"ހެޔޮނުވާނެ" ނުބަލައި ދޫކޮށްލަން ހެޔޮނުވާނެ!

ވާހަކަ ލިޔުންތެރިޔާ ފާތުމަތު ނަހުލާގެ ކޮންމެ ފިލްމަކަށް ވެސް އިންތިޒާރު ކުރަމުން އަންނަ ދިވެހި އޯޑިއަންސަށް މިރެ އަކީ ބޮޑު ރެއެކެވެ. ކާމިޔާބު އެތައް ފިލްމުތަކެއް ޑައިރެކްޓް ކޮށްފައިވާ ނަހުލާގެ ވާހަކައެއްގެ މައްޗަށް ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓް ކުރާ "ހެޔޮނުވާނެ" މިރޭ އޮލިމްޕަހުގެ ސްކުރީން ފަޅުފިލުވާލަ ދޭން ވަނީ ތައްޔާރުވެފަ އެވެ.


ނަހުލާގެ ކްރިސްޓަލް އެންޓަޓެއިން މަންޓްގެ ފިލްމުތަކުގެ ލިސްޓައް އިތުރުވާ މި ފިލްމާމެދު ނަހުލާގެ އުންމީދު ތަކާއި ވާހަކަތައް ކިތަންމެ ހާވެސް ފޮންޏެވެ. ފިލްމު އެޅުވުމަށް ތައްޔާރުވެފައި ވާއިރު ފިލްމުގެ ވާހަކަވެސް ލިޔުނު ނަހުލާ ބުނީ މިފިލްމަކީ ފިރިހެނުންގެ ހައްގުތަކާއި ދިރިއުޅުމުގައި އަންހެނުންނަށް ވިސްނާލެވިފައި ނެތް އެތައް ކަމެއް ފެނިގެންދާނެ ފިލްމެއް ކަމަށެވެ.


"އަބަދުވެސް އިވެނީ އަންހެނުންގެ ވާހަކަ. ފިރިހެނުންނަށް ވެސް ނުކެރޭ އެމީހުންގެ ހައްގުތަކުގެ ވާހަކަ ދައްކާކަށް. މީގަ ނުދައްކައި ކިތަންމެ ވާހަކަ އެއް މަންޒަރުން ދައްކާނެ،" ނަހުލާ ބުންޏެވެ.


ފިލްމުގެ ޑައިރެކްޓްކުރި ބަތޮލު، ޔޫއްޕެ އަދި އޭނާގެ އަންހެނުން ފާތުމަތު ފަރީލާ އާއި ޝީލާ ނަޖީބު ލީޑް ރޯލްތައް ކުޅެފައިވާ ފިލްމް ކުލަ ގަދަ ހަފްލާއަކާއެކު ޕްރިމިއާ ކުރުމަށް ހަމަޖެހިފައި ވާއިރު ގިނަ އަނދަދެއްގެ ދިވެހިން ދަތުރު ކުރާ އިންޑިޔާގެ ޓްރެވިންޑްރަމްގަ އާއި ސްރީލަންކާގައި އެއް ވަގުތެއްގައި ފިލްމް ދައްކާނެ ކަމަށް ނަހުލާ ބުންޏެވެ.


"މިއީ ޗުއްޓީ ކަމަށް ވާތީ ގިނަ އަދަދަކަށް ދިވެހިން އެ ގައުމުތަކުގައި އުޅޭނެތީ، އިންޑިއާ އާއި ލަންކާގައި ފިލްމް މި އަޅުވަނީ،" ނަހުލާ ބުންޏެވެ.


"ވީރާނާ" ގެ ކާމިޔާބީއަށްފަހު ޔޫއްޕެއާއެކު ނަހުލާ ކުރާ ދެވަނަ މަސައްކަތާމެދު ނަހުލާ ބުނަނީ ޔޫއްޕެ ކޮށްފައި ވަނީ ވަރަށް ވެސް ބުރަ މަސައްކަތެއް ކަމަށެވެ. އޭނާގެ ޓްރޭޑް މާކުގައި ނިކުންނަ ފިލްމަކަށް ވުމުން މި ފިލްމަކީ ވެސް ބަލައިލަން "ވޯތު" ފިލަމަކަށް ވާނެ ކަމަށެވެ.


"ޔޫއްޕެ ކޮށްފައި މިއޮތީ ވަރަށް ބުރަ މަސައްކަތެއް. މިއީ ވަރަށް ރޭވިގެން ނެގިފައި އޮތް ފިލްމެއް. މި ފިލްމުގައި ޝޮޓްތައް އެހުރީ ރިވާސްކޮށް ޖައްސައިގެން ނަގާފައި. އަހަރެންގެ ފިލްމެއްގެ ކޮލިޓީ ހިފެހެއްޓުމަކީ އަހަރެންގެ އޯޑިއަންސަށް ދޭ އިތުބާރެއް،" ނަހުލާ ބުންޏެވެ.


މާލެ އަތޮޅު ގުރައިދޫގައި ގިނަ މަންޒަރުތައް ނަގާފައި ވާ މި ފިލްމުގެ އެކްޓިންއާ މެދު ނަހުލާ ބުނީ ޝިލާގެ އެކްޓިން އަކީ ދުވަހަކު ވެސް ފިލްމެއްގައި އަންހެން ތަރިއަކު ދައްކައިދީފައި ނުވާ ފަދަ މޮޅު އެކްޓިން އެއް ކަމަށެވެ. އަދި ބުނީ ފަރީލާގެ އެކްޓިންވެސް ހީކުރި ވަރަށް ވުރެ މާ ރަނގަޅު ކަމަށެވެ.


"ފަރީލާ މިފަދަ ބޮޑު ފިލްމެއްގައި މަސައްކަތް ކުރި ފުރަތަމަ ފަހަރާއި އަޅާބަލާފައި މާރަނގަޅު. އަޅުގަނޑު ދަންނަވާނީ ޝީލާގެ އެކްޓިން ހާ މޮޅު އެކްޓިން އެއް (ޝީލާގެ) އެހެން ފިލްމަކުން ނުފެންނާނެ އޭ" ނަހުލާ ބުންޏެވެ.


ނަހުލާ ގަބޫލު ކުރަނީ އޭނާގެ "ހެޔޮނުވާނެ" އަކީ މުޖުތަމައަށް ރަނގަޅު މެސެޖެއް ގެނެސްދޭ، އަހަރު ނިންމާލުމަށް އެންމެ ރަނގަޅު އެއް ފިލްމް ކަމަށެވެ.


"ދައްކާ ވާހަކައަށް ވުރެ ފިލްމް މާ ފޮނިވެފައި އަސަރުގަދަވާނެ. މިއީ ނުބަލައި ދޫކޮށްލަން ހެޔޮނުވާ ވަރުގެ ފިލްމެއް." ނަހުލާ ބުންޏެވެ.


ޔޫއްޕެގެ 10 ވަނަ ޑައިރެކްޝަން ފެނިގެންދާ މި ފިލްމަށް އިންސާފު ކުރާނީ ބެލުންތެރިން ނެވެ. ނަހުލާގެ "ފޮނި" ވާހަކަތަކާއި ފިލްމުގެ މަންޒަރުތަކުގައި އެ ފޮނިކަން އެކުލެވިފައި ވަނީ ކިހާވަރަކަށްތޯ އިންސާފު ކުރާނީ އޯޑިއަންސެވެ. އިންތިޒާރުގެ ނިމުން އޮތީ ދުރަކު ނޫނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު