ލ. ހިތަދޫގައި ކަރަންޓް ނެތްތާ މިއަދަށް ތިން ދުވަސް ވެފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
ހިތަދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އަލީ ވިދާޅުވީ 24 ގަޑިއިރު ވަންދެން އެރަށު ރައްޔިތުންނަށް ކަރަންޓް ނުލިބޭތާ މިހާރު ދެ އަހަރު ވެފައިވާ ކަމަށެވެ.
"އަބަދުވެސް ދޭތެރެއަކުން ކަރަންޓް ކެނޑޭނެ. ރޭގަނޑު ކަރަންޓް ދެންޏާ ދުވާލު އެއްގޮތަކަށް ވެސް ކަރަންޓް ނުލިބި ހިނގައިދާނެ. އެގޮތަށް ކަރަންޓް ކެނޑެމުން ގޮސް މިހާރު އެއްގޮތަކަށް ވެސް ކަރަންޓް ނުލިބޭތާ މިއަދަށްމީ ތިން ވަނަ ދުވަސް،" ހިތަދޫ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަރަންޓް ދޭން ބޭނުންކުރާ ދެ އިންޖީނުގެ ތެރެއިން އެއް އިންޖީނު ހަލާކުވެގެން، އެންމެ އިންޖީނެއް ބޭނުންކޮށްގެން ކަރަންޓް ދޭތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ. އަދި މިހާރު ހުރި އިންޖީނު މައްސަލަ ޖެހޭއިރަށް ކޮންމެ ފަހަރަކު ވެސް އެ ޖެހޭ މައްސަލައެއް ހައްލު ކުރުމަށް ފަހު ކަރަންޓް ދެނީ ކަމަށެވެ.
"އަދިވެސް ދާއިމީ ހައްލެއް ނުލިބޭ. މައްސަލަ ޖެހޭއިރަށް ރަނގަޅުކޮށްފައި މާގިނަ ދުވަހެއް ނުވެ އަނެއްކާ ވެސް އިންޖީނަށް މައްސަލައެއް ދިމާވެގެން ކަރަންޓް ކަނޑާލަން ޖެހެނީ،" ނައިބު ރައީސް މުހައްމަދު އަލީ ވިދާޅުވި އެވެ.
ފެނަކަ ކޯޕަރޭޝަނުން ހިންގާ ހިތަދޫ އިންޖީނުގޭގައި ބޭނުން ކުރާ އިންޖީނު ހަލާކުވުމާއި ގުޅިގެން އިންޖީނު ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.
ހިތަދޫން ކަރަންޓް ކެނޑޭ މައްސަލައާއި ގުޅިގެން އެރަށުގައި ހުންނަ ފެނަކައިގެ އިސްބޭފުޅާގެ ބަހެއް ވަނީ ލިބޭ ގޮތްނުވެފަ އެވެ.
ފެނަކަ ކުންފުނީގެ ފަރާތުން ރާއްޖޭގެ 148 ރަށަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ އިރު އެ ކުންފުނިން ވަނީ ކަރަންޓް ލިބުމަށް ދަތިވެފައިވާ ރަށްތަކަށް އިތުރު ޖަނަރޭޓަރުތައް ގެނައުމަށް އޯޑަރު ދީފަ އެވެ. އަދި ކުރިޔަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި އެ ޖަނަރޭޓަރުތައް ލިބޭނެ ކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ.