ސްރީލަންކާގެ ކޭންޑީ އިން ގެއްލިގެން ހޯދަމުން އަންނަ ޅ. ނައިފަރު، ނާޒުކީގޭ، ރާޝިދާ އަހުމަދު، 32، އާއި އޭނާގެ ދަރިފުޅު އައިޝަތު ރައިނާ، 6، ހޯދުމަށް ކުރާ މަސައްކަތުގައި މިހާތަނަށް ކުރިއެރުމެއް ލިބިފައިނުވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ލަންކާގެ ކެންޑީގައި ދިރިއުޅެމުން ދިޔަ އެ ދެމައިން ގެއްލިގެން ރިޕޯޓު ކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ބުނެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އަބުދުﷲ މުއާޒު ވިދާޅުވީ ގެއްލިގެން ހޯދަމުން އަންނަ ދެ މައިންގެ ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ ދެ މައިންގެ ހަބަރެއް ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަންހެން މީހާ އޭނާގެ އުމުރުން ހަ އަހަރުގެ އަންހެން ދަރިފުޅު ގޮވައިގެން ގެއިން ނުކުމެފައި ވަނީ އާއިލާއާ ޖެހުނު މައްސަލައަކާ ގުޅިގެން ކަމަށްވެ އެވެ. ސަން އަށް އެނގިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުން އަންނަ އަންހެން މީހާއަކީ މީހާ މީގެ ކުރިން ވެސް އާއިލާ ތެރޭގައި ޖެހުނު މައްސަލައަކާ ގުޅިގެން ގެއިން ނުކުމެގެން ގޮސްފައިވާ މީހެކެވެ.