ރައްޔިތުން އެދޭފަދަ ބާރުވެރިކަމެއް ރައްޔިތުންނަށް ލިބިދިނުމަށްޓަކައި ލޯކަލް ކައުންސިލްގެ އިންތިހާބު ޑީއާރުޕީއަށް ކާމިޔާބުކޮށްދޭން ޑީއާރުޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް، އެ ޕާޓީގެ ލީޑަރު އަހްމަދު ތަސްމީން އަލީ ރައްޔިތުންނަށް ގޮވާލައްވައިފި އެވެ.
ޑީއާރުޕީގެ ލޯކަލްކައުންސިލް އިންތިހާބު ރަސްމީކޮށް އިފްތިތާހް ކުރުމަށް ހދ. ހަނިމާދޫގައި ރޭ ބޭއްވި އެ ޕާޓީގެ އާއްމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ވެސް މެންބަރު ތަސްމީން އަލީ ވިދާޅުވީ، ޑީއާރުޕީން ގެންގުޅެނީ ރައްޔިތުންނާ ގުޅުންހުރި ރައްޔިތުން ބޭނުންވާ ސިޔާސަތުތަކެއް ކަމަށެވެ. އަދި އެ ސިޔާސަތުގެ ބޭނުން ހިފައިގެން ރައްޔިތުންގެ ފުރިހަމަ ބާރުވެރިކަން ރައްޔިތުންނަށް ލިބިދޭނެ ފުރުސަތު އަންނަ މަހުގެ ފަސް ވަނަ ދުވަހު ރައްޔިތުންނަށް ލިބިފައިވާ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
މި ވެރިކަމުގައި، ގައުމުގެ ކޮންމެ ދިމާލަކަށް ބަލައިލިޔަސް ރައްޔިތުންގެ މޫނުމަތިން ފެންނަމުން ދަނީ މާޔޫސް ކަމާއި ކަންބޮޑުވުންކަން ތަކުރާރު ކުރައްވަމުން ތަސްމީން ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ޑީއާރުޕީއަށް ކާމިޔާބު ކޮށްދީގެން އެ ކަންބޮޑުވުންތަކާއި، މާޔޫސްކަން ފިލުވައި ލުމުގެ ފުރުސަތު، ރައްޔިތުންނަށް ލިބިފައިވާ ކަމަށެވެ. އަދި ޑީއާރުޕީ އަކީ ގައުމުގެ އިގްތިސާދާއި މިނިވަންކަމާއި އިސްތިގްލާލު ރައްކާތެރި ކުރާނެ ޕާޓީއެއް ކަމަށާއި ގައުމުގެ މަސްލަހަތާއި ސިޔާދަތަށް އަރައިފާނެ ގުޑުމަކަށް ބަލައިނުލައި، ގައުމުގެ ހަރު މުދާތައް ބޭރުގެ ފަރާތްތަކަށް ދޫކޮށްލާނެ ޕާޓީއެއްނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިފެށުނު 2011 ވަނަ އަހަރު ކުރިމަތިލާ ބޮޑު އިމްތިހާނުގައި ރައްޔިތުންގެ ބާރުވެރިކަން ހޯދުމަށް ޑީއާރުޕީ އާއި ގުޅިފައިވާ ޕާޓީތަކުން ނެރޭ ކެނޑިޑޭޓުންނަށް ތާއީދުކޮށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ގައުމުގެ ރައްޔިތުންނަށް އަލުން ލިބޭނެ ކަމަށް ވެސް ތަސްމީނު ވިދާޅުވި އެވެ.
މިޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ މަޖިލީހުގެ ކެޔޮދޫ ދާއިރާގެ މެންބަރު އަބުދުﷲ ޝާޙިދު ވިދާޅުވީ، ލޯކަލްކައުންސިލްގެ އިންތިހާބާއެކު 2011 ވަނަ އަހަރު މުޅި ގައުމުގައި ޑީއާރުޕީގެ ނޫކުލަ ވިހުރުވާލެވިގެންދާނެ ކަމަށެވެ. އަދި މިއަހަރަކީ، އެމްޑީޕީއަށް ގިނަގުނަ މެސެޖްތަކެއް ލިބިގެންދާނެ އަހަރެއް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
އާހިދު ވިދާޅުވީ، 2011 ވަނަ އަހަރު ފައްޓަވާ މަސައްކަތް 2013 ވަނަ އަހަރު ނިންމަވައިލައްވާނީ، ރިޔާސީ އިންތިހާބު ޑީއާރުޕީން ކާމިޔާބުކޮށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ޕާޓީގެ ލީޑަރު އަހްމަދު ތަސްމީން އަލީ އިންތިހާބު ވެގެން ކަމަށެވެ.