ތ. ދިޔަމިގިލީ އިންޖީނުގޭގައި ބޭނުންކުރަމުން ގެންދާ ތިން ޖަނަރޭޓަރު ވެސް ހަލާކުވެެ އިއްޔެ މެންދުރު ފަހުން ފެށިގެން މުޅި ރަށުން ކަރަންޓް ކަނޑައިގެން ގޮސްފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
ދިޔަމިގިލީ ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ވިޝާމް މިއަދު "ސަން"އަށް ވިދާޅުވީ، މުޅި ރަށުން ކަރަންޓް ކަނޑައިގެން ދިޔައީ އިންޖީނުގޭގައި ބޭނުންކުރަމުން އަންނަ ތިން އިންޖީނުގެ ތެރެއިން ދެ އިންޖީނު ހަލާކުވެފައި ހުއްޓައި ތިން ވަނަ އިންޖީނު ބޭނުން ކުރަމުން ގެންދަނިކޮށް، އެ އިންޖީނުގެ ރޭޑިއޭޓަރު ފަޅައިގެން ގޮސްގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"ކުރިން އިންޖީނުގޭގައި ހުރި ދެ އިންޖީނު ވެސް ހަލާކުވެގެން ކަރަންޓް ކެނޑެމުން އަންނަ މައްސަލަ ދިމާވާތާ މިހާރު ހައެއްކަ މަސް ވެއްޖެ. ބައެއް ގޭގޭގައި ކަރަންޓް ނެތިއްޔާ ފެންވެސް ނުވެރޭ. ރައްޔިތުން ވަރަށް ހާލުގައި ކަނުއަނދިރީގައި އުޅެމުން ގެންދަނީ. ވިޔަފާރިވެރިންގެ ޝަކުވާތައް ވެސް މިވަނީ ބޮޑުވެފައި. އެމީހުންގެ އައިސްކޮށްގެން ގެންގުޅޭ ކުކުޅުކޮޅު އެއްކޮށް ހަލާކުވާތީ،" ވިޝާމް ވިދާޅުވި އެވެ.
ވިޝާމް ވިދާޅުވީ، މުޅި ރަށުން ކަރަންޓް އެއްކޮށް ކަނޑައިގެން ގޮސްފައިވާތީ ރޭ ދަންވަރު ވެސް ކަރަންޓް ދެވޭތޯ އިންޖީނުގޭގެ މީހުން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެމީހުން ބޭނުންވާ ސްޕެއާޕާޓްސް މާލެއިން ގެނެވޭވަރުވާނީ މިއަދު މެންދުރު ފަހު ކަަމަށް ވާތީ އެ މައްސަލަ އަށް ވަގުތީ ހައްލެއް ހަވީރު ލިބޭނެ ކަމަށް އިންޖީނުގޭން ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާބާދީގައި 854 އެއްހާ މީހުން ދިރިއުޅެމުން އަންނަ ދިޔަމިގިލީގައި ބޭނުންކުރަމުން ގެންދާ އިންޖީނުތަައް ހަލާކުވެގެން އެރަށުން ކަރަންޓް ކަނޑައިގެންދާ މައްސަލަ ހައްލުކޮށްދިނުމަށް ޓަކައި ރޯދައިގެ ކުރިން ތިން އިންޖީނު އެރަަށަށް ދޭނެ ކަމަށް ފެނަކައިން ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކަރަންޓުގެ މައްސަލަ ކުރިމަތިވާތީ އަޅުގަނޑުމެން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލްއާ ބައްދުކޮށް އެވާހަކަ ދެންނެވިން. ނިމާލް ވިދާޅުވި، ފެނަކައަށް އާ އިންޖީނުތަކެއް ގެންނަން އޯޑަރު ދީފައިވާކަމަށް. އަދި އެއިން ތިން ޖެނެރޭޓަރުގެ ސެޓެއް މިރަށު އާ އިންޖީނުގެއަށް ދެއްވާނެ ކަމަށް. އަދި ރޯދައިގެ ކުރިން ކަރަންޓުގެ މައްސަލަ ހައްލުކޮށް ދެއްވާނެ ކަމަށް،" ވިޝާމް ވިދާޅުވި އެވެ.