މުހްޔިއްދީން ސްކޫލް އިންޓާ ހައުސް ގުރުއާން މުބާރާތުގެ އެއްވަނަ ފަަރުމާން ހައުސް ހޯދައިފި

ދަރިވަރުންގެ ހިތްތަކުގައި ގުރުއާން ކިޔެވުމަށް ލޯބި ޖެއްސުމަށާއި ސްކޫލު ތަމްސީލްކުރާ ގުރުއާން މުބާރާތްތަކަށް ދަރިވަރުން ތައްޔާރުކުރުމަށް މުހްޔިއްދީން ސްކޫލުގައި ބޭއްވި އިންޓާ ހައުސް ގުރުއާން މުބާރާތް ނިމި ވަނަތަކަށް އައި ކުދިންނަށް އިނާމް ހަވާލުކޮށްފި އެވެ.

މުހްޔިއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަލީ ނައީމް ވިދާޅުވީ، އެޑިއުކޭޝަނަލް ޓޯއީސް ވިއްކުމަށް މަޝްހޫރު ފިހާރަ، ޕީކްއަބޫ އިން ސްޕޮންސާ ކޮށްގެން އިއްޔެ ބޭއްވި އެ ގުރުއާން މުބާރާތުގައި ސްކޫލްގެ ހަތަރު ހައުސް ކަމަށްވާ، ދަންމާނު ހައުސް، ފަރުމާނު ހައުސް، ހުންގާނު ހައުސް އަދި މައްޔާ ހައުސް އިން ޖުމްލަ 80 ކުދިން ބައިވެރިވެފައިވާ ކަމަށެވެ.

މުބާރާތުގެ ވަނަވަނަ އަށް އައި ކުދިންނަށް އިނާމާއި ސެޓްފިކެޓް ހަވާލުކޮށްދެވީ ޕީކްއަބޫގެ ސޭލްސް މެނޭޖަރު ޝީޒާ އަބްދުއްރަހްމާން އާއި ސްކޫލްގެ އިސްވެރިންނެވެ.

ގުރުއާނާ ބެހޭ މަޒުކަޒުގެ ފަނޑިޔާރުން ޖަޖްކަންކުރެއްވި އެ މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ނުބަލައި ކިޔެވުމުގެ ގޮފިން ވެސް އެއްވަނަ ހައުސް އަކަށް ހޮވިފައި ވަނީ ފަރުމާން ހައުސް އެވެ. އަދި މުޅި މުބާރާތުން ވެސް އެއް ވަނަ ހައުސް އަކަށް ހޮވިފައި ވަނީ ވެސް ފަރުމާން ހައުސް އެވެ.

ފަސް އުމުރު ފުރައަކަށް ބަހާލައިގެން، ބޭއްވި އެ މުބާރާތުގައި ހަތް އަހަރުން ދަށުގެ އުމުރު ފުރައިން އެއްވަނަ ދަންމާނު ހައުސްގެ 1-އޭ ގެ ދަރިވަރު ޒޫޝާން ޖަވާދު ހޯދި އިރު، ނުވަ އަހަރުން ދަށުގެ އުމުރުފުރައިން އެއްވަނަ މަގާމް ހޯދީ ހުންގާނު ހައުސްގެ 3-އޭގެ ދަރިވަރު އާމިނަތު ޒަހާ ޒިޔާދު އެވެ.

ބަލައިގެން ކިޔެވުމުގެ ގޮފީގެ 11 އަހަރުން ދަށުގެ އެއްވަނަ ދެ ކުއްޖަކު ވަނީ ހޯދާފައިވެ އެވެ. އެއީ ފަރުމާން ހައުސްގެ 5- ބީގެ ދަރިވަރު އަޒާން އަހްމަދު ރަޝީދު އާއި މައްޔާ ހައުސްގެ 4- ބީގެ ދަރިވަރު ފާތުމަތު ނައުޝާ އެވެ. ބަލައިގެން ކިޔެވުމުގެ ގޮފިން 16 އަހަރުން ދަށުގެ އުމުރުފުރައިން އެއްވަނަ ހޯދީ މައްޔާ ހައުސްގެ 10- ބީގެ ދަރިވަރު އާމިނަތު ދައުހާ ރަޝީދު އެވެ.

ހިތުން ކިޔެވުމުގެ ގޮފިން ހަތް އަހަރުގެ ދަށުގެ އުމުރު ފުރައިން އެއްވަނަ ހޯދީ މައްޔާ ހައުސްގެ 1-ބީގެ ދަރިވަރު އައިޝަތު އިބާ އެވެ. އަދި ނުވަ އަހަރުން ދަށުގެ އެއްވަނަ ދަންމާން ހައުސްގެ 2-ބީގެ ދަރިވަރު މުހައްމަދު އައްޝަމް ހޯދާފައިވާއިރު 11 އަހަރުން ދަށުގެ އެއްވަނަ ހޯދީ ދަންމާން ހައުސްގެ 5- އޭގެ ދަރިވަރު މުހައްމަދު އަލްސަން އެވެ.

ބަލައިގެން ކިޔެވުމުގެ ގޮފިން އެންމެ މޮޅު ފަސް ދަރިވަރުންނަށް ހޮވިފައި ވަނީ ހުންގާނު ހައުސް އިން 3- އޭގެ ދަރިވަރު އާމިނަތު ޒަހާ، 7-އޭގެ ދަރިވަރު މަރިޔަމް ޝާގިބާ އާއި މައްޔާ ހައުސް އިން 10-ބީގެ ދަރިވަރު އާމިނަތު ދައުހާ، 7-ސީގެ ދަރިވަރު ފާތުމަތު ދީޝާންގެ އާއި ފަރުމާން ހައުސް އިން 3-ބީގެ ދަރިވަރު މަރިޔަމް ނަބީލާ އަދި 7-އޭގެ ދަރިވަރު ޖުމާނާ ރަޝީދު އެވެ.

ހިތުން ކިޔެވުމުގެ ގޮފިން އެންމެ މޮޅު ފަސް ދަރިވަރުންނަށް ހޮވިފައިވަނީ ދަރުމާން ހައުސް އިން 5-އޭގެ ދަރިވަރު މުހައްމަދު އަލްސަން، 1-އޭގެ ދަރިވަރު އަލީޝާ އަހްމަދު އާއި ދަންމާނު ހައުސް އިން 2-ބީގެ ދަރިވަރު މުހައްމަދު އައްޝަމް، 1-ބީގެ ދަރިވަރު އައިޒާ އަހްމަދު އަދި މައްޔާ ހައުސްއިން 1-ބީގެ ދަރިވަރު އައިޝަތު އިބާ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު