ސިއްހީ ދާއިރާގެ އިތުބާރު ގެއްލުވާލަން މަސައްކަތް ކުރާތީ ހިތާމަކުރަން: މިނިސްޓްރީ

ރައްޔިތުންނަށް ދޭ ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށާއި މި ދަނޑިވަޅުގައި ސިއްހީ ދާއިރާގެ އިތުބާރު ގެއްލުވާލައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން ބައެއް ފަރާތްތަކުން މަސައްކަތް ކުރާތީ އެކަމާ ނުހަނު ހިތާމަކުރާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހެލްތު މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސިއްހީ ހުދުމަތުގެ ފެންވަރު ރަނގަޅުކުރަން އެ މިނިސްޓްރީން ކުރާ މަސައްކަތް ތަކުގެ ތެރޭގައި ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލްތަކާއި މަރުކަޒުތަށް ހިންގުމަށް ކަމަށް ގާބިލް އަދި ޒިންމާދާރު މުއައްޒަފުން ހޯދުމާއި ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލް ތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ އިތުރުން ތަންތަނަށް ބޭނުންވާ ވަސީލަތްތަށް ފުރިހަމަ ކުރުން ހިމެނޭ ކަމަށް އެ ބަޔާނުގައިވެ އެވެ. ނަމަވެސް އެފަދަ ދަނޑިވަޅެއްގައި މިނިސްޓްރީގެ އިތުބާރު ގެއްލުވާލަން ބައެއް ފަރާތްތަކުން މަސައްކަތް ކުރާތީ ހިތާމަކުރާ ކަމަށް ބަޔާނުގައި ވެއެވެ.

އެގޮތުން ގއ ގެމަނަފުށީގައި ހިނގާދިޔަ ހާދިސާގައި އެތަނުން އޮކްސިޖަން ފަދަ މުހިންމު ވަސީލަތްތަށް ހުސްވެގެން ބަލިމީހާ މަރުވީ ކަމަށް ވާހަކަ ފެތުރިފައިވާ ނަމަވެސް ކަން ހިނގާދިޔަ ގޮތް ބެލުމުން ތަނުގައި އޮކްސިޖަން ހުރިކަން މިނިސްޓްރީއަށް ސާބުވެފައިވާ ކަމަށާއި އެ މަރުކަޒުގައި ހުރި އޮކްސިޖަން ކޮންސެންޓްރޭޓަރު ވެސް މަސައްކަތް ކުރާކަން ސާބިތުވެފައިވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ފ. ނިލަންދޫ ގޮނޑުދޮށުގައި މާބަނޑު މީހަކު ވިހޭ ކަމަށް އަޑުފެތުރިފައިވާއިރު މާބަނޑުމީހާ ނިލަންދޫން މާލެ ފޮނުވާލަން ނިންމާފައި ވަނީ އެ މާބަނޑުމީހާގެ އެދުމަކުން ކަމަށް މިނިސްޓްރީ އަށް އެނގިފައިވާ ކަމަށާއި އޭނާ އެގޮތަށް އެދިފައި ވަނީ އެވަގުތު ހާލުބޮޑު ބަލިމީހަކު މާލެފޮނުވުމަށް ސީއެމްބިއުލާންސް ތައްޔާރު ކުރަމުންދިޔަ ވަގުތެއްގައި އެ މަރުކަޒުގައި ގައިނަކޮލޮޖިސްޓަކު ނެތުމާއެކުގައިކަން ފާހަގަކުރެވޭ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ. އަދި އެ މީހާ ވިހާފައިވަނީ މަގުމައްޗަށް ނުވަތަ ގޮނޑުދޮށަށް ނޫން ކަމަށާއި އެމީހާ ވިއްސާފައި ވަނީ ހޮސްޕިޓަލްގެ ލޭބަރ ރޫމްގައި ޑޮކްޓަރުންގެ ބެލުމުގެ ދަށުންކަން ފާހަގަ ކުރެވޭ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ސިއްހީ ހިދުމަތް ހަރުދަނާ ކުރުމުގެ ގޮތުން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ އެންމެންނަކީ ވެސް ޒިންމާދާރު ބަޔަކަށް ހަދައި މަސައްކަތުގެ ޒިންމާ ނުނަގައި އިހުމާލުވާ ފަރާތްތަކާމެދު މިނިސްޓްރީން ފިޔަވަޅުއަޅަން ފަސްނުޖެހޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އެހެންކަމުން ސިއްހީ ހިދުމަތާ ގުޅިގެން ފަތުރާ ދޮގު މައުލޫމާތުތަށް ބަލައި ނުގަތުމަށް އިލްތިމާސް ކުރާކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު