ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު އެ ޕާޓީން ވަކިކުރުމަށް ޑިސިޕްލިނަރީ ކޮމެޓީން ނިންމާފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށް ބުނެ، އެ ނިންމުން ބާތިލުކޮށްދިނުމަށް އެދި އުމަރުގެ ފެކްޝަނުން ޑީއާރްޕީގެ ކައުންސިލަށް ގަރާރެއް ހުށަހަޅައިފި އެވެ.
ޑީއާރްޕީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ހަ މެމްބަރުން ސޮއިކުރައްވައި މިދިޔަ ބުރާސްފަތު ދުވަހު ހުށަހަޅުއްވާފައިވާ އެ ގަރާރުގައި ބުނަނީ، އުމަރު ޕާޓީން ވަކި ކުރަން ނިންމި ނިންމުމަކީ އަސާސީ ގަވާއިދުގެ 84 ވަނަ މާއްދާ އާއި 110 ވަނަ މާއްދާ އާ ހިލާފު ނިންމުމެއް ކަމަށެވެ.
އެ ޤާރާރުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ ދެ ނުކުތާއެކެވެ.
ފުރަތަމަ ނުކުތާގައި ބުނެފައި ވަނީ، "ޑެޕިއުޓީ ލީޑަރު އުމަރު ނަސީރުގެ މައްސަލައެއް ބެލުމަށް މެންބަރުންގެ ސުލޫކީ ކަންކަން ބަލަހައްޓާ ކޮމެޓީ [ޑިސިޕްލިނަރީ ކޮމެޓީ] އަށް އޮކްޓޫބަރު 7، 2010 ގައި ފޮނުވި މައްސަލައިގައި ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު ޕާޓީގެ މެންބަރު ކަމުން ވަކި ކުރަން ނިންމެވި ނިންމެވުމަކީ ޕާޓީގެ އަސާސީ ގަވާއިދުގެ 84 ވަނަ މާއްދާގައި ޑެޕިއުޓީ ލީޑަރަކު މަޤާމުން ވަކި ކުރެވޭނެ ގޮތާ ހިލާފަށް ނިންމާފައިވާ ނިންމުމެއް" ކަމަށެވެ.
އަދި ދެ ވަނަ ނުކުތާގައި ބުނެފައި ވަނީ، ޑިސިޕްލިނަރީ ކޮމެޓީގައި އުމަރު ޕާޓީން ވަކިކުރުމަށް ފެނޭތޯ ނެގި ވޯޓުގައި އަސާސީ ޤާވައިދުގެ 110 ވަނަ މާއްދާ އާ ހިލާފަށް ކޮމެޓީގެ ރިޔާސަތުން ވޯޓު ދީފައިވާކަން އެ ކޮމެޓީގެ ރިޕޯޓުން ސާބިތުވާ ކަމަށެވެ.
އެހެންކަމުން، އެ ދެ ނުކުތާގެ މައްޗަށް ރިއާޔަތްކޮށް ޑިސިޕްލިނަރީ ކޮމިޓީގެ ނިންމުމަކީ އަސާސީ ގަވާއިދާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެ ގަރާރުގައި އެދިފައިވެ އެވެ. އަދި ކުރިއަށް އޮތް 10 ދުވަހުގެ ތެރޭ އެ މައްސަލަ ކައުންސިލްގައި ބެލުމަށް އެޖެންޑާކޮށްދިނުމަށް ވެސް ބުނެފައިވެ އެވެ.
ޑީއާރުޕީގެ ޑިސިޕްލިނަރީ ކޮމެޓީގެ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން ވޯޓު ދީގެން އުމަރު ނަސީރު އެ ޕާޓީން ވަކިކުރުމަށް ފާސްކޮށްފައި ވަނީ މި މަހު ދެ ވަނަ ދުވަހު އެވެ. އަދި ޑީއާރްޕީގެ އިސްތިއުނާފް ކޮމިޓީއަށް މައްސަލަ ހުށަހެޅުއްމަށް 15 ދުވަހުގެ މުހުލަތެއް އުމަރަށް ދެއްވި އެވެ.
ނަމަވެސް، އެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވެފައިވާއިރު، އުމަރު ވަނީ، "އަސާސީ ގަވާއިދާ ޚިލާފަށް ނިންމި ނިންމުމެއް އިސްތިއުނާފްކުރާކަށް ނުޖެހޭ" ކަމަށް ވިދާޅުވެ، އެ މައްސަލަ އިސްތިއުނާފް ކުރުމަށް ދެކޮޅު ހައްދަވައިފަ އެވެ.
ޑީއާރްޕީގެ ސެކްރެޓަރީ ޖެނެރަލް އަބްދުއްރަޝީދު ނާފިޒް މިއަދު ވިދާޅުވީ، ޕާޓީގެ ނިންމުން އެއްވެސް މީހަކަށް ވެސް، އަދި ޕާޓީގެ އެހެން ގޮތްޕަކުން ވެސް ބަދަލު ނުކުރެވޭނެ ކަމަށާއި އުމަރު ވަކިކުރުމަށް ޑިސިޕްލިނަރީ ކޮމިޓީން ނިންމި ނިންމުން ތަންފީޒުކުރުމަށް އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތްތަކައިގެން މާދަމާ ކުރިއަށްވަޑައިގަންނަވާނެ ކަމަށެވެ.
އުމަރު ވަކިކުރުމުގެ ނިންމުން ބާތިލްކޮށްދިނުމަށް އެދި ކައުންސިލަށް ހުށަހެޅި ގަރާރުގައި ސޮއިކުރައްވާފައި ވަނީ އެ ޕާޓީގެ ޑިޕިއުޓީ ލީޑަރު އިލްހާމް އަހުމަދާއި ޒުވާނުންގެ ގޮފީގެ ރައީސް އަހުމަދު މަހްލޫފާއި ޒުވާނުން ގޮފީގެ ނައިބު ރައީސް މުހައްމަދު ގައްސާނު މައުމޫނާއި އެ ޕާޓީގެ ކައުންސިލްގެ ތިން މެންބަރުން ކަމުގައިވާ، އަލީ އާރިފާއި އަބްދުލް މުހުސިން ހަމީދާއި މުހައްމަދު ވަހީދް އިބްރާހިމް އެވެ.
ޑީއާރުޕީގެ ޒައީމު މައުމޫން އަބްދުލްގައްޔޫމް އެ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އަށް މިދިޔަ ބުދަ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ޕާޓީގެ ތެރޭގައި އުޅޭ މައްސަލަތައް ސުލްހަވެރިކަމާ އެކު ހައްލުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އުމަރު ޕާޓީން ވަކިކުރެއްވުމުގެ ނިންމެވުމަށް ދެކޮޅުހައްދަވައި، އުމަރަކީ އަދިވެސް ޕާޓީގެ ޑެޕިއުޓީ ލީޑަރެއް ކަމުގައި މައުމޫން ވަނީ ވިދާޅުވެފަ އެވެ.