ވަގަށް ނެގި އެއްޗިހި ވިއްކަން އުޅެނިކޮށް ވަގު އަތުލައިގެންފި

މާލޭ ގެއަކުން ވަގަށް ނެގި އެއްޗެއް ވިއްކަން އުޅެނު މީހަކު އަތުލައިގަނެފި އެވެ.

އެ މީހާ ވައްކަންކޮށްފައި ވަނީ ކުރީގެ ޖެންޑާ މިނިސްޓަރު ޑރ. އާމާލް އަލީ ދިރިއުޅުއްވާ ގ. ދޫރިއަން ގޭގެ ހަތަރު ވަނަ ފަންގިފިލާއިންނެވެ.

ދޫރިއަން ގޭގެ މީހަކު "ސަން"އަށް ބުނީ، ދެ މީހަކު ވެގެން އެ ގެއިން ވައްކަން ކޮށްފައި ވަނީ މިއަދު ހެނދުނު 10:15 ހާއިރު ކަމަށާއި ވައްކަން ކޮށްފައި ވަނީ އެ ގޭގައި މީހަކު ނޫޅޭ ވަގުތު ބަލާފައި ކަމަށެވެ. އާމާލް ދިރިއުޅުއްވާ ގޭގެ ކުއްޔަން ދޫކޮށްފައިވާ ފަންގިފިލާއިން ވަަގަށް ގެންގޮސްފައި ވަނީ ސުމާޓް ފޯނަކާއި ލެޕްޓޮޕަކާއި އެކްސްޓާނަލް ހާޑެއް ކަމަށް އެ ގެއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ވައްކަން ކުރި ދެ މީހުންގެ ތެރެއިން، ލެޕްޓޮޕް ވަގަށް ނެގި މީހާ މަޖީދީމަގު، ލެކިއުޓް ކައިރީގައި ލެޕްޓޮޕް ވިއްކަން އުޅެނިކޮށް ދޫރިއަން ގޭގެ ބަޔަކު ވަނީ އޭނާ އަތުލާގެންފަ އެވެ. އޭނާ އެ ސަރަހައްދުން އަތުލައިގަތުމުން އާންމުންގެ ބަޔަކު ވަނީ އޭނާއަށް އެކިވަރުގެ އަނިޔާކޮށްފަ އެވެ. އަނިޔާތަކުގައި އޭނާގެ މޫނު މަތި ފަޅައިގެން ގޮސް ލޭ ވެސް އައިސްފައިވެ އެވެ.

އެ މީހާ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް ފޯނާއި ހާޑު ވަގަށް ނެގި މީހާ ހޯދުމުގެ މަސައްކަތް އެގޭ މީހުން ވެސް ކުރަމުން އަންނަ ކަމަށްވެ އެވެ. އެކަމުގައި ފުލުހުން ވެސް ބައިވެރިވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ގ. ދޫރިއަން ގެއިން ވައްކަންކޮށްގެން އުޅޭ މައްސަލައެއް މިއަދު 11:30 އެހާކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ތަފްސީލެއް ފުލުހުން ނުދެ އެވެ.

ޑރ. އާމާލު ދިރިއުޅުއްވާ ގެއިން މިއަދު ވައްކަންކޮށްފައިވާއިރު، ޑރ. އާމާލް ދިރިއުޅުއްވާ ބަޔަށް، މޫނު ނިވާކޮށްގެން ހުރި މީހަކު ވަދެ އޭނާ އަށް ވަޅިން ބިރު ދައްކައިވަނީ ފޯނެއް މިދިޔަ މަހުގެ ތެރޭގައި ފޭރިގަނެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު