މި އަހަރުގެ ފުޓްބޯޅަ ސީޒަންގައި ބީޖީ ސްޕޯޓްސް ކްލަބުގެ ޓާގެޓަކީ ގަދަ ހަތަރަކުން ޖާގައެއް ހޯދުން ކަމަށް އެ ޓީމުގެ އެސިސްޓެންޓް ކޯޗް ހަސަން ހަމީދު (ޑަކޭ) ބުނެފި އެވެ.
މި އަހަރުގެ ދިރާގް ދިވެހި ލީގުގައި މާޒިޔާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ޑަކޭ ބުނީ ނިމިދިޔަ ސީޒަންގެ ތަޖުރިބާ އަށް ބަލާފައި މި އަހަރުގެ ޓީމުގެ ސްކޮޑުގައި ޒުވާން ކުޅުންތެރިން ގިނަ ކަމަށާއި އެކުޅުންތެރިންނާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި ޓީމުގައި ތިބި ބިދޭސީ ކުޅުންތެރިންނާ މެދުވެސް ހިތްހަމަ ޖެހޭ ކަމަށް ޑަކޭ ބުންޏެވެ.
"ޓީމުގައި އޮތީ ޒުވާން ސްކޮޑެއް. އެސްކޮޑާ މެދު ހިތްހަމަޖެހޭ. ބީޖީގެ ޓާގެޓަކީ މިފަހަރު ވެސް ގަދަ ހަތަރަކުން ޖާގަ ހޯދުން." ޑަކޭ ބުންޏެވެ.
ޑަކޭ ބުނީ، ދިވެހި ލީގުގައި ބީޖީ ކުޅެން ޖެހޭ ފުރަތަމަ މެޗުގައި މާޒިޔާއާ ދެކޮޅަށް ކުޅެން ޖެހުމަކީ މައްސަލައެއް ނޫން ކަމަށާއި މާޒިޔާއާ ދެކޮޅަށް ނުކުންނާނީ ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދުގައި ކަަމަށެވެ. އަދި ލީގުގައި ވާދަކުރާ ކޮންމެ ޓީކަމީ ވެސް ވަރުގަދަ ޓީމެއް ކަމަށާއި އެހެން ކަމުން ކޮންމެ ޓީމަކާ ދެކޮޅަށް ވެސް ބީޖީން ކުރިމަތިލާނީ އެކަން ދަނެގެން ކަމަށް ޑަކޭ ބުންޏެވެ.
މާޒިޔާއާ ދެކޮޅަށް ބީޖީ ކުޅޭ މެޗް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 4:00ގައި ގައުމީ ފުޓްބޯޅަ ދަނޑުގަ އެވެ.
މިފަހަރުގެ ދިވެހި ލީގުގައި ބީޖީއާއި މާޒިޔާގެ އިތުރުން ދެން ހިމެނޭ ޓީމްތަކަކީ ނިއު އާއި އޭވައިއެލް އާއި ވެލެންސިއާ އާއި ވިކްޓަރީ އާއި އީގަލްސް އާއި މުޅިން އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ މަހިބަދޫ ސްޕޯޓްސް ކްލަބެވެ.