ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތް މިއަދު ހަވީރު ފެށުމަށް ނިންމައިފި އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު 4:40ގައި ބައްދަލުކުރާ ދެ ޓީމަކީ ކުލަބް އީގަލްސް އާއި ބީޖީ ސްޕޯޓްސް ކުލަބެވެ.
މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ޖުމްލަ އަށް ޓީމެއް ވަނީ ބައިވެރިވެފަ އެވެ. މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ޓާފް އެއްނަންބަރު ދަނޑުގަ އެވެ.
އީގަލްސް އާއި ބީޖީ ސްޕޯޓްސް ކްލަބުގެ އިތުރުން ދެން ބައިވެރިވެފައިވާ އަނެއް ހަ ޓީމަކީ ވިކްޓަރީ އާއި މަހިބަދޫ އާއި ދިވެހި ސިފައިންގެ ކުލަބާއި އޭވައިއެލް އާއި ކުލަބް ވެލެންސިއާ އަދި ސޮކާ ވެޓަރެންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ކޮންމެ ގްރޫޕަކުން ވެސް އެއް ވަނަ ޓީމާއި ދެ ވަނަ ޓީމް ދެ ވަނަ ބުރައް ދަތުރު ކުރާނެ އެވެ. އަދި މީގެ އިތުރުން ދެ ގްރޫޕް އެއްކޮށް ދެން އެންމެ ގިނައިން ޕޮއިންޓް ހޯދާ ޓީމަކަށް ވެސް ދެ ވަނަ ބުރައް ދަތުރު ކުރާނެ އެވެ. އަދި ދެ ވަނަ ބުރުގައި ކޮންމެ ޓީމެއް ވެސް ކޮންމެ ޓީމަކާ ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެއް ސެމީއަށް ދަތުރު ކުރާރާނެ އެވެ.
ސެމީގެ ފުރަތަމަ މެޗް އަންނަ މަހުގެ 23 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު ސެމީގެ ދެ ވަނަ މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހގެ 24 ވަނަ ދުވަހު އެވެ. އަދި ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 25 ވަނަ ދުވަހު އެވެ.
ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތަކީ 35 މަތީގެ ކުރީގެ ކުޅުންތެރިންނަށް އަމާޒްކޮށްގެން ބާއްވާ މުބާރާތެކެވެ. އެގޮތުން މި އަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރުން ނަކީ ކޮކާކޯލާ އެވެ.