އެމްއެޗް370ގެ ބައެއް ފެންމަތިން ފެނުމަކީ ވަރަށް އެކަށީގެން ނުވާ ކަމެއް: އެބޮޓް

ގެއްލިފައިވާ މަތިންދާބޯޓް އެމްއެޗް370ގެ އެއްވެސް ބައެއް ފެންމަތީގައި އޮއްވައި ފެނުމަކީ ވަރަށް އެކަށީގެން ނުވާ ކަމެއް ކަމަށް އޮސްޓްރޭލިއާގެ ބޮޑުވަޒު ޓޯނީ އެބޮޓް ވިދާޅުވެއްޖެ އެވެ.

އެބޮޓް މިހެން ވިދާޅުވީ އޮސްޓްރޭލިއާގެ ވެރިރަށް ކެމްބެރާގައި ބޭއްވެވި ނޫސްކޮންފަރެންސެއްގައި ކަމަށް އެގައުމުގެ ސިޑްނީ މޯނިން ހެރަލްޑް ނޫހުން ބުންޏެވެ.

"އަޅުގަނޑަށް މިހާރު ދަންނަވަން މިޖެހެނީ މި މަރުހަލާގައި މަތިންދާބޯޓްގެ އެއްވެސް އެއްޗެއް ފެންމަތިން ފެނުމަކީ ވަރަށް އެކަށީގެން ނުވާ ކަމެކޭ. މިމަރުހަލާފައި (ހޯދުމުގެ މަސައްކަތް ކުރާތާ 52 ދުވަސްވެފައިވާ އިރު) ގިނަ ތަކެތި ވާނީ ފޯވެ އަޑިއަށް ގޮސްފައި،" އެބޮޓް ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.

ފެންމަތިން އެއްޗެއް ފެނުން އެކަށީގެން ނުވާތީ ހޯދުމުގެ އާ ފިޔަވައްސެއް އިއްޔެ ވަނީ ފަށާ ފައެވެ. މިފިޔަވަހީގައި ހޯދާނީ ކަނޑުގެ އަޑި ކަމަށް އެބޮޓް ވަނީ ވިދާޅުވެފަ އެވެ. އަދި ވިދާޅުވެފައި ވަނީ ބަލަން ކަނޑައަޅާފައިވާ ސަރަހައްދުގެ ކަނޑު އަޑި ބަލަން ހައެއް ނޫނީ އަށް މަސް ދުވަސް ހޭދަވާނެ ކަމަށެވެ.

މެލޭޝިއާ އެއާލައިންގެ އެމްއެޗް 370 ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ، މިދިޔަ މަހުގެ އަށް ވަނަ ދުވަހު، މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދަތުރުކުރަމުން ދަނިކޮށެވެ. އެބޯޓުން ބޯޓުގެ ފަޅުވެރިންނާއި ފަސިންޖަރުންނާ އެކު ޖުމުލަ 239 މީހުން ދަތުރު ކުރި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު