ސަރުކާރު ކޯލިޝަން ތެރޭގައި ނުތަނަވަސް ކަމެއް އެބައުޅޭ ކަމަށާއި އެ ނުތަނަވަސްކަން ފިލުވައިދިނުމަށް ރައްޔިތުން މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުއް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޅ. ނައިފަރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ކޯލިޝަން ތެރޭގައި ކޮންމެވެސް ވަރެއް ނުތަނަވަސް ކަމެއް އުޅޭކަން ހުރިހާ ރައްޔިތުންނަށް ވެސް އެނގޭނެ ކަމަށާއި އެ ނުތަނަވަސްކަން ތަނަވަސް ކަމަށް ބަދަލުކޮށްދެއްވުމަށް ހުރިހާ ރައްޔިތުން ވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
ނަމަވެސް ސަރުކާރުގެ ކޯލިޝަން ތެރޭގައި އޮތް ނުތަނަވަސް ކަމަކީ ކޮންކަމަކާ ގުޅިގެން އުފެދިފައިވާ ނުތަނަވަސް ކަމެއް ކަމަށް ރައީސް ވިދާޅެއް ނުވެ އެވެ.
އެމަނިކުފާނު ވިދާޅުވީ، ކޯލިޝަން އެކުގައި ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުކުތުމުން ކޯލިޝަންގެ ކެންޑިޑޭޓުންނަށް ބޮޑު ތާއީދެއް ލިބިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެބޭފުޅުން ހޮވުމަށް ފަހު ކޯލިޝަންތެރޭގައި އުފެދޭ މައްސަލައަކާ ގުޅިގެން ރައްޔިތުންނަށް އޭގެ އަސަރުކޮށްގެން ނުވާނެ ކަމަށެވެ.
"[މެންބަރުން] ހޮވިވަޑައިގަތުމަށް ފަހު ނުވަތަ އިންތިހާބު ތެރޭގައި އުފެދޭ މައްސަލަތަކާ ގުޅިގެން ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދިނުމަށް ޓަކައި ކުރާ މަސައްކަތްތަކަކަށް ހުރަސް އެޅިގެންނުވާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރުގެ ކޯލިޝަނަށް ރައްޔިތުންގެ މަޖިލީހުން ލިބިފައި އޮތް އަގްލަބިއްޔަތުން ކަންތައްތައް ކުރެވެން ޖެހޭނެ ކަމަށާއި ރައްޔިތުންގެ މަޖިލިސް އެގޮތަށް ހަރަކާތްތެރިވުމަށް ވެސް ރައީސް ހުރިހާ މެންބަރުންގެ އަރިހުން ރޭ އެދިވަޑައިގަތެވެ.
ރޭގެ ރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރަށް ހުށަހަޅާފައިވާ ބޮޑެތި ބިޔަ މަޝްރޫއުތަކަކީ ރައްޔިތުން މުއްސަނދި ކުރުމަށް ކުރާ ކަންތައްކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މި ސަރުކާރުން ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ސަރުކާރުން ހުށަހަޅާ ބޮޑެތި މަޝްރޫއުތަކަކީ ދެވަނަ ދެކަމެއް ކުރާކަށެއް ނޫން. ރައްޔިތުންގެ ހަޒާނާ މުއްސަނދިކުރަން. ރައްޔިތުންގެ ހަޒާނާއަކީ ދައުލަތުގެ ބަޖެޓުގައި ބޮޑު އަދަދެއް ޖެހީމާ ހަޒާނާ އަށް މުއްސަނދިކަމެއް އަންނަ ކަމެެއް ނޫން. ރައްޔިތުންގެ ހަޒާނާއަކީ ރައްޔިތުންގެ ހަޒާނާ އަށް ފައިސާ ލިބޭނެ ގޮތްތަކެއް ހޯދައިދިނީމާ ތަނަވަސްވެގެންދާ ހަޒާނާއެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.