ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބުދުލްގައްޔޫމުގެ ވެރިކަމުގައި ކުރައްވާފާއިވާ ކުށްތައް ބެލުމަށް އެމަނިކުފާނު ހައްޔަރު ކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ރީކޯ މޫސާ މަނިކު، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށާއި، ހޯމް މިނިސްޓަރު ހަސަން އަފީފަށް ގޮވާލައްވައިފި އެވެ.
ޅ. ހިންނަވަރުގައި ރޭ ބޭއްވި އެމްޑީޕީގެ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ، އިދިކޮޅު ޑީއާރުޕީގެ ޒައީމު އަދި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫނު އަބުދުލްގައްޔޫމުގެ ވެރިކަމުގައި އަނިޔާވެރި އެތައް އަމަލުތަކެއް ހިންގާފައިވާ ކަމަށެވެ. އެގޮތުން ދީނީ އިލްމުވެރިންނަށް ބޮޑެތި އަނިޔާތަކެއް މައުމޫނުގެ ސަރުކާރުން ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޒައީމް މައުމޫނު ސިޔާސީ މައިދާނަށް އަލުން ނުކުންނެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ދެކެވޭ ވާހަކަތަކާއި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިނަށް އެމަނިކުފާނު ނިކުންނަވާނެ ކަމަށް އިއްލާން ކުރެއްވުމާގުޅިގެން، ވެސް މޫސަ ވަނީ ޒައީމު މައުމޫނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. މޫސަ ވިދާޅުވީ، ސިޔާސީ ހަޔާތް ނިންމަވާލެއްވުމަށް ފަހު، އަލުން ސިޔާސީ މައިދާނަށް ނިކުންނަވަނީ ކުރީގެ ހުދުމުހުތާރު ކަން އަލުން ކުރިއަށް ގެންދަވަން ކަމަށް ވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އިދިކޮޅު ފަރާތްތަކުން، ކެމިނެޓް މިނިސްޓަރުންނަށް ރުހުން ނުދެއްވާ މައްސަލައަށް ފާޑު ވިދާޅުވަމުން މޫސަ ވިދާޅުވީ، މި ސަރުކާރު ހިންގަން ނިކުމެ ތިބީ ވަރަށް ހިތްވަރާއި އެކު ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގައި ހުރިހާ މިނިސްޓަރުންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގިޔަސް، ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު އެކަނި ހުންނަވައިގެން ވެސް މި ގައުމު ހިންގަވާނޭ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިތިބީ ވަރަށް ހިއްވަރާއެކީ ނުކުމެ މިސަރުކާރު ހިންގަން. ހުރިހާ މިނިސްޓަރުން ދުއްވާލިޔަސް، ރައީސުލްޖުމްހޫރިއްޔާ އެކަނި އިންނެވިޔަސް މި ގައުމު ހިންގަވާނެ ރައްޔިތުންނާ އެކީގައި. އެމީހުންނަށް (އިދިކޮޅު ފަރާތްތަކަށް) އެ އުޅެނީ އޮޅިގެން. އަޅުގަނޑުމެންގެ އެ ހިއްވަރު އެބަހުރި. މި ގައުމު އަނިޔާވެރިންގެ ބަޔަކަށް ދެނެއް ނުދޭނަން. އަޅުގަނޑުމެން މި ގައުމު ސަލާމަތުގެ މަގަށް ގެންދާނަން."
މޫސަ ވިދާޅުވީ، މި ސަރުކާރު މިހާތަނަށް ގެނަސްފައި ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މަސައްކަތާއި ހިތްވަރުން ކަމަށެވެ. އެހެންކަމުން ކައުންސިލް އިންތިހާބުގެ އެންމެ ގޮނޑިއެއް ވެސް އިދިކޮޅު ފަރާތްތަކަށް ދީގެން ނުވާނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.