އުމަރު ޑީއާރުޕީން ވަކިކުރަން އިލެކްޝަނަށް ހުށަހަޅައިފި

ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު އެ ޕާޓީން ވަކިކުރަން ޑިސިޕްލިނަރީ ކޮމެޓީން ނިންމި ނިންމުން ތަންފީޒުކޮށް އޭނާ ޕާޓީން ވަކިކުރުމަށް ޑީއާރުޕީން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.


ޑީއާރުޕީގެ ޑެޕިއުޓީ ސެކަޓަރީ ޖެނަރަލް ހަސަން ރަޝީދު މިއަދު ވިދާޅުވީ އުމަރު ޕާޓީން ވަކިކުރުމަށް މިދިޔަ ބުދަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި އޭނާ ޕާޓީން ވަކިކުރުމަށް ހުށަހެޅީ، ޑިސިޕްލިނަރީ ކޮމެޓީގެ ނިންމުމަށް އޭނާ އިންކާރު ކުރެއްވި ނަމަވެސް، އިސްތިއުނާފުގެ މުއްދަތު ހަމަވިއިރު ވެސް އެ މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހަޅުއްވާފައި ނުވާތީ ކަމަށެވެ.


އުމަރު ޕާޓީން ވަކިކުރުށް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ކަށަރަރުކޮށްދީފަ އެވެ. އެ ކޮމިޝަންގެ ސެކަޓަރީ ޖެނަރަލް އަހުމަދު އަލިދީދީ މިއަދު ވިދާޅުވީ އުމަރު ޑީއާރުޕީން ވަކި ކުރުމަށް ހުށަހެޅުމުން އެ މައްސަލަ އިލެކްޝަންސް ކޮމިޝަނުން ބަލަމުންދާ ކަމަށެވެ.


"ސިޔާސީ ޕާޓީއަކުން މެންބަރަކު ވަކި ކުރަން އެ ޕާޓީން ހުށަހެޅުމުން އެ މައްސަލަ ކޮމިޝަނުން ބަލަން ކަނޑައަޅާފައި އޮންނަ އުސޫލުން ބަދަމުންދާނަން. އުމަރުގެ މައްސަލަ ހުށަހެޅުމުން އަޅުގަނޑުމެން މިހާރު މިދަނީ އެ މައްސަލަ ބަލަމުން." އަލިދީދީ ވިދާޅުވި އެވެ.


އުމަރު ޕާޓީން ވަކި ކުރުމަށް ޑިސިޕްލިނަރީ ކޮމެޓީން ނިންމީ މިދިޔަ މަހުގެ ދެ ވަނަ ދުވަހު އެވެ. އަދި އިސްތިއުނާފުގެ 15 ދުވަހުގެ މުއްދަތު ހަމަވީ މިދިޔަ މަހު 18 އަށެވެ.


އަލިދީދީ ވިދާޅުވީ ޑީއާރުޕީން އުމަރު ވަކިކުރަން އެ ޕާޓީގެ ކައުންސިލުން ނިންމުމާ ގުޅިގެން، އެ ނިންމުމަކީ ޑީއާރުޕީގެ އަސާސީ ގަވާއިދާ ހިލާފު ނިންމުމެއް ކަމަށް ބުނެ، އުމަރު ނަސީރު ވެސް އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އުމަރު ޑީއާރުޕީން ވަކިކުރުމަށް ނިންމީ އަސާސީ ގަވައިދާ ހިލާފަށް ކަމަށް ބުނެ، އަމިއްލަ މީހަކު ވެސް ހުށަހަޅާފައިވާ ކަމަށް އަލިދީދީ ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮންފަރާތެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.


އޭނާ ވިދާޅުވީ އިލެކްޝަން ކޮމިޝަނުން އެ ދެ މައްސަލަ މިހާރު ބަދަމުންދާ ކަމަށާއި ނަމަވެސް އެ މައްސަލަ ނިންމޭނެ ތާރީހެއް އަދި ވިދާޅުވާން ދަތިކަމަށެވެ.


އުމަރު ޕާޓީން ވަކިކުރަން ނިންމުމާ ގުޅިގެން އުމަރުގެ ފެކްޝަނުން ޑީއާރްޕީގެ ކައުންސިލަށް ވަނީ ގަރާރެއް ހުށަހަޅައިފަ އެވެ. އެ ގާރާރުގައި ބުނަނީ އުމަރު ޕާޓީން ވަކިކުރަން ޑިސިޕްލިނަރީ ކޮމެޓީން ނިންމާފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށެވެ.


އެ މައްސަލައާ ގުޅިގެން ޑީއާރުޕީގެ ޒައީމު މައުމޫން އަބްދުލްގައްޔޫމް އެ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ޕާޓީގެ ތެރޭގައި އުޅޭ މައްސަލަތައް ސުލްހަވެރިކަމާ އެކު ހައްލުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އުމަރު ޕާޓީން ވަކިކުރެއްވުމުގެ ނިންމެވުމަށް ދެކޮޅުހައްދަވައި، އުމަރަކީ އަދިވެސް ޕާޓީގެ ޑެޕިއުޓީ ލީޑަރެއް ކަމުގައި މައުމޫން ވަނީ ވިދާޅުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު