ޖޭޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ގާސިމް އަދި ޑެޕިއުޓީއަކަށް ރިޔާޒު ހޮވައިފި

ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫފްގެ ލީޑަރު ކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އަދި ޑެޕިއުޓީ ލީޑަރަކަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އިންތިހާބްކޮށްފި އެވެ.

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަދި ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ސަމީރު މިއަދު "ސަން" އަށް ވިދާޅުވީ، ޕީޖީ ގްރޫޕްގެ ލީޑަރާއި ޑެޕިއުޓީ ލީޑަރުން ހޮވާފައި ވަނީ މިއަދު ހެނދުނު ބޭއްވި އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ކަމަށެވެ.

އެ މަގާމުތަކަށް ކުރިމަތިލައްވާފައި ވަނީ އެ ދެބޭފުޅުން އެކަނި ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.

އެ ބައްދަލުުވުމުގައި ޖޭޕީގެ ޕާލިމެންޓްރީ ގްރޫޕުގެ އަމީން އާއްމު ކަމުގެ މަގާމާއި އަމީން އާއްމުގެ ނައިބުގެ މަގާމަށް ވެސް ވަނީ ބޭފުޅުން އިންތިހާބުކޮށްފަ އެވެ. އަމީން އާއްމު ކަަމަށް ހޮވިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އެވެ. އަދި އަމީން އާއްމުގެ ނައިބު ކަމުގެ މަގާމަށް ހޮވިފައިވަނީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު އެވެ.

ސަމީރު ވިދާޅުވީ، މިއަދު އެ ބައްދަލުވުމުގައި މަޖިލީހުގައި ޖުމްހޫރީ ޕާޓީ ތަމްސީލް ކުރައްވާ 15 މެމްބަރުންގެ ތެރެއިން 10 މެމްބަރަކު ޕާޓީގެ ކައުންސިލަށް ވެސް ހޮވައިފައިވާ ކަމަށެވެ. މީގެއިތުރުން ޕާޓީގެ ވިޕުންގެ ގޮތުގައި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން ވަނީ ހަމަޖައްސައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު