ފީފާ ވޯލްޑް ކަޕްގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ އިނގެރޭސިވިލާތާ ދެކޮޅަށް އުރުގުއާއީ ވާދަކުރާ މެޗްގެ ރެފްރީއަކަށް ސްޕެއިންގެ ވެލަސްކޯ ކާބަލޯ ހަމަޖެހިއްޖެ އެވެ.
ލަލީގާ ރެފްރީކަން ކުރަމުންއަންނަ އުމުރުން 43 އަހަރުގެ ކާބަލޯ، ވޯލްޑް ކަޕްގެ ރެފްރީކަން ކުރާ މިއީ ފުރަތަމަ މެޗެވެ. ކާބަލޯގެ އެސިސްޓެންޓަކަށް އެ މެޗުގައި ހަރަކާތްތެރި ވާނީ ރޮބާޓޯ އޮލޮންސޯ ފެނާންޑޭޒް އާއި ހުއާން ކާލޯސް ޔުސްޓޭ ޖެމިނޭޒް އެވެ.
ކާބަލޯ ވަނީ 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗް ޕޯލެންޑްއާއި ގްރީސް މެޗުގަ އިންސާފު ކޮއްފައެވެ. އޭނާ ވަނީ މެޗުގައި ޕޯލެންޑްގެ ގޯލްކީޕަރު ވޮޖިޗެޗް ސިޒެސްނީ އަދި ގްރީސްގެ ޑިފެންޑަރަ ޕަޕަސްތަޕޮލިއަސް ރަތްކާޑު ދައްކއި ދަނޑުން ފޮނުވާލައިފައެވެ.
މިދިޔަ ސީޒަންގައި ޗެންޕިއަންސް ލީގުގެ ހަ މެޗެއްގައި ކާބަލޯ ވަނީ އިންސާފު ކޮއްދީފައެވެ. ކުރިން އިންޖިނިއަރެއްގެ ވަޒީފާ އަދާކުރި ކާބަލޯ ވަނީ މިދިޔަ ސީޒަންގައި މެންޗެސްޓާ ޔުނައިޓެޑާއި ބެޔާންމިއުނިކް ވާދަކޮއް 1-1 އެއްވަރުވި މެޗްގައި ބަޔާން މިއުނިކްގެ ބަސްޓިއަން ޝުވަންސްޓައިގާއަށް ރަތްކާޑު ދައްކާފައެވެ.
އެންމެ ފަހުން ވޯލްޑް ކަޕްގެ ފައިނަލް މެޗް އިންސާފުކޮއްދިން ރެފްރީ އިނގިރޭސިވިލާތުގެ ހޮވާޑް ވެބްގެ މިފަހަރު ފުރަތަމަ މެޗަށް ވެގެންދާނީ ބުރާސްފަތި ދުވަހުގެރޭ 9:00ގައި އައިވަރީ ކޯސްޓާއި ކޮލަމްބިޔާ ވާދަކުރާ މެޗެވެ. ވެބްގެ އެސިސްޓެންޓަކަށް އެ މެޗުގައި ނުކުންނާނީ މައިކަލް މުލާކޭ އާއި ޑެރެން ކެން އެވެ.