ޔާމީން ޑީއާރުޕީއާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަ ދައްކަވާ ކަމަށް ޑީއާރުޕީން ބުނެފި

ޑީއާރުޕީއާ ބެހޭ ގޮތުން ޕީއޭގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހަގީގަތާ ހިލާފު ވާހަކަތައް ދައްކަވަމުން ގެންދަވާ ކަމަށް ބުނެ ޑީއާރްޕީން އެކަން ކުށްވެރިކޮށްފި އެވެ.


ޑީއާރްޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ، "މެދުކެނޑުމެއް ނެތި (ޔާމީން) ކުރައްވަމުން ގެންދަވާ އެފަދަ ކަންކަމީ އޭގެ ނޭދެވޭ އަސަރު ޑީއާރުޕީގެ ކެންޑިޑޭޓުންނަށާއި ޑީއާރުޕީގެ އާންމު މެމްބަރުންނަށާއި ސަރުކާރާ އިދިކޮޅު އެންމެހާ ދިވެހި ރައްޔިތުންނަށް ކުރާނޭ ކަމެއް ކަމުގައި ޑީއާރުޕީން ދެކޭ،" ކަމަށެވެ.


އެ ނޫސްބަޔާނުގައިވާ ގޮތުގައި، ޑީއާރުޕީ، ޕީއޭ ކޯލިޝަން ކޮމެޓީ ނުބޭއްވިދާތީ އެކަމުގެ ޒިންމާ ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ނަންގަވަން ޖެހޭނެ ކަމަށް ވިދާޅުވެ، ސަން އޮންލައިނަށާއި ދިޓީވީއަށް ޔާމީން ދެއްވި ބަސްތީގަތުމުގައި ވަނީ "ހަގީގަތް އޮޅުވާލާފައި" އެވެ. 


އެއީ ޑީއާރުޕީ އާއި ތަސްމީންގެ އަގު ވައްޓާލަން ދައްކަވާފައިވާ ވާހަކަފުޅުތަކެއް ކަމަށް ވެސް ޑީއާރްޕީން ތުހުމަތުކޮށްފައިވެ އެވެ.


"ޑީއާރުޕީ، ޕީއޭ ކޮމެޓީ ބޭއްވުމަށް ޓަކައި ޚުދު ޑީއާރުޕީގެ ލީޑަރު އިސް ނަންގަވައިގެން މީގެ އެތަކެއް މަހެއްގެ ކުރިން ޕީއޭގެ ރައީސާ ބައްދަލު ކުރައްވައި އެމަނިކުފާނު ވިދާޅުވި ތަނެއްގައި ވިދާޅުވި ވަގުތެއްގައި ބައްދަލުވުންތައް ބާއްވަން ހުށަހަޅާފައިވާނެ" ކަމަށް ޑީއާރްޕީގެ ނޫސް ބަޔާނުގައިވެ އެވެ.


އަދި އެ ބައްދަލުވުންތައް ބާއްވާނީ ޕީއޭގެ ނައިބު ޒައީމް މޫސާ ޒަމީރު މެދުވެރިކޮށްގެން ކަމަށް ދެ ފަރާތުން އެއްބަސްވި ނަމަވެސް، "މިއަދާ ހަމައަށް އައިއިރު ވެސް މިގޮތުން އެންމެ ބައްދަލުވުމެއް ބާއްވާނެ ތަނަކާއި ވަގުތެއް ހަމަޖައްސާދެއްވާފައި ނުވާ،" ކަމަށެވެ.


"އަދި މިކަމާ ގުޅިގެން ޑީއާރްޕީގެ ލީޑާ ވަނީ ޕީއޭގެ ނައިބު ރައީސަށް ތަކުރާރުކޮށް މިކަން ހަނދުމަފުޅުކޮށް އަރުވައިފަ އެވެ. އަދި މީގެ އިތުރުން ޑީއާރްޕީ، ޕީއޭ ގެ ޕާލިމެންޓްރީ ބައްދަލުވުންތަކަށް ޕީއޭގެ ރައީސް ވަޑައިނުގަންނަވާތާ ދޮޅުއަހަރެއްހާ ދުވަސް ވެފައިވާއިރު ޕީއޭގެ މެމްބަރުން ވެސް މި ބައްދަލުވުންތަކުގައި ބައިވެރިނުވުމަށް އަންގާފައިވޭ،" ޑީއާރްޕީގެ ބަޔާނުގައިވެ އެވެ.  


އެ ނޫސް ބަޔާން ނިންމާލާފައިވަނީ، ޑީއާރްޕީއާ ގުޅޭ ގޮތުން ހަގީގަތާ ޚިލާފް ޒިންމާދާރުކަން ކުޑަ ވާހަކަތައް ނުދެއްކެވުމަށް ޔާމީނަށް ނަސޭހަތްތެރިވަމުން ނެވެ.


ނަމަވެސް ޕީއޭގެ ލީޑަރު އަބްދުﷲ ޔާމީން އެކަން ދޮގު ކުރައްވަ އެވެ. އޭނާ މިރޭ ވިދާޅުވީ ދެ ޕާޓީގެ ކޯލިޝަން ބައްދަލުވުންތައް ނުބޭއްވި ވަނީ ޑީއާރުޕީން އެ ބައްދަލުވުންތައް ބޭއްވުމަށް ބޭނުން ނުވާތީ ކަމަށާއި އަދި މިއަދާ ޖެހެންދެން ވެސް ކޯލިޝަން ކޮމެޓީގައި ޑީއާރުޕީން ތިބޭނީ ކޮން ބަޔެއްކަން ޑީއާރުޕީން ކަނޑައަޅާފައި ނުވާ ކަމަށެވެ.


ޔާމީން ވިދާޅުވީ ކޯލިޝަން ބައްދަލުވުންތައް ބާއްވާނެ ތަނެއް ނޭނގިގެން ޑީއާރުޕީ އަށް އުޅެން ނުޖެހޭނެ ކަމަށާއި އެ ބައްދަލުވުންތައް ބޭއްވުމަށް އެއްބަސްވުމުގައި އޮންނާނީ ޑީއާރުޕީ އޮފީހުގައި ކަމަށެވެ. އަދި ބައްދަލުވުންތަކުގެ ޔައުމިއްޔާތައް ބެލެހެއްޓުމަށް އެއްބަސްވެފައި ވާނީ ވެސް ޑީއާރުޕީން ކަމަށެވެ.


ޔާމީން ވިދާޅުވި ގޮތުގައި ކޯލިޝަން ބައްދަލުވުންތައް ބޭއްވުމަށް ޑީއާރުޕީ އަށް ސީދާ ޔާމީނާ ގުޅުއްވޭނެ ކަމަށާއި ކުރިން ވެސް ބައްދަލުވުންތައް ބާއްވާފައި ވަނީ  ދެ ފަރާތްތުން އެސްއެމްއެސް ކޮށްގެން ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު