ކުރީގެ ރައީސް މައުމޫން މެލޭޝިޔާގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ޒިޔާރަތްކުރައްވައިފި

ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްގައްޔޫމް މެލޭޝިޔާގައި ހުންނަ ދިވެހި ރާއްޖޭގެ ހައިކޮމިޝަނަށް ޒިޔާރަތް ކުރައްވައިފި އެވެ.

ރައީސް މައުމޫންގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މައުމޫން ހައިކޮމިޝަނަށް ޒިޔާރަތް ކުރެއްވުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ މެލޭޝިޔާގައި ހުންނަވާ ދިވެހި ރާއްޖޭގެ ހައިކޮމިޝަނަރު މުޙަންމަދު ފަޔާޟާއި، ޑެޕިއުޓީ ހައިކޮމިޝަނަރު މުޙަންމަދު ފަހުމީ ޙަސަނާއި ހައިކޮމިޝަންގެ އެހެން ވެރިންނާއި މުވައްޒަފުން ކަމަށެވެ.

އެ ޒިޔާރަތުގައި ހައިކޮމިޝަންގެ މުވައްޒަފުންނާ ބައްދަލުކުރައްވައި އެބޭފުޅުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ޓަކައި ކުރީގެ ރައީސެއްގެ ޙައިޞިއްޔަތުންނާއި ޕީޕީއެމްގެ ރައީސްގެ ޙައިޞިއްޔަތުން ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވި ކަމަށް މައުމޫންގެ އޮފީހުން ބުންޏެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހި ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މަޤްޞަދުތައް ޙާޞިލު ކުރެއްވުމަށް ޓަކައި ދިވެހި ހައިކޮމިޝަނުން ކުރައްވާ މަސައްކަތްތަކަށް ތާރީފް ކުރެއްވި އެވެ.
ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މަގްޞަދުތައް ޙާޞިލްކުރުމަށް މަގުފަހިކުރުމުގެ ގޮތުން ދިވެހި ހައިކޮމިޝަނުން އެކުލަވާލައްވާފައިވާ އެކްޝަން ޕްލޭންގެ ތަފްޞީލުތައް ހައިކޮމިޝަނަރު މުޙަންމަދު ފަޔާޟް މައުމޫނަށް ދެންނެވި ކަމަށް ވެސް މައުމޫންގެ އޮފީހުން ބުންޏެވެ. އަދި ހައިކޮމިޝަނަރުގެ އެދިވަޑައިގަތުމުގެ މަތީން އެ އެކްޝަން ޕްލޭން ރައީސް މައުމޫން އިފްތިތާޙްކޮށްދެއްވި ކަމަށް ވެސް އެ އޮހުން ބުންޏެވެ.

އެ އެކްޝަން ޕްލޭނަކީ 2014 ޖޫން 14 ވަނަ ދުވަހުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަށް ހިންގަވާ އެކްޝަން ޕްލޭނެކެވެ. ނަމަވެސް އެެކްޝަން ޕްލޭންގެ ދަށުން ކުރަން ހަމަޖެހިފައިވާ ކަންކަމެއް އާންމެއް ނުކުރެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު