މައުމޫނު އަވަހާރަކޮށްލާނެ ކަމަށް ރައީސް ވިދާޅުވިކަމަށް ވާހަކަތައް ފަތުރަނީ މާނަ ފުރޮޅާލައިގެން: ޕްރެސް ސެކްރެޓަރީ

ކުރީގެ ރައީސް މައޫމުނު އަވަހާރަކޮށްލަން މަސައްކަތް ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވާހަކަފުޅު ދެއްކެވި ކަމަށް އިދިކޮޅު ފަރާތްތަކުން ތަރުޖަމާކޮށް މާނަ ކުރަމުންދަނީ އެ ފަރާތްތަކުގެ ޕާޓީ ކޮޅަށް ޖަހައި ޕާޓީގެ ޕްރޮމޯޝަނަލް ކެމްޕޭނެއް ހިންގުމަށް ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.


ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި މައްޗަންގޮޅީ ދެކުނު ދާއިރާއަށް ކުރިމަތިލެއްވެވި މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކުގެ ކެމްޕޭން ޖަގަހަ ހުޅުއްވައި ދެއްވުމަށް ފަހު ރޭ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި ކުރީގެ ރައީސް މައުމޫނަށް ނިސްބަތްކޮށް ވިދާޅުވި ވާހަކަތަކުގެ މާނަ ވަރަށް ބޮޑަށް ފުރޮޅާލައި ރައީސް މައުމޫނު އަވަހާރަކޮށްލާނެ ކަމަށް ދޭހަވާ ގޮތަށް އިދިކޮޅު ފަރާތްތަކުން ވާހަކަތައް ފަތުރާފައިވާ ކަމަށެވެ.


"ރައީސް އެ ވާހަކަފުޅު ދެއްކެވީ އަކީ އެ މާނައަކު ނޫން. އެހެންނަމަވެސް އިދިކޮޅު ފަރާތްތަކުން މާނަ ވަނީ ފޮރޮލާފައި،" ޒުހައިރު ވިދާޅުވި އެވެ.


ރައީސް މައުމޫނު ސިޔާސީ ކަންކަމުން އެއްފަރާތްވެ ވަޑައިގެންނެވި ކަން އެމަނިކުފާނު އިއުލާނު ކުރައްވާފައިވާ ކަމަށާއި އިދިކޮޅު ފަރާތްތަކުން ރައީސް މައުމޫނު ސިޔާސީ މައިދާނަށް އަލުން ނެރުއްވަން މަސައްކަތް ކުރައްވާއިރު އެކަމާ ގުޅިގެން ރަށުތެރޭގެ ޖަޒުބާތު ހުރި މިންވަރު ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް ބައްލަވައި އޭގެ ސަބަބުން ހިތާމެވެރި ހާދިސާއެއް ފެންމަތިވެދާނެ ކަމަށް ކަންބޮޑުވެ ވަޑައިގަންނަވާތީ ރޭގެ ވާހަކަފުޅުގައި އެ ވާހަކަ ދެއްކެވީ ކަމަށެވެ.


"އަނެއްކޮޅުން ރައީސުލްޖުމްހޫރިއްޔާއަކީ ތާރީހަށް ލޯބި ކުރައްވާ ތާރީހު ދިރާސާ ކުރައްވާ ބޭފުޅަކަށް ވުމުން، ރައީސް މައުމޫނާ ގުޅިގެން އުފެދޭ ޖަޒުބާތުތަކެއްގެ ވާހަކަ ވިދާޅުވީ، އެފަދަ މިސާލެއް ޖައްސަވައި ވާހަކަފުޅު ދެއްކެވީ. އޭގެ ބޭނުން ސިޔާސީ ގޮތުން ހިފައިގެން ބައެއް ބޭފުޅުން ޕާޓީ ޕްރޮމޯޝަނެއް ފެއްޓެވީ،" ޒުހައިރު ވިދާޅުވި އެވެ.


ރޭ މާލޭގައި އޮތް ކެންޕޭން ޖަގަހަ ހުޅުވުމުގައި ޖަލްސާގައި ސިޔާސީ ކަންކަމުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް އެނބުރި މާލެ ވަޑައިގެންފި ނަމަ ކުރީގެ ރައީސުންނަށް ދިމާވެފައިވާފަދަ ދެރަ ހާދިސާއެއް ކުރިމަތިވެދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.


ރޭ ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ވެރިކަން ނިންމަވާލެއްވުމަށް ފަހު ބައެއް ރައީސުން ރާއްޖެ ދޫކޮށް، ފުރާވަޑައިގެން، އަނެއްކާ ވެސް އެނބުރި ރާއްޖެ ވަޑައިގަތުމުން ވަރަށް ހިތާމަވެރި ހާދިސާތައް މިގައުމުގައި ކުރިމަތިވެފައިވާ ކަމަށާއި އެ އުސޫލުން އަނެއްކާ އެފަދަ ކަމެއް މާލޭގައި ހިނގަން އުޅޭތީވެ، އެކަމާ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.


"އަޅުގަނޑު ވަރަށް ހިތާމަކުރާ އަދި ކަންބޮޑުވާ ކަމެއް މާލެއަށް ދިމާވާން އުޅޭތީވެ، ކަންބޮޑުވަނީ. ވަރަށް ގިނަ ފަހަރަށް މި މާލޭގައި ވެރިކަން ކުރާ ބޭފުޅުން ވެރިކަން ނިންމަވާލެއްވުމަށް ފަހު ފުރާވަޑައިގަންނަވާ. އެހެން އުޅުއްވާފައި ބައެއް ފަހަރު އެނބުރި ވަޑައިގަންނަވަން އުޅުއްވާނެ. މިއީ އަޅުގަނޑަށް އެއްވެސް ހާލެއްގައި މަޖާ ވާހަކައެއް ނޫން. އަޅުގަނޑު ކަންބޮޑުވާ ވާހަކައެއް. އެނބުރި ވަޑައިގަންނަވާ ދަނޑިވަޅުތަކުގައި ބައެއް ބޭފުޅުން އަވަހާރަވެފައި އެބަތިއްބެވި. އަނެއްބައި ބޭފުޅުންނަށް މުޅި ހަޔާތް އެކީ ބަރުބާދުވެފައި އެބަތިބި." ރައީސް ނަޝީދު ވިދާޅުވި އެވެ.


ރައީސް ވިދާޅުވީ ރައީސް މައުމޫން އެނބުރި ސިޔާސީ ހަރަކާތައް ނުކުންނެވުމަށް މާލެ ވަޑައިގެންފިނަމަ ބޮޑަށް ފެނުން ގާތީ މިރާއްޖޭގެ ތާރީހު އަލުން އަނބުރާ އިޔާދަވުން ކަމަށާއި އެފަދަ ހިތާމަވެރި ހާދިސާއެއް ދިމާވެދާނެ ކަމަށެވެ.  


"މިރާއްޖޭގެ ރައްޔިތުންގެ އިހުސާސްތަކާ އެގޮތަށް ކުޅުއްވަން ނޫޅުއްވާށޭ. އެހެން ހެއްދެވީމާ ދެން ގުޑާއިރުގައި އަޅުގަނޑަށް ވެސް ހިފަހަށްޓަން އުދަގޫވާނޭ، ރައީސް މައުމޫނުގެ ސަލާމަތަށްޓަކައި އަޅުގަނޑަށް ކުރެވެން އޮތް ހުރިހާކަމެއް ވެސް ކުރާނަން،  ސިޔާސީ ކަންކަމުގައި ބައިވެރިވަޑައިގަތުމަށް ރާއްޖެ ވައިޑައިގަންނަވާ ވާހަކަ ދައްކަވާ ކަމުގައި ވަނީ ވިއްޔާ، ދެން ހަމަ އަނެއްކާ ވެސް ބޮޑަށް ފެނުން ގާތީ މިރާއްޖޭގެ ތާރީހު އަލުން އަބުރާ އިޔާދަވާ ތަން. އެއީ އަޅުގަނޑުމެންގެ ތެރެއިން އެކަކު ވެސް ދެކެން ބޭނުން މަންޒަރެއް ނޫން. އަޅުގަނޑަށް އިނގޭ ތިޔަ ބޭފުޅުން ދެކެން ބޭނުންވާތަން ވެސް. އެހެން ނަމަވެސް އެހެން ނުހައްދަވާށޭ! [ތިން ފަހަރު އެ ޖުމްލަ ތަކުރާރު ކުރެއްވި]. އަޅުގަނޑު ރައީސް މައުމޫންގެ އަރިހުން މިއެދެނީ މިރަށަށް [މާލެއަށް] އެނބުރި އަރައިވަޑައިގަންނަވަން ނޫޅުއްވާށޭ،" ވަރަށް ސާފު އިބާރާތުން ރައީސް ނަޝީދު މައުމޫނަށް އިންޒާރު ދެއްވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު