ގާނާ ޓީމުގެ ކުޅުންތެރީންނަށް ބޯނަސް ފައިސާ ހިފައިގެން ފްލައިޓެއް ބްރެޒިލް އަށް

ވޯލްޑް ކަޕްގައި ބައިވެރިވުމުން ގާނާގެ “ބްލެކް ސްޓާސް” ގައުމީ ފުޓުބޯޅަ ޓީމަށް ސަރުކާރުން ދޭން އެއްބަސްވި ބޯނަސް ފައިސާ ލަސްވުމުގެ ސަބަބުން ވޯލްޑް ކަޕް މެޗުތައް ބޯއިކޮޓް ކުރާނެ ކަމަށް ބުނެ އިންޒާރު ދީފައިވަނިކޮށް އެ ފައިސާ ހިފައިގެން ފްލައިޓެއް ބްރެޒިލް އަށް ހިނގައްޖެ އެވެ.

މި އިންޒާރާ އެކު ގާނާގެ ރައީސް ޖޯން ޑްރަމާނީ މަހާމާ ވަނީ ޓީމުގެ ކުޅުންތެރިންނަށް ފޯނުން ގުޅައި، ބޯނަސް ފައިސާ ލިބޭނޭކަމުގެ ޔަގީންކަން ދީފައެވެ. އަދި މިރޭ ޕޯޗުގަލް އާ ދެކޮޅަށް ގާނާ އިން ނުކުތުމުގެ ކުރިން ބޯނަސް ފައިސާ ކުޅުންތެރިންނަށް ރައްދުވާނެ ކަމަށް ޖޯން ޑްރަމާނީ ވަނީ ބުނެފައެވެ.

ގާނާގެ މީޑިއާ އިން ބުނެފައިވާގޮތުގައި 1.7 މިލިއަން ޑޮލަރާއި 2.3 މިލިއަން ޑޮލަރާއި ދެމެދުގެ އަދަދެއްގެ ބޯނަސް ފައިސާއާ އެކު މަތިންދާބޯޓެއް ވަނީ ގާނާއިން ފުރައިގެން ބްރެޒިލްއަށް އިއްޔެ ގޮސްފައެވެ. މިހެން ހަދަން ޖެހުނީ ގާނާ ކުޅުންތެރިން އިލެކްޓްރޯނިކް ބޭންކް ޓްރާންސްފާ އަށް އިތުބާރު ނުކުރާތީ ކަމަށްވެސް ރިޕޯޓް ތަކުގައި ވެއެވެ.

“މި މައްސަލައިގެ ތެރެއަށް ރައީސް މަހާމާ ވަންނަން މަޖުބޫރުވީ ވޯލްޑް ކަޕް ފެށުނީއްސުރެ މިހާތަނަށް އައި އިރުވެސް ބްލެކް ސްޓާސް ގެ ކުޅުންތެރީން ވޯރލްޑް ކަޕް ގައި ކުޅުމުން ދިނުމަށް ވައުދުވެފައިވާ ފީ ދީފައި ނުވާތީ،” ގާނާ ފުޓްބޯލް އެސޯސިއޭޝަން (ޖީއެފްއޭ) އިން ބުންޏެވެ.

ރިޕޯޓުތައް ބުނާގޮތުން ވޯލްޑް ކަޕްގައި ކުޅުމުން ގާނާގެ ކޮންމެ ކުޅުންތެރިއަކަސް 75،000 ޑޮލަރާއި 100،000 ޑޮލަރާ ދެމެދުގެ އަދަދެއްގެ ފައިސާ ދިނުމަށް ގާނާ ސަރުކާރުން ވަނީ އެއްބަސްވެފައެވެ. ގާނާ ކުޅުންތެރިންގެ ބޯނަސް ފައިސާ ދިނުމަށް ނިންމާފައި ވަނީ ދައުލަތުގެ ބަޖެޓުންނެވެ.

ވޯލްޑް ކަޕްގައި ކުޅޭ ކޮންމެ ގައުމަކަށް، ގްރޫޕް ސްޓޭޖުން ބަލިވެގެން ރަށަށް ދާން ޖެހުނު ކަމުގައި ވިޔަސް، ފީފާއިން އަށް މިލިން ޑޮލުރު ދެއެވެ. ނަމަވެސް އެ ފައިސާ ލިބޭނީ ވޯލްޑް ކަޕް މުބާރާތް ނިމުމުންނެވެ. މި އަށް މިލިން ޑޮލަރުގެ އިތުރުން ވޯލްޑް ކަޕް ފެށުމުގެ ކުރީން، ވޯލްޑް ކަޕަށް ތައްޔާރު ވުމުގެ ގޮތުން މުބާރާތުގައި ބައިވެރިވާ 32 ޓީމުން ކުރެ ކޮންމެ ޓިމަކަށް ވެސް 1.5 މިލިން ޑޮލަރު ފީފާއިން ދެއެވެ.

ވައުދުވެފައިވާ ބޯނަސް ފައިސާ ގެ މައްސަލަތަކުގެ ސަބަބުން މުބާރާތް ބޯއިކޮޓް ކުރުމުގެ ބިރު ދެއްކުން އެއީ މީގެ ކުރިންވެސް އެފްރިކާގެ ބައެއް ޓީމުތަކުން ކޮށްފައިވާ ކަމެކެވެ. މި އަހަރު ވޯލްޑް ކަޕަށް ފުރަން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ކެމަރޫން ގެ ގައުމީ ޓިމުން ވެސް ވަނީ ބޯނަސް ބޮޑުކޮށްދިނުމަށް ގޮވާލައި، އިތުރަށް ފައިސާ ނުދީފިނަމަ ބްރެޒިލް އަށް ދާން އޮތް މަތިންދާބޯޓަށް އެރުމަށް ދެކޮޅުހަދައިފަ އެވެ. އަދި ނައިޖީރިއާ އާއި ކޯޓް ޑިވުއަރ (އައިވަރީ ކޯސްޓް) ގެ ކުޅުންތެރީން ވެސް ވަނީ މި ވޯލްޑް ކަޕްގައި ލިބޭ ބޯނަސް ފައިސާ ކުޑަވުމުގެ ސަބަބުން މައްސަލަ ޖައްސައި ނުރުހުން ފާޅުކޮށްފައެވެ.

އެންމެ ފަހުން، 2010 ވަނަ އަހަރު ސައުތު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕްގައި ގާނާ ވަނީ ކުއާޓާ ފައިލުން ޖާގަ ހޯދާފައެވެ. އަދި ގާނާ އަކީ އެ މުބާރާތުގެ ގްރޫޕް ސްޓޭޖު ކަޑައްތުކޮށް ދެވަނަ ބުރަށް ދިޔަ ހަމަ އެކަނި އެފްރިކާ ޓީމު ވެސް މެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު