސްޓްރޭޓަރު ޒުބައިރު މުހައްމަދު އެ އަތޮޅު ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި މިއަދު ބާރަށަށް ވަޑައިގެން އެ ރަށު ކޯޓްގައި ނުނިމި ހުރި މައްސަލަތައް ނިންމުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް ބާރަށު ރައްޔިތުންގެ ބަޔަކު ކޯޓަށް ވަދެ ނުރުހުން ފާޅު ކުރަންފަށާފައި ވަނީ މިއަދު ހެނދުނު 09:30 އެހާކަންހާއިރު އެވެ.
ބާރަށު ކޯޓްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކޯޓުތެރެއަށް ވަން މީހުން ޝަކުވާކޮށްފައި ވަނީ 2007 އަހަރު އެ ރަށު ސްކޫލްގެ ކިޔެވުން ހުއްޓާލައި ސްކޫލް ބަންދުކޮށް، ތަޅު އެޅުވި މައްސަލާގައި ފަސް މީހަކަށް ހުކުމް ކުރަނީ އިންސާފުން ނޫން ކަމަށެވެ. އަދި ސްކޫލް ބަންދުކޮށް، ތަޅު އެޅުވީ މައްސަލާގައި އެތައް ރައްޔިތުންތަކެއް ޝާމިލްވާ ކަމަށާއި އެ މީހުނަށް ވެސް ހައްގު އަދަބު ދިނުމަށް ކޯޓް ތެރެއަށް ވަން މީހުން އަޑު އުފުލި ކަމަށް ބާރަށު ކޯޓްގެ އޮފިޝަލަކު ސަން އަށް ކިޔައިދިނެވެ.
ކޯޓް ތެރޭގައި ހުރި މީހަކު ބުނީ ފަސް މީހުން ވެގެން ސްކޫލެއް ބަންދު ކުރާނީ ކިހިނެއްތޯ އާއި 2007 ވަނަ އަހަރު ސްކޫލް ބަންދު ކުރުމުގައި އެ ރަށުގެ ވަރަށް ގިނަ އަދަދެއްގެ މީހުން ބައިވެރިވި ކަމަށެވެ.
"އެ މައްސަލާގައި އެންމެ ފަސް މީހެއްގެ މައްޗަށް ހުކުމްކޮށްގެން ނުވާނެ. އެއީ އިންސާފެއް ނޫން." އޭނާ ބުންޏެވެ.
ކޯޓްގެ އޮފިޝަލް ވިދާޅުވީ ރައްޔިތުން އެގޮތަށް ޝަކުވާ ކުރަމުން ގެންދިއުމާ ގުޅިގެން ގާޒީ ޒުބައިރު މިއަދު މެންދުރު ރަށުން ފުރައިގެން ގޮސްފައިވާ ކަމަށެވެ. އަދި ކޯޓުގައި މިއަދު އެއްވެސް ހުކުމެއް ނުކުރާ ކަމަށާއި އަދި ޝަރީއަތެއް ވެސް ކުރިއަށް ގެންގޮސްފައި ނުވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު