ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އެމްޑީޕީން ވަކިވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އެމްޑީޕީން ވަކިވެ ވަޑައިގެންފި އެވެ.


އަހުމަދު ރަޝީދު ވިދާޅުވީ އޭނާ އެމްޑީޕީ ދޫކޮށްލެއްވީ މިއަދު މަޖިލިސް ދޮށުގައި ކުރި މުޒާހަރާގައި އެމްޑީޕީ އެކްޓިވިސްޓުންގެ އމަލުތައް "ހައްދުފަހަނަ އަޅައި ދިޔައީ" ސަރުކާރުގެ ގާބިލިއްޔަތު ކަމެއް ނެތުމުން ކަމަށެވެ. އަދި ރައްޔިތުންގެ މެދުގައި މިސަރުކާރުން ތަފާތުތަކެއް ގެންގުޅެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.


ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން އަހުމަދު ރަޝީދު މިއަދު ވިދާޅުވީ މަޖިލިސް ދޮށުގައި މިއަދު މުޒާހަރާ ކުރީ ސަރުކާރުގެ އިސްވެރިންތަކެއް އިސްނަންގަވައިގެން ކަމަށެވެ.


އަހުމަދު ރަޝީދު ވިދާޅުވީ މަޖިލީސް ދޮށުގައި މިއަދު ހެނދުނު ފެށި މުޒާހަރާގައި މެންބަރުންގެ އިމްތިއާޒުތަކަށް ބަލައިލުމެއްނެތި މެންބަރުންގެ "ގަޔަށް ބޮލަށް" އެރިއިރު "އީދު ސަލަވާތައް ކައްކާ ބަކަރި ތަކެންހެން" އެކްޓިވިސްޓުން، މަޖިލީހުގެ މެންބަރުގެ އިއްޒަތް ނަގާލާފައިވާ ކަމަށެވެ. އަދި އެ މުޒާހަރާގައި އެމްޑީޕީ އެކްޓިވިސްޓުންތައް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ނުކުޅެދިފައިވާއިރު، ފުލުހުން ވެސް އަޑުއަހާފައިވަނީ އެތާނގައި ތިބި ސަރުކާރުގެ އިސްވެރިންގެ އަޑު ކަމަށް އޭނާ ވިދާޅުވި އެވެ.


އަހުމަދު ރަޝީދު ވިދާޅުވީ އެމްޑީޕީގެ އެކްޓިވިސްޓުންތައް އޭނާ ދިރިއުޅުއްވާ ގޭދޮށަށް އެއްވެ، އާއިލާއަށް ވެސް ހަމަލާދޭން މަސައްކަތް ކުރި ކަމަށާއި އެކަމާ ގުޅިގެން ތަކުރާރުކޮށް ސަރުކާރުގެ އިސްވެރިންނަށް ގުޅައި އެކަން ކޮންޓްރޯލް ކުރުމަށް އާދޭސް ދެންނެވި ކަމަށާއި އެހެން ނަމަވެސް ސަރުކާރުން ދެއްވީ "ބީރު ކަންފަތެއް" ކަމަށެވެ.


‹އެކްޓިވިސްޓުން މެންބަރުންގެ އިމްތިޔާޒުތަކަށް ބަލައިލުމެއްނެތި ގަޔަށް ބޮލަށް އެރީ އީދު ސަލަވާތައް ކައްކާ ބަކަރި ތަކެންހެން›


ސަރުކާރުން އޭނާއާ މެދު އެފަދަ ގޮތަކަށް ކަންތައްތައް ކުރީތީ ސަރުކާރު ހިންގާ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރެއްގެ ހައިސިއްޔަތުން އަމިއްލަ ނަފްސަށް ވެސް ލަދުގަތް، އެ ބޮޑު އިލްޒާމުގައި ހުންނަށް ބޭނުންނުވާތީ އެމްޑީޕީން މިއަދު ވަކިވާން މަޖުބޫރުވީ ކަމަށް އަހުމަދު ރަޝީދު ވިދާޅުވި އެވެ. އަދި ޕާޓީން ވަކިވީ އެއްވެސް މީހަކާ މަޝްވަރާކޮށްފައި ނޫން ކަމަށާއި އާއިލާގެ މެންބަރުންގެ އެދުމާއެކު ކަމަށް އޭނާ ވިދާޅުވި އެވެ.


އަހުމަދު ރަޝީދު ވިދާޅުވީ އެމްޑީޕީން ވަކިވެ ވަޑައިގަތް ނަމަވެސް އެހެން ސިޔާސީ ޕާޓީއަކާ ގުޅިގެން މަސައްކަތް ކުރައްވަން ބޭނުންފުޅު ނުވާ ކަމަށެވެ.


އެމްޑީޕީން ވަކިވެވަޑައިގަތުމާއެކު އެހެން ޕާޓީއަކަށް ގުޅިވަޑައިގެންފާނެތޯ ސަން އޮންލައިނުން ސުވާލު ދެއްނެވުމުން އަހުމަދު ރަޝީދު ވިދާޅުވީ "ދެވަނަ ފަހަރަކަށްވެސް އެމްޑީޕީއާ ނުގުޅޭނެ ކަމަށާއި ދެން އެއްވެސް ސިޔާސީ ޕާޓީއަކާ ގުޅެން ބޭނުން ނުވާ" ކަމަށެވެ.


މަޖިލިސް ދޮށުގައި މިއަދު ކުރި މުޒާހަރާގައި އެމްޑީޕީގެ އެކްޓިވިސްޓް ވަނީ އަހުމަދު ރަޝީދު ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު