ޑީއާރްޕީގެ އެތެރޭގައި އަރައިރުންވާނަމަ ޕާޓީގެ މެންބަރުން ފިނޑިވެ، ޑީއާރުޕީގެ ބާރު ކެނޑިދާނެ ކަމުގެ އިންޒާރު ޒައީމް މައުމޫން ދެއްވައިފި

ޑީއާރްޕީގެ އެތެރޭގައި އަރައިރުވުންތައް އުފެދޭނަމަ ޕާޓީގެ މެންބަރުން ފިނޑިވެ، ޑީއާރުޕީގެ ބާރު ކެނޑިގެން ހިނގައިދާނެ ކަމުގެ އިންޒާރު އެ ޕާޓީގެ ޒައީމް އަދި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ދެއްވައިފި އެވެ.


ޑީއާރްޕީގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުންނާއި އެ ޕާޓީންގެ ޓިކެޓްގައި ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ އިތުރުން ޕާޓީގެ މެންބަރުންނާ ބައްދަލު ކުރެއްވުމަށް  ބުރާސްފަތި ދުވަހުގެ ރޭ ކަލާފާނު ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މައުމޫން ވިދާޅުވީ ހިޔާލު ތަފާތުވުމަކީ އިންސާނުންގެ ތަބީއީ ކަމެއް ކަމުގައި ވިޔަސް ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައިވާއިރު، މި ދަނޑިވަޅުގައި ޕާޓީގެ އެއްބައިވަންތަކަން ދައްކުވައިދޭން ޖެހޭނެ ކަމަށެވެ.


ހިޔާލު ތަފާތުވުންތައް އޮތް ނަމަވެސް ބައިބައިވުމަށް ފުރުސަތު ނުދިނުމަކީ އެންމެންގެ ވާޖިބެއް ކަމަށް ދެކިގެން ހިޔާލު ތަފާތުވުންތައް ހައްލު ކުރަން މުސްލިމުނަށް އޮތް އިރުޝާދަކީ މާތްވެގެންވާ ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތް ކަމަށް މައުމޫން ވިދާޅުވި އެވެ.


އެގޮތުން ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތުން ދަލީލު ދައްކެވުމަށް ފަހު އެމަނިކުފާނު ވިދާޅުވީ ޕާޓީގެ އެތެރޭގައި އަރައިރުންތައް އުފެދޭނަމަ ޕާޓީގެ މެންބަރުން ފިނޑިވެ، ދިވެހިރާއްޖޭގައި ޑީއާރުޕީއަށް އޮތް ބާރު ކެނޑިގެން ހިގައިދާނެ ކަމަށެވެ.


"އަޅުގަނޑުމެންގެ މެދުގައި އެއްވެސް ކަމަކާބެހޭ ގޮތުން ހިޔާލު ތަފާތުވުންތައް އުފެދިގެން އަރައިރުމަކަށް ބަދަލުވެގެން ހިގައްޖެނަމަ އެކަމުގެ އަސަރު އަޅުގަނޑުމެންނަށް ނުކޮށެއް ނުދާނެ. މުޅި ފާޓީއަށް ނުކޮށެއް ނުދާނެ. އަދި އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ ހިތްތަކަށް ފިނޑިކަން ލިބޭނެ. އަދި އަޅުގަނޑުމެންގެ ބާރު ނެތިގެން ހިނގައިދާނެ." މައުމޫން ވިދާޅުވި އެވެ.


ޑީއާރުޕީގެ ޒައީމްގެ ހައިސިއްޔަތުން އަދި ޕާޓީގެ މެންބަރުންގެ "ބައްޕަ"އެއްގެ ހައިސިއްޔަތުން، އެތައް ސަތޭކަ މީހުންނާ މުހާތަބުކޮށް ރައީސް މައުމޫން ވިދާޅުވެފައިވަނީ "ޑީއާރުޕީއަކީ އެއް ރޫހެއްގައި އެއް އަޒުމެއްގައި މަސައްކަތް ކުރާ އެއްބައިވަންތަ ޕާޓީއެއްކަން މިވަގުތު ދިވެހި ގައުމަށް ސާބިތުކޮށް ދިނުމަކީ އަޅުގަނޑުމެން އެންމެންގެ ވާޖިބެއް." ކަމަށެވެ.


ޑީއާރްޕީ އެތެރޭގައި މިހާރު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކަށް އިޝާރާތް ކުރައްވާ ޒައީމް މައުމޫން ވިދާޅުވީ ޑީއާރްޕީ އުފެދުނީ ވަރަށް މަތިވެރި މަގުސަދުތަކަކަށްޓަކައި ކަމަށާއި އެ މަގުސަދުތަކުގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. އަދި ޑީއާރްޕީގެ މެންބަރުންގެ އަޒުމުގެ ސަބަބުން ޑީއާރުޕީއަކީ އަދިވެސް ރާއްޖޭގައި އެންމެ ބޮޑު ތާއީދެއް އޮތް އަދި އެންމެ މަގުބޫލު ޕާޓީ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.


ޕާޓީގެ ހިޔާލު ތަފާތުވުންތަކާއި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ މައްޗަށް އަލިއަޅުވައިލައްވައި ވާހަކަފުޅުދެއްކެވި ކަމުގައި ވިޔަސް، ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު އެ ޕާޓީގެ މެންބަރުންގެ ދަފްތަރުން އުނިކޮށް، އޭނާ ޕާޓީން ވަކިކުރުމާ ގުޅިގެއް އެކަމަށް އަލިއަޅުވައިލައްވާ އެއްވެސް ވާހަކަފުޅެއް ރައީސް މައުމޫން ވިދާޅެއް ނުވެ އެވެ.


ކަލާފާނު ސްކޫލްގައި އޮތް ޖަލްސާއަށް ޒައީމް މައުމޫންގެ ފަރާތްޕުޅުން ދައުވަތު އެރުވި ބޭފުޅުންގެ ތެރެއިން އެންމެ ފުރަތަމަ ޖަލްސާގެ ތެރެއަށް ވަޑައިގަތީ ޕާޓީގެ ލީޑަރު ތަސްމީން އަލީ އެވެ. އޭރުވެސް ޕާޓީ ވަކިކުރައްވާފައިވާ އުމަރު ނަސީރު ވަޑައިގެން ބޭރުގައި ހުންނެވި އެވެ. ތަސްމީންގެ ފަހަތްޕުޅުން އޭނާއަށް ތާއީދުކުރާ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ވަޑައިގަތުމުން އެ ސަރަހައްދުގައި ތިބި ޑީއާރުޕީގެ މެންބަރުން ވަނީ މަރުހަބާ ދެންނެވުމުގެ ގޮތުން އަތްތިލަބަޑި ޖަހައިފަ އެވެ. އޭގެ ގާތްގަނޑަކަށް 15 ވަރަކަށް މިނެޓްފަހުން އުމަރާއި އޭނާއަށް ތާއީދުކުރާ އިސް މެންބަރުން ވަޑައިގަތުމުން އުމަރަށް ސަޕޯޓް ކުރާ މީހުންގެ އަޑު އެކީއެކަށް ގުގުމައިލި އެވެ. އުމަރުވެސް ސަޕޯޓަރުންގެ ތެރެއަށް ވަދެވަޑައިގެން ސަޕޯޓަރުންނާއި ސަލާމް ކުރިއެވެ. އޭރު ތަސްމީން ހުންނެވީ މަންޒަރު ބައްލަވަން ދުރުގަ އެވެ. އޭގެ ފަހުން އުމަރު ވަޑައިގަތީ ތަސްމީން އަރިހަށެވެ. ދެ ހަތުރުންގެ ގޮތުގައި ބެލެވިފައިވާ ދެބޭފުޅުން  ސަލާމް ކުރެއްވުމަށް އިސް ނެންގެވީ އުމަރެވެ. އެވަގުތު ޑީއާރުޕީގެ މެންބަރުން ވަނީ  އުފަލުން ހަޅޭއްލަވައި މަރުހަބާ ކިޔައިފަ އެވެ. އޭގެ ފަހުން ތަސްމީނާއި އުމަރުވެސް އޭނާއަށް ތާއީދުކުރާ އިސް މެންބަރުންނާއެކު ތިއްބެވީ ދުރުގަ އެވެ. ނަމަވެސް ފަހުން ޒައީމް މައުމޫނަށް އިސްތިގުބާލު ކުރެއްވުމަށް ދެބޭފުޅުން ވަޑައިގެންނެވީ އެކީގަ އެވެ. ޖަލްސާގައި މައުމޫން ވާހަކަފުޅު ދެއްކެވި އިރު އުމަރާއި ތަސްމީން ތިއްބެވީ ވެސް އެކީގައި ޖެހިޖެހިގެނެވެ.


ޖަލްސާ އަށްފަހު ރައީސް މައުމޫން ވަނީ ޕާޓީގެ ލީޑާޝިޕްގައި މިހާރު ތިއްބެވި ބޭފުޅުނާއި އުމަރު ފެކްޝަންގެ ބޭފުޅުންނާއެކު އެއްމޭޒު ދޮށުގައި ސައިފޮދަކަށް އިންސާފު ކުރައްވާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު