ތަސްމީނާއި ޝާހިދަށް ޖީއެމްއާރުން ޓިކެޓްދިން ކަމަށް ހެކި ދެއްކުމުގެ ގޮތުން އިތުރު ލިޔުންތަކެއް އުމަރު އޭސީސީ އަށް ހުށަހަޅައިފި

ޑީއާރްޕީގެ ލީޑާރު އަހްމަދު ތަސްމީން އަލީ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ޖީއެމްއާރުން ދިން ކަމަށް ބުނާ ޓިކެޓުތަކަކީ ސައްހަ ޓިކެޓުތަކެއް ކަމަށް ސާބިތުކޮށްދިނުމަށް ޓަކައި އުމަރު ނަސީރު އަނެއްކާ ވެސް އިތުރު ލިޔެކިޔުންތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅުއްވައިފި އެވެ.


ޖީއެމްއާރުން ޝާހިދާއި ތަސްމީނަށް ކޮލޮމްބޯ މަގުން ދިއްލީން މާލެ އަށް ދަތުރުކުރެއްވުމަށް ޓަކައި ޓިކެޓު ދިން ކަމަށް ބުނެ އެ މައްސަލަ އޭސީސީއަށް ފުރަތަމަ ހުށަހެޅުއްވީ ވެސް، ޑީއާރްޕީން ވަކިކުރުމަށް ނިންމާފައިވާ އެޕާޓީގެ ޑެޕިއުޓީ ލީޑާ އުމަރު ނަސީރެވެ. އޭސީސީއަށް އުމަރު މިއަދު ހުށަހަޅުއްވާފައި ވަނީ، އިންޑިއާގައި މިދިޔަ ޖުލައި މަހު އޮތް ޖީއެމްއާރުގެ އިވެންޓެއް ކަވަރުކުރުމަށްޓަކައި ރާއްޖޭގެ ނޫސްވެރިންތަކެއްގެ ނަމުގައި ނަގާފައިވާ ކަމަށް ބުނާ ޓިކެޓުތަކެއްގެ ކޮޕީ އެވެ.


އުމަރު ވިދާޅުވާ ގޮތުގައި، ތަސްމީނާއި ޝާހިދުގެ ނަމުގައި ޖީއެމްއާރުން ޓިކެޓު ނަގާފައިވަނީ ރާއްޖޭގެ ނޫސްވެރިންތަކަށް ޖީއެމްއާރުން ދިން ޓިކެޓުތައް ވެސް ދޫކުރި އެފްސީއެމް ޓްރެވެލްސް ސޮލިއުޝަންސް އިންޑިޔާ ލިމިޓެޑް އިން ނެވެ.


"ޖީއެމްއާރުގެ ދައުވަތަކަށް އިންޑިއާގެ ދިއްލީގެ ޓާމިނަލް 5 ހުޅުވުމުގެ ރަސްމިއްޔާތު ރާއްޖޭގެ މީޑިއާގައި ކަވަރު ކުރުމަށްޓަކައި ރާއްޖޭގެ މީޑިއާ އަށް ދިން ދައުވަތުގައި ދަތުރުކުރި ބައެއް ބޭފުޅުންނަށް ޖީއެމްއާރުން ދެއްވި ޓިކެޓްތައް ވެސް ދޫކޮށްފައި ވަނީ އަބްދުﷲ ޝަހިދާއި އަހްމަދު ތަސްމީން އަލީ އަށް ވެސް ޖީއެމްއާރްގެ ޓިކެޓް ދޫކުރި އެފްސީއެމް ޓްރެވެލްސް ސޮލިއުޝަންސް އިންޑިޔާ ލިމިޓެޑް ކަން ޔަގީންކޮށްދިނުމަށްޓަކައި.. މީޑިއާގެ ބޭފުޅުންނަށް ޖީއެމްއާރުން ދިން ޓިކެޓުގެ ކޮޕީއެއް ލިބިފައިވާތީ އެ ޓިކެޓުތަކުގެ ކޮޕީއެއް ތިޔަ ކޮމިޝަންގެ މައުލޫމާތަށް ޓަކައި ފޮނުވީމެވެ." އޭސީސީއަށް އުމަރު ފޮނުއްވި ސިޓީގައިވެ އެވެ.


އެމްއެންބީސީ ވަންގެ ދެ ނޫސްވެރިއަކަށާއި ރާއްޖެ ރޭޑިޔޯގެ ނޫސްވެރިޔަކަށް ދޫކޮށްފައިވާ ޓިކެޓުގެ ކޮޕީތައް ސަން އޮންލައިން އަށް ވެސް ވަނީ ލިބިފަ އެވެ.


އެ ޓިކެޓުތަކުގައިވާ ގޮތުގައި، ރާއްޖެ ރޭޑިއޯގެ ނޫސްވެރިޔާގެ ނަމުގައި ޖޫން 29، 2010 އަދި އެމްއެންބީސީ ވަންގެ ދެ ނޫސްވެރިންގެ ނަމުގައި ޖޫން 30، 2010 ގައި އެފްސީއެމް ޓްރެވެލް ސޮލިއުޝަންސް އިން ދޫކޮށްފައި ވަނީ އިންޑިއަން އެއާލައިންގެ ޓިކެޓުތަކެކެވެ. އެއީ ޖުލައި އެއް ވަނަ ދުވަހު މާލެއިން ބެންގަލޫރަށް އަދި، ބެންގަލޫރުން ހައިދެރަބާދަށް ދިއުމަށް ދޫކޮށްފައިވާ ޓިކެޓުތަކެކެވެ.


ޝާހިދާއި ތަސްމީނުގެ ނަމުގައި އެފްސީއެމް އިން އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ދޫކުރި ކަމަށް ބުނާ ޓިކެޓުތަކަކީ، ސްރީ ލަންކަން އެއާލައިންސްގެ ސައްހަ ޓިކެޓުތަކެއް ކަމަށް އެ އެއާލައިންސް އިން ލަންކާއަށާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މެނޭޖާ ދައްމިކަ ކުލަތުންގޭ ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.


އެއީ ސައްހަ ތިކެޓުތަކެއް ކަމަށާއި އަދި އެ ދެޓިކެޓުގައި ދަތުރުނުކޮށް، ރީފަންޑުކޮށްފައިވާ ކަމަށް ދައްމިކަ ކުލަތުންގޭ އުމަރަށް ކަށަވަރުކޮށްދިން ސިޓީއެއް އޭނާ ވަނީ މީގެ ކުރިން މީޑިއާއާ ހިއްސާކޮށްފަ އެވެ. އަދި އޭސީސީއަށް އެ ސިޓީ އުމަރު ވަނީ ހުށަހަޅައިފަ އެވެ.


އޭސީސީގެ ނާއިބު ރައީސް މުއައްވިޒް ރަޝީދު ކުރިން ވިދާޅުވެފައި ވަނީ، ޖީއެމްއާރު ޓިކެޓުތަކުގެ މައްސަލަ އުމަރު އޭސީސީއަށް ހުށަހެޅުއްވުމުގެ ކުރިން ވެސް އެ މައްސަލަ ކޮމިޝަނުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.


ތަސްމީނާއި ޝާހިދު ވިދާޅުވަމުން ގެންދަވަނީ، ޖީއެމްއާރުން އެ ބޭފުޅުންގެ ނަމުގައި ނަގާފައިވާ ކަމަށް ބުނާ ދެ ޓިކެޓަކީ އެ ބޭފުޅުންނާ އެއްވެސް ގުޅުމެއް އޮތް އެއްޗެއް ނޫން ކަމަށެވެ. އަދި އޭސީސީ އިން އެ މައްސަލަ ބެއްލެވުމަކީ އެ ބޭފުޅުން އުފާކުރައްވާ ކަމެއް ކަމަށާއި ތަހުގީގު ނިމުމުން އެންމެންނަށް ވެސް ހަގީގަތް އެނގޭނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު