ގައިގައި ނަގާ ހީބިހިތައް އެނަލައިޒް ކުރުމަށްފަހު އިންސާނާ އެވަގުތު ކުރަމުންދާ އިހުސާސްތައް ދެނެގަނެވޭ ފަދަ ސެންސަރ އެއް ދެކުނު ކޮރެއާގެ ސައިންސްވެރިންތަކެއް އުފައްދައިފިއެވެ.
ހީބިހި ނަގަނީ ވަށައިގެންވާ މާހައުލު ފިނިވުމުން، ނުވަތަ ގައިގެ ފިނިހޫނުމިން ދަށަށް ދިއުމުންނެވެ. ބިރުގަތުމުން، ސިއްސައިގެން ދިއުމުން، ނުވަތަ އުފާވެރިކަން އިހުސާސް ކުރެވުމުންވެސް އިންސާނުންގެ ގައިގައި ހީ ބިހި ނަގައެވެ. އެހެންކަމުން ހީބިހިނެގުމަކީ އިންސާނާ އެވަގުތު ކުރަމުންދާ އިހުސާސްތަކާ ސީދާ ގުޅިފައިވާ ކަމެއް ކަން މީގެ ކުރިން ސައިންސްވެރިންވަނީ ސާބިތުކޮށްދީފައެވެ.
ދި އެޕްލައިޑް ފިޒިކްސް ލެޓާސް ޖާނަލްގައި ކޮރެއާ އިންސްޓިޓިއުޓް އޮފް އެޑްވާންސް ސައިންސް އެންޑް ޓެކްނޮލޮޖީ އިން އުފައްދާފައިވާ ހީބިހި ދިރާސާކުރާ ޓެކްނޮލޮޖީ ގެ މައުލޫމާތު ޝާއިއުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
މީގައި ހިމެނެނީ ގައިގައި ތަތްކޮށްލެވޭ ގޮތަށް، މަލަންކޮޅެއް ހެން ހުނަން 20 މިލިމީޓަރު - 20 މިލިމީޓަރުގެ ކުޑަ ޕްލާސްޓިކް ކޮޅެކެވެ. އިންސާނާ ހީބިހި ނަގާ ވަގުތު ކުރަމުންދާ އިހުސާސްތައް ދެނެގަންނަނީ ގައިގައި ތަތްކޮށްލާފައި އޮންނަ މި ޕްލާސްޓިކް ކޮޅުގައިވާ ސެންސަރ ތަކެއް މެދުވެރިކޮށެވެ.
މި ޓެކްނޮލަޖީ މެދުވެރިކޮށް އިންސާނާ ހުރީ ކޮން “މޫޑް”އެއްގައި ކަން ދެނެގަނެއެވެ. އަދި މީގެ ސަބަބުން މިސާލަކަށް، އަހަރެންނަށް މިވަގުތު އެންމެ ކަމުދާނީ ކޮން ކަހަލަ ލަވައެއްކަން ދެނެގަނެ، އެ މޫޑުގެ ލަވައެއް ފޮނުވާލެވިދާނެއެވެ. އަދި މާކެޓިންނާއި އިޝްތިހާރު ކުރުމުގައި މި ޓެކްނޮލަޖީ ބޭނުން ކުރެވިދާނެ ގޮތްތަކުގެ ކޮޅެއްވެސް ނެތެވެ.
“ކުރިއަށް އޮތްތާންގައި އިންސާނުންގެ އިހުސާސްތައް ވެގެންދާނީ ގައިގެ ފިނިހޫނުމިން ނުވަތަ ލޭގެ ޕްރެޝަރު ފަދަ ‘ބަޔޯމެޓްރިކް’ މައުލޫމާތަކަށް،”މި ދިރާސާތަކުގެ މޭސްތެރިޔާ ކަމަށްވާ ޔަންގްހޯ ޗޯ ބުންޏެވެ.
އެންމެ އެކަށީގެންވާ ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި އެ ކަސްޓަމަރަށް އެންމެ ހިތަހަމަޖެހޭ ތޮގަށް، ނުވަތަ “ޕާސަނަލައިޒްޑް” އިޝްތިހާރުތައް ދެއްކުމަކީ ފޭސްބުކް ފަދަ ސޯޝަލް މީޑިއާތަކުން މީހާރުވެސް ނުހަނު ޝައުގުވެރިވާކަމެކެވެ. ކަސްޓަމަރަކަށް ޕްރޮޑަކްޓެއް ފެނުމުން ނުވަތަ ޕްރޮޑަކްޓެއް ބޭނުންކުރަން ފެށުމުން އެއަށް ހިތްޖެހުން ނުވަތަ އެއާ މެދު “އިމޯޝަނަލް އެޓޭޗްމަންޓް” އެއް އުފެއްދޭނެ ގޮތްތައް ދެނެގަތުން އެއީ މާކެޓްކުރާ ފަރާތްތަކުން ބޭނުންވާނޭ އެންމެ މުހިއްމު އެއް މައުލޫމާތެވެ.
މިގޮތުން 3ވީއާރު ކިޔާ ކުންފުންޏަކުން މިހާރުވެސް ދަނީ “ބިގް ޑާޓާ މައިނިން” އޭ ކިޔުނު ޓެކްނޮލަޖީއެއް ދިރާސާކުރަމުންނެވެ. މީގައި ކެމެރާތަކެއް ބޭނުންކޮށްގެން، ކަސްޓަމަރަކަކު ފިހާރައެއް ތެރެއިން ހިނގާފައި ދާއިރު އޭނާގެ އުމުރާއި، އެއީ އަންހެނެއް ނުވަތަ ފިރިހެނެއް ކަމައި، އޭނާ މިވަގުތު ހުރި މޫޑް ދެނެގަނެއެވެ. ނަމަވެސް މިއީ އިންސާނެއްގެ ގައިގައި ހަރުކޮށްފައިވާ އެއްޗަކުން، ނަވަތަ ގައިން ނަގާ ހީބިހިތައް އެނަލައިޒް ކޮށްގެން ލިބޭ މައުލޫމާތުހާ ސައްހަ މައުލޫމާތަކަށް ނޫވެއެވެ.
މިހާތަނަށް އައިއިރު ތިމަންނާ އަށް ވަމުންދާ އިހުސާސްތައް އާއްމުންނަށް ފާޅުކުރުމުގެ ކޮންޓްރޯލް މި އޮންނަނީ ތިމަންނާގެ އަތްމަތީގައެވެ. ނަމަވެސް ހީބިހިން ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް އިންސާނާގެ އިހުސާސްތައް ދެނެގަނެވޭފަދަ ޓެކްނޮލަޖީއެއް މެދުވެރިކޮށް އެ މީހަކު ހާމަ ކުރަން ބޭނުން ނުވާ އިހުސާސްތައް ބޮޑެތި ކުންފުނިތަކަށް ދެނެގަނެވޭ ހިސާބަށް ހިނގައިދާނެތޯ، މިއީ ކުރެވޭ ސުވާލެކެވެ.