ސިޔާސީ މައިދާނުން މުޅިން ދުރަށް ދިޔައީ ކަމަށް ދަންނަވާފައެއް ނުވާނެ: މައުމޫން

ސިޔާސީ މައިދާނުން އެއްފަރާތްވެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައި ނުވާނެކަމަށް ކުރީގެ ރައީސް އަދި ޑީއާރުޕީގެ ޒައީމް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.


މެލޭޝިޔާގައި ހުންނެވުމަށްފަހު މާލެ ވަޑައިގެން ޖީއެމްއާރް މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގެ ވީއައިޕީގައި ހުންނަވައިގެން އިންޓަވިއު ދެއްވެވިއިރު، ނޫސްވެރިން އެމަނިކުފާނު ސިޔާސީ މައިދާނުން ދުރަށް ޖެހިވަޑައިގަތުމަށް އިއުލާން ކުރެއްވުމަށްފަހު އަލުން އެބުރި ވަޑައިގަންނަވައި ވާހަކަތަކެއް ދެކެވޭތީ ސުވާލުދެންނެވުމުން ވިދާޅުވީ އެމަނިކުފާނު އަދިވެސް ހުންނެވީ ޑީއާރުޕީގެ ޒައީމުގެ މަގާމުގައި ކަމަށާއި އެ މަގާމުގައި ހުންނަވައިގެން ޕާޓީ ކުރިއެރުވުމަށާއި އެއްބައިވަންތަކަމަށް ކުރަންޖެހުނު މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.


"އަޅުގަނޑު އެރޭ ދެއްކި ވާހަކައަށް ރަނގަޅަށް ވިސްނަވައި! ކޮންމެހެން ސިޔާސީ މައިދާނުން ދުރަށް ޖެހެނީކީ ނޫނޭ. އެނގިވަޑައިގަންނަވާނެ އަޅުގަނޑު އަދިވެސް މިހުރީ ޑީއާރުޕީގެ އެންމެ އިސް މަގާމުގަ. ޒައީމުގެ މަގާމުގައި. ޕާޓީގެ އެންމެ އިސް މަގާމެއްގައި ހުރި މީހަކު ޕާޓީގެ ކުރިއެރުމާއި އެއްބައިވަންތަ ކަމަށް މަސައްކަތް ކުރުމަކީ ކުރަންޖެހޭނެ ކަމެއް. އެގޮތުން އަޅުގަނޑު ކުރަން ހުރި ކަމެއް ވިއްޔާ އަޅުގަނޑު ކުރާނަން،" މައުމޫން ވިދާޅުވި އެވެ.


ޒައީމް މައުމޫން ވިދާޅުވީ ޑީއާރުޕީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ހުރިހާ ކަމެއްގައި ބައިވެރިވެ ވަޑައިނުގެންނެވުނު ކަމުގައި ވިޔަސް ޕާޓީގެ މަޝްވަރާއާއި އެކު ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެންޕޭނުގެ ކަންކަމުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.


ކުރިއަށް އޮތް ރިޔާސި އިންތިހާބުގައި ވާދަކުރައްވާނަންތޯ ނޫސްވެރިއަކު ސުވާލުދެންނެވުމުން މައުމޫން ވިދާޅުވީ އެކަމާއި އެއްޗެއް ބުނަންމާ އަވަސް ކަމަށާއި މަސައްކަތްޕުޅު ކުރައްވާނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ޑީއާރްޕީއަށް ކާމިޔާބުކުރެއްވުމަށް ކަމަށެވެ.


ޑީއާރުޕީގެ ލީޑަރު ތަސްމީން އަލީއާއި ރައްޔިތުން މަޖްލީހުގެ ރައީސް އަބުދުﷲ ޝާހިދު ޖީއެމްއާރު ކުންފުންޏާއި ބައްދަލުކުރެއްވުމަށް އިންޑިޔާގެ ދިއްލީއަށް ވަޑައިގަތުމަށް ސްރީލަންކާގެ ކޮލޮމްބޯގައި ތިއްބަވަނިކޮށް ގުޅުއްވައި އެކަން ނުކުރެއްވުމަށް މައުމޫން އެދި ވަޑައިގަތް ކަމަށް އުމަރުގެ ފެކްޝަނުން ދައްކައި ވާހަކަތަކާ ގުޅޭގޮތުން ސުވާލު ދެންނެވުމުން ރައީސް މައުމޫން ވިދާޅުވީ އެބޭފުޅުން  ކޮންމެވެސް ދަތުރެއްގައި ދިއްލީއަށް ވަޑައިގަތުމަށް ކޮލަމްބޯގައި ތިއްބެވި ހަބަރު ލިބިވަޑައިގެން އެއީ ތެދެއްތޯ ޝާހިދު ކުރެން އެއްސެވި ކަމަށާއި އެކަމަކު އެއީ ދޮގެއްކަމަށް އެބޭފުޅުން ވިދާޅުވި ކަމަށެވެ.


"އެބޭފުޅުން ކޮޅުބުގައި ތިއްބާ އަޅުގަނޑު މެސެޖްގެ ޒަރިއްޔާއިން ޝާހިދު ކައިރި އެހިން ދިއްލީއަށް ދަތުރުފުޅެއް ކުރައްވަންތޯ ތި އުޅުއްވަނީ. ވިދާޅުވީ އެއީ ދޮގެގޭ. އެތަނުގައި ނުދައްކައި ޖީއެމްއާރުގެ އެއްވެސް ވާހަކައެއް،" މައުމޫން ވިދާޅުވި އެވެ.


ޑީއާރުޕީގެ އެތެރޭގައި އުފެދިފައިވާ މައްސަލަތައް ހައްލުކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނީ ކޮންގޮތަކަށް ތޯ ނޫސްވެރިން ސުވާލުދެންނެވުމުން މައުމޫން ވިދާޅުވީ ޑީއާރުޕީގެ ތެރޭގައި ފެކްޝަންތަކެއް އުފެދިފައި ނެތް ކަމަށާއި ކޮންމެ ބަޔެއްގެ ތެރޭގައި ވެސް ހިޔާލު ތަފާތު ވުންތައް ހުންނާނެ ކަމަށެވެ. އަދި އެ ހިޔާލުތަފާތުވުންތައް ހައްލުކުރަން ޖެހޭނީ ވާހަކަ ދައްކައިގެން ކަމަށާއި ޕާޓީ އެއްބައިވަންތަ ކުރުމަށްޓަކައި ކުރެވެން ހުރި މަސައްކަތްތައް ކުރައްވާނެ ކަމަށެވެ.


"އަޅުގަނޑު މަސައްކަތް ކުރާނީ ވަރަށް ޑިޕޮލޮމެޓިކްކޮށް. ވަކި ބަޔަކަށް ބަދު ބަސް ރައްދެއް ނުކުރާންނަ. ހިޔާލު ތަފާތުވުންތައް ވާހަކަ ދައްކައިގެން ހައްލުކުރުމަށް މަސައްކަތް ކުރާނީ." މައުމޫން ވިދާޅުވި އެވެ.


ރައީސް މައުމޫން މާލެއަށް ވަޑައިގަތުމާއެކު އެ މަނިކުފާނަށް ރަސްމީ ފާލަމުން މަރުހަބާ ދެންނެވީ  ޑީއާރުޕީން ޑެޕިއުޓީ ލީޑަރު އުމަރު ނަސީރުގެ ފެކްޝަންގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުނާއި ކުރީގެ ސަރުކާރުގައި ވަޒީރުކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނާއި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޑީއާރުޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެނޑިޑޭޓުންނެވެ.


އެބޭފުޅުންނާއި ރައީސް މައުމޫން ސަލާމް ކުރައްވަމުން ގެންދެވި ވަގުތު ޖުމްހޫރީ މައިދާނަށް އެއްވެފައި ތިބި އެތައް ސަތޭކަ މީހުން ގޮވަމުން ގެންދިޔައީ "މައުމޫން ޒިންދާބާދު" އެވެ. އަދި އެތަނަށް އެއްވެފައި ތިބި މީހުން، ތިބީ 2008 އަހަރުގެ ރިޔާސީ އިންތިހާބުގައި ބޭނުން ކުރި މައުމޫންގެ ފޮޓޯފުޅު "މައުމޫން 2008" ގެ ޕޯސްޓަރުތައް ހިފައިގެނެވެ.


ރަސްމީ ފާލަމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވި ބޭފުޅުންނާ ސަލާން ކުރެއްވުމަށް ފަހު ފާލަން ކުރިމަތީގައި ބޭއްވި އަންހެން ކުދިންގެ ނެށުމުގެ ހަރަކާތްތަކެއް ހިމެނޭ ލަވައެއްވެސް ރައީސް މައުމޫން ބައްލަވައިލެއްވި އެވެ. އެ ލަވައިގައި ބުނަމުން ދިޔައީ ރައީސް މައުމޫން ސިޔާސީ މައިދާނަށް ނުކުންނެވުމަށާއި އެ މަނިކުފާނުގެ ފަހަތްޕުޅުގައި ދިވެހި އެންމެހައި ރައްޔިތުން ތިބި ކަމަށެވެ.


ލަވައިގައި ބުނަމުންދިޔަ ބަސްތަކާއި އެ ސަރަހައްދަށް އެއްވެފައި ތިބި މީހުންގެ ޝުއޫރާއި މަރުހަބާގެ އަޑުތައް  ރައީސް މައުމޫން އެއްސެވި އިރު ހުންނެވީ ފެންކަޅިވެ އެ ދިމާއަށް ބަލަހައްޓަވައިގެންނެވެ.


ޖުމްހޫރީ މައިދާނަށް އެއްވެފައި މީހުންގެ މަރުހަބާ އަށް ފަހު، ސިފައިންނާއި ފުލުހުންގެ ފުރިހަމަ ސެކިއުރިޓީ ގައި ރައީސް މައުމޫން ދިރިއުޅުންވާ ގެ އަލިވާގެއަށް ކާރުގައި ވަޑައިގެންނެވި އިރު ވެސް އިވެމުން ދިޔައީ "މައުމޫން ޒިންދާބާދު" އެވެ.


ރައީސް މައުމޫން މާލެ ވަޑައިގެންނެވީ ސިޔާސީ މައިދާނަށް ނުކުންނެވުމަށް މާލެ ވަޑައި ނުގަތުމަށާއި ވަޑައިގެންފިނަމަ ކުރީގެ ރައީސުންނަށް ދިމާވެފައިވާފަދަ ހިތާމަވެރި ހާދިސާއެއް ކުރިމަތިވެދާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިންޒާރު ކުރައްވާފައި ވަނިކޮށެވެ. ނަމަވެސް އެ ސަރަހައްދުގައި އެއްވެސް ހަމަނުޖެހުމެއް އެއްވެސް ބަޔަކު ހިންގާފައެއް ނުވެ އެވެ.


 


 


 


23:8- ރައީސް މައުމޫން މާލެ ވަޑައިގެންނެވި ނަމަވެސް ކުރިން ރައީސް ނަޝީދު ދެއްވާފައިވާ އިންޒާރުގައި އިޝާރާތް ކުރެއްވެވި އެއްވެސް ކަމެއް އެއްވެސް ދިމާއެއްގައި ހިނގާފައެއް ނުވެ އެވެ. މުޅި ސަރަހައްދުގައި އެކީ އެކަށް ގޮވަމުން ދިޔައީ "މައުމޫން ޒިންދާބާދު" އޭ ގޮވަމުންދިޔަ އަޑެވެ.


 


23:00- ރައީސް މައުނަށް ތާއިދުކޮށް އެތަކެއް ސަތޭކަ މީހުން ޝުއޫރުތައް ފާޅުކޮށް މަލުން ވެދުން ކުރަމުން ދިޔައިރު މައުމޫނު ރައްޔިތުންނާ ދިމާއަށް ބަލަހައްޓައިގެން ހުންނެވީ އެވެ. ރައީސް މައުމޫން ހުންނެވީ ފެންކަޅިވެފަ އެވެ. މިހާރު ފުލް ސެކިއުރިޓީގައި އެމަނިކުފާނު ކާރުކޮޅަށް އަރާވަޑައިގެން އެމަނިކުފާނު ހުންނަވާ ގެކޮޅު، އަލިވާގެއަށް ދަތުރުފައްޓަވައިފި އެވެ.


 


22:59- ރައީސް މައުމޫނަށް މާމެލާމެލިން ވެދުން ކުރަމުން އެބަގެންދެ އެވެ. ރައީސް މައުމޫން ހުންނެވީ ފާލަން މަތީގަ އެވެ. ލަވައިގެ ހަރަކާތްތައް ވެސް އެބައޮތެވެ. ދެކޮޅު ހެދުމުގެ އެއްވެސް ކަމެއް މި ސަހަރައްދަކު ނެތެވެ. މުޅިން ވެސް މައުމޫނުގެ ސަޕޯޓަރުންނެވެ.


 


22:50- މައުމޫނު ބޮޑު ފާލަމަށް ފާބައި ވަޑައިގެންފި އެވެ. އެތަކެއް ސަތޭކަ މީހުން އެ ސަރަހައްދަށް އެއްވެ ރައީސް މައުމޫނަށް ތާއީދު ކުރުމުގެ ޝުއޫރުތައް ފާޅު ކުރަމުން އެބަދެ އެވެ.


 


22:30- ސިޔާސީ ކަންކަމުގައި ބައިވެރިވަޑައިގަތުމަށް ރާއްޖެ ވަޑައި ނުގެންނެވުމަށާއި ވަޑައިގެންފިނަމަ ރާއްޖޭގެ ކުރީގެ ރައީސުންނަށް ދިމާވެފައިވާފަދަ ހިތާމަވެރި ހާދިސާއެއް ދިމާވެދާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު، ރައީސް މައުމޫނަށް ދެއްވާފައި ވަނިކޮށް ކުރިން ވެސް ޝެޑިއުލް ކޮށްފައިވާ ގޮތަށް ދާދި ދެންމެއަކު މައުމޫނު ރާއްޖެ ވަޑައިގެންފި އެވެ.


މެލޭޝިޔާގައި ހުންނެވުމަށް ފަހު ރާއްޖެ ވަޑައިގެން ޖީއެމްއާރް އިންޓަނޭޝަލް އެއާޕޯޓުގައި ހުންނަވައި ޒައީމް މައުމޫނު  ވަނީ ނޫސްވެރިނަށް ދެންމެ އިންޓަވިއުއެއް ދެއްވާފަ އެވެ. މައުމޫން ވިދާޅުވީ ޑީއާރްޕީގައި ފެކްޝަންތަކެއް އުފެދިފައި ނުވާ ކަމަށާއި ޕާޓީ ތެރޭގައި ދިމާވެފައިވާ މައްސަލައްތައް ހައްލު ކުރައްވާނެ ކަށް މައުމޫނު އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.


ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނު އެންމެ ފުރަތަމަ ވެސް މަސައްކަތް ކުރައްވާނީ ޑީއާރުޕީގެ ތެރޭގައި އުފެދިފައިވާ ބައިބައިވުންތައް ނައްތަވާ ލެއްވުމަށް ކަމަށެވެ. އަދި ވިދާޅުވީ ކޮންމެ ޕާޓީއެއްގެ ތެރޭގައި ވެސް ޚިޔާލު ތަފާތުވުންތައް ހުންނާނެ ކަމަށާއި އެގޮތުން ޑީއާރުޕީގެ ތެރޭގައި ކުރިން ވެސް ޚިޔާލު ތަފާތުވުންތައް ހުރި ކަމަށެވެ.


ރައީސް މަޢުމޫން  ވިދާޅުވީ ޑީއާރުޕީގެ ތެރޭގައި ފެކްޝަނެއް އުފެދިފައިވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ފެކްޝަންތަކެއް ޑީއާރްޕީގައި ނެތް ކަމަށެވެ. އަދި ޕާޓީގެ ނައިބު ލީޑަރު އުމަރު ނަސީރު ވަކި ކުރައްވަން އެ ޕާޓީގެ ޑިސިޕްލިނަރީ ކޮމެޓީގެ ހަތަރު މެމްބަރުން ވޯޓު ދެއްވައިގެން ނިންމި ނިންމުމަކީ ރަނގަޅު ނިންމިނިންމުމެއް ނޫން ކަމަށް ވިދާޅުވީ ވަކި ބޭފުޅަކަށް ތާއީދު ކުރައްވާތީ ނޫން ކަމަށް ވެސް ރައީސް މަޢުމޫން ވިދާޅުވިއެވެ.


ރައީސް މަޢުމޫން ވިދާޅުވީ ޑިސިޕްލިނަރީ ކޮމެޓީގެ ހަތަރު ބޭފުޅުން ވޯޓު ދެއްވައިގެން ވަކި ކުރެއްވުމަށް ނިންމި ނިންމުމަކީ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފް ކަމެއް ކަމަށާއި ނައިބު ލީޑަރަކު ޕާޓީން ވަކިކުރެވޭނެ ގޮތް އަސާސީ ގަވާއިދުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި ވާނެ ކަމަށެވެ. އަދި ޕާޓީ ތެރޭ ކަމެއް ގޯސްކޮށް ދަންޏާ އެކަމެއް ރަނގަޅު ކުރުމަށް ނަސޭހަތް ތެރިވުމަކީ ޕާޓީގެ ޒަޢީމްގެ ޒިންމާ އެއް ކަމަށް ވެސް ރައީސް މަޢުމޫން ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު