ދިވެހި ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މެޑިސިންގެ ދާއިރާ އިން ކޮންމެ އަހަރަކު ރާއްޖެ އަށް ދެ ސްކޮލަޝިޕް ދިނުމަށް ކިޔުބާ އިން ނިންމައިފި އެވެ.
ހެލްތު މިނިސްޓްރީ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ވަކި މުއްދަތެއް ނެތް ގޮތަށް ކޮންމެ އަހަރަކު މެޑިސިން ދާއިރާ އިން ދެ ސްކޮލާޝިޕް ރާއްޖެ އަށް ދޭން ކިޔުބާ ސަރުކާރުން ނިންމާފައި ވަނީ މިހާރު ޖެނީވާގައި ކުރިއަށްދާ 67 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގައި ރާއްޖޭގެ ފަރާތުން ބައިވެވަޑައިގަންނަވާ ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާއާއި ކިއުބާގެ ސިއްޙަތާ ބެހޭ ވަޒީރު ޑރ. އޮހޭދާ އާ އެކު ކުރިއަށް ދިޔަ ހާއްސަ ބައްދަލުވުމެއްގަ އެވެ.
ހެލްތު މިނިސްޓްރީ އިން ބުނީ ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ކިޔުބާގެ ސިއްޙަތާ ބެހޭ ވަޒީރު ޚާއްސަ އެހީތެރިކަމެއް ދިނުމުގެ ގޮތުން ވަކި މުއްދަތެއް ނެތް ގޮތަށް ކޮންމެ އަހަރަކު މެޑިސިންގެ ދާއިރާ އިން ދެ ސްކޮލާޝިޕް ރާއްޖެ އަށް ދެއްވާނެ ކަމަށް ރާއްޖޭގެ މިނިސްޓަރަށް ދެންނެވި ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫ އެއް އޮތުމަކީ މުހިންމު ކަމެއްކަމުގައި ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވެ އެކަމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.
ކިޔުބާއި ރާއްޖެ އާ ދެމެދު ކުރިއަށް ދިޔަ މަޝްވަރާ ބައްދަލުވުންތަކާ ހަވާލާދީ ހެލްތުން ބުނީ ރާއްޖޭގެ ސިއްޙީ ޚިދުމަތުގައި މަސައްކަތް ކުރާ 80 ޕަސެންޓަކީ ބިދޭސީ ޑޮކްޓަރުން ކަމުން ދެމެހެއްޓެނިވި ގޮތެއްގައި ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ދަތިވެފައިވާ ކަމަށެވެ. އަދި ސިއްޙީ ޚިދުމަތުގެ ފެންވަރު ހިފެހެއްޓުމަކީ ވެސް މިވަގުތު ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމުގައި ޑރ. ޝަކީލާ ވިދާޅުވި ކަމަށެވެ.