ބަދަލުގެ ގޮތުގައި ޖީއެމްއާރަށް 1.4 ބިލިއަން ޑޮލަރު ދައްކަން ނުޖެހޭނެކަން އެެނގިއްޖެ: ބަންޑާރަ ނައިބު

ޖީއެމްއާރު އެއްބަސްވުން އުވާލީ ގާނޫނާ ހިލާފަށް ކަމަށް އާބިޓްރޭޝަނުން ފުރަތަމަ މަރުހަލާއިން ކަނޑައެޅި ނަމަވެސް ބަދަލުގެ ގޮތުގައި 1.4 ބިލިޔަން ޑޮލަރު ޖީއެމްއާރަށް ދޭން ނުޖެހޭނެކަން ކަށަވަރުވެއްޖެ ކަމަށް ބަނޑާރައިބު މުހައްމަދު އަނީލް ވިދާޅުވެއްޖެ އެވެ.

އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމަށް ދިވެހި ސަރުކާރާއި ޖީއެމްއާރާ ދެމެދު ވެފައިވާ އެއްބަސްވުން ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން އުވާލުމުން ޖީއެމްއާރުން ދައުވާ ކުރީ ބަދަލުގެ ގޮތުގައި 1.4 ބިލިއަން ޑޮލަރު ހޯދުމަށެވެ.

ނަމަވެސް ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ބަންޑާރަ ނައިބު ވިދާޅުވީ ސިންގަޕޫޫގެ އާބިޓްރޭޝަންގައި ހިނގަމުންދާ މައްސަލައިގެ ފުރަތަމަ މަރުހަލާ ނިމިގެން ދިޔަ ގޮތަށް ބަލާ އިރު އެ އަދަދާ އެއްވަރުގެ އަދަދެއް ވެސް ދިވެހި ސަރުކާރުން ދައްކަން ނުޖެހޭނެ ކަން އެނގިގެން ހިނގައްޖެ ކަމަށެވެ.

"އާބިޓްރޭޝަންގެ ފުރަތަމަ މަރުހަލާ ނިމުނު ގޮތަށް ބަލާ އިރު ނިންމުމުގައި ބުނެފައި މިވަނީ އެއްބަސްވުން ވެފައި ވަނީ ރަނގަޅަން ކަމަށާއި އެއްބަސްވުން ބާތިލުކޮށްފައި ވަނީ ރަނގަޅަށް ނޫން ކަމަށް. އެހެން ނަމަވެސް އަޅުގަނޑުމެން ވަކާލާތު ކުރި ގޮތަށް އެއްބަސްވުން ބާތިލު ކުރެއްވިއްޖެ ނަމަ ދޭން ޖެހޭ ބަދަލު މިވަނީ ހިފެހެއްޓިފައި. އެހެންވީމާ ޖީއެމްއާރުން ދޭން ޖެހޭނެ ކަމަށް މިބުނާ 1.4 ބިލިޔަން ޑޮލަރު ދޭން ނުޖެހޭނެކަން ކަށަވަރުވެގެން މިދިޔައީ. އަދި އެއާ ގާތްކުރާ އަދަދެއް ވެސް ދޭން ނުޖެހޭނެކަން ކަނޑައެޅިގެން މިދިޔައީ،" އަލަށް ވަކީލު ކަމުގެ ހުވާ ކުރުމަށް ޒުވާނުންގެ މަރުކަޒުގެ ސެމިނާ ރޫމްގައި މިއަދު ބޭއްވި ބައްދަލުވުމަށް ފަހު ބަންޑާރަ ނައިބު ވިދާޅުވި އެވެ.

އަނީލް ވިދާޅުވީ ދިވެހި ސަރުކާރުން ޖީއެމްއާރަށް ބަދަލުގެ ގޮތުގައި ދޭން ޖެހޭނެ މިންވަރު އެނގިގެން ދާނީ އާބިޓްރޭޝަންގެ ދެވަނަ މަރުހަލާ ނިމުމުން ކަމަށެވެ. އަދި ވިދާޅުވީ އާބިޓްޝަންގެ ދެ ވަނަ މަރުހަލާ ފެށުމަށް އަހަރެއް ނުވަތަ މަސްތަކެއް ވެގެންދާނެ ކަމަށެވެ.

ޖީއެމްއާރަށް ބަދަލުދޭން ޖެހޭނެ ގޮތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އަނިލް ވިދާޅުވީ އާބިޓްރޭޝަންގެ އިއްޔެގެ ނިންމުމަށް ބަލާ އިރު ޖީއެމްއާރަށް ބަދަލު ދޭން ޖެހޭނީ ގައުމީ މަސަލަހަތަށް ޓަކައި ނުވަތަ އާންމު މަންފާއަށް ޓަކައި ނުވަތަ އާންމު މަސްލަހަތަށް ޓަކައި އެއްބެސްވުން އުވާލުމުގެ ސަބަބުން ދޭން ޖެހޭ ގެއްލުމުގެ ބަދަލު އެކަނި ކަމަށެވެ. އެގޮތުން ބަދަލުގެ ގޮތުގައި ޖީއެމްއާރަށް ދޭން ޖެހޭ އަދަދު ކަނޑައެޅިގެންދާނެ ފޯމިއުލާއެއް އާބިޓްރޭޝަންގެ އިއްޔެގެ ނިންމުމުން ކަނޑައަޅާފައިވާ ކަމަށް ވެސް އަނިލް ވިދާޅުވި އެވެ. ނަމަވެސް އެ ފޯމިއުލާއާ ބެހޭ އެއްވެސް މައުލޫމާތެއް ދެވެން ނެތް ކަަމަށް ބަންޑާރަ ނައިބު ވިދާޅުވި އެވެ.

ބަންޑާރަ ނައިބު ވިދާޅުވީ ދިވެހި ސަރުކާރުން ޖީއެމްއާރަށް ދޭން ޖެހޭ ބަދަލުގެ މިންވަރު އެނގިގެންދާނީ އާބިޓްރޭޗަންގެ ދެ ވަނަ މަރުހަލަގައި ދިވެހި ސަރުކާރާއި ޖީއެމްއާރުގެ އެކްސްޕާޓުންގެ ހުށަހެޅުންތަކާއި ދެކެވޭ ވާހަކަތަކަށް ފަހުގައި ކަމަށެވެ. އެހެން ނަމަވެސް ޖީއެމްއާރުން ބަދަލުގެ ގޮތުގައި ހޯދުމަށް ހުށަހަޅަފައިވާ އަދަދު ދޭން ނުޖެހޭނެ ކަމަށް ތަކުރާރުކޮށް އަނިލް ވިދާޅުވި އެވެ. އަދި ވިދާޅުވީ ބަދަލުގެ ގޮތުގައި ޖީމްއާރަށް ދޭންޖެހޭނެ ކަމަށް ސަރުކާރަށް ލަފާ ކުރެވޭ އަދަދެއް ވެސް އެބައޮތް ކަމަށާއި އެހެން ނަމަވެސް އެއަދަދު ހާމަކުރައްވަން ބޭނުންފުޅު ނުވާ ކަމަށެވެ.

އަނިލް ވިދާޅުވީ އާބިޓްރޭޝަންގެ ފުރަތަމަ މަރުހަލާ އިން ދިޔަ ދިވެހި ސަރުކާރަށް ކާމިޔާބު ލިބިފައިވާ ކަމަށް ގަބޫލު ކުރައްވާ ކަަމަށެވެ. އެގޮތުން އަނިލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރުން ވަކާލާތު ކުރެއްވީ ބަދަލުގެ ގޮތުގައި ހޯދުމަށް ޖީއެމްއާރުން ހުށަހަޅާފައިވާ އަދަދު ކުޑަކުރުމަށް ކަމަށާއި އަދި އެކަން ދިވެހި ސަރުކާރަށް ކާމިޔާބުވެފައިވާ ކަަމަށެވެ.

ސިންގަޕޫރު އާބިޓްރޭޝަނުން އިއްޔެ ނިންމި ނިންމުމުގައި ޖީއެމްއާރުގެ އެއްބަސްވުން ސަރުކާރުން އުވާލުމުން، ބަދަލުގެ ގޮތުގައި ދޭން ޖެހޭ އަދަދެއް ކަނޑައަޅާފައެއް ނުވެ އެވެ. ނަމަވެސް އާބިޓްރޭޝަނަށް ހިނގި ހަރަދުގެ ގޮތުގައި ހަތަރު މިލިއަން ޑޮލަރު (61.68 މިލިއަން ރުފިޔާ) 42 ދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުން ދައްކަން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު