އަމިއްލައަށް ކޯޓަށް ހާޒިރުވާނަން: އުމަރު

މާދަމާ ކްރިމިނަލް ކޯޓުގައި އޮންނަ ޝަރީއަތުގެ މަޖިލީހަށް އަމިއްލަފުޅަށް ހާޒިރުވެވަޑައިގަންނަވާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ސަން އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އުމަރު ވިދާޅުވީ އެނާ މި ވަގުތު ހުންނެވީ މާލެގައި ކަމަށާއި މާދަމާ ޝަރީއަތަށް އަމިއްލަފުޅަށް ހާޒިރުވަޑައިގަންނަވާނެ ކަމަށެވެ.

އުމަރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާގެ ޝަރީއަތެއް މާދަމާ ބާއްވަން ތާވަލްކޮށްފައިވާއިރު، އެ ޝަރީއަތަށް އުމަރު ހައްޔަރުކޮށްގެން ހާޒިރުކޮށްގެންދިނުމަށް ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ. މާދަމާ ޝަރީއަތް ބޭއްވުމަށް ހަމަ ޖެހިފައިވަނީ ހެނދުނު 11:00 ގަ އެވެ.

އުމަރު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އަމުރު ނެރެފައި ވަނީ ރަސްމީ ދަތުރުފުޅެއްގައި އޭނާ ރާއްޖެއިން ބޭރަށްފުރާވަޑައިގަންނަވަން ޖެހިވަޑައިގަތުމުން ދެފަހަރެއްގެމަތިން ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފައި ވަނިކޮށެވެ.

ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވީ އުމަރު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރު ތަންފީޒު ކުރައްވާނެ ކަމަށެވެ.

އުމަރުގެ މައްޗަށް އަމުރަށްނުކިޔަމަންތެރިވުމުގެ ދައުވާ އުފުލާފައި ވަނީ 50 ހަރުގަނޑު ބޭނުންކޮށްގެން ސިފައިންގެ މައި މަރުކަޒުގެ ތެރެއަށް ވަނުމަށް ދޭހަވާގޮތަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާއެއްގައި ވާހަކަ ދައްކަވާފައިވާ ކަމަށް ތުހުމަތުކޮށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު