ކައުންސިލް އިންތިހާބުގެ ކެމްޕޭނުގައި މައުމޫން ބައިވެރިވެވަޑައިގަންނަވާނެކަން ކަށަވަރެއް ނޫން: ޑީއާރްޕީ

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ޑީއާރްޕީ ކެމްޕޭނުގައި ޒައީމް މައުމޫން އަބްދުލް ގައްޔޫމް އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އަދި އަންގަވާފައިނުވާ ކަމަށާއި އެކަން ކަށަވަރުވާނީ އެމަނިކުފާނު އަމިއްލަފުޅަށް އެހެން ވިދާޅުވުމުން ކަމަށް ޑީއާރްޕީން ބުނެފި އެވެ.


ޑީއާރްޕީގެ ސެކްރެޓަރީ ޖެނެރަލް އަބްދުއް ރަޝީދު ނާފިޒު އިއްޔެ ވިދާޅުވީ، ކައުންސިލް އިންތިހާބުގައި ވާދަކުރާ ޑީއާރްޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ޒައީމް މައުމޫން ކެމްޕޭނުގައި ބައިވެރިވެވަޑައިގެން، އަތޮޅުތަކަށް ވެސް ދަތުރުކުރައްވާނެ ކަމަށް ވިދާޅުވަމުން ގެންދަވަނީ އުމަރު ނަސީރާއި އޭނާއާ އެކު މަސައްކަތްކުރައްވަމުން ގެންދަވާ ޑީއާރްޕީގެ އިސް މެމްބަރުން ކަމަށާއި އެކަން ކަށަވަރުވާނީ ޒައީމް މައުމޫން އަމިއްލަފުޅަށް އެހެން ވިދާޅުވުމުން ކަމަށެވެ.


ނަމަވެސް، ޒައީމް މައުމޫނުގެ ފަރާތްޕުޅުން ޑީއާރްޕީ އަށް އަދި ވަކި އެއްޗެއް ކެމްޕޭނާ ގުޅޭ ގޮތުން އަންގަވާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.   


"މިހާރު ޒައީމް އެއްވެސް އެއްޗެއް ސީދާ ވިދާޅެއް ނުވޭ. މިހާރު އެ އިވެނީ އުމަރު ވިދާޅުވާ އެއްޗަކާއި މަހްލޫފް ވިދާޅުވާ އެއްޗެއް ޒައީމް ކެމްޕޭނުގައި ބައިވެރިވެވަޑައިގަންނަވާނޭ ރާއްޖޭގެ ރަށްރަށަށް ވަޑައިގަންނަވާނޭ މަންދޫބުންނާ އެކީގައި ކެމްޕޭނުގައި އުޅުއްވާނޭ. މިހުރިހާ އެއްޗަކީ އެބޭފުޅުން ވިދާޅުވާ އެއްޗެއް. ޒައީމް ޕްރެސް ކޮންފަރެންސެއް ބާއްވައިފައި ވިދާޅުވީމަ ދެއްތޯ އޭތި ކޮމްފޯމް [ކަށަވަރު] ކުރެއްވޭނީ،" ނާފިޒް ވިދާޅުވި އެވެ.


މީގެ އިތުރުން ކެމްޕޭނު ނުވަތަ ޕާޓީ ކަމެއްގައި ބައިވެރިވެވަޑައިގަންނަވާ އިރު ޒައީމް މައުމޫން އަމިއްލަފުޅަށް އިޝާރާތެއް ދެއްވާ ކަމަށާއި އެގޮތުން ތުލުސްދޫގައި ބޭއްވި ޕާޓީގެ އަހަރީ ޖަލްސާއަށް ވަޑައިގަތުމަށް އެމަނިކުފާނު ވަރަށް ބޮޑަށް ބޭނުންވެވަޑައިގެންނެވި ނަމަވެސް، ފަހު ވަގުތު އެކަން ކެންސަލް ކުރެއްވީ ސަރުކާރުން ސެކިއުރިޓީގެ ކަންކަން ހަމަޖައްސައިދީފައިނުވާތީ ކަމަށް ނާފިޒް ވިދާޅުވި އެވެ.


"މި ފަހުން އަޅުގަނޑުމެންނަށް ފެނިގެންދިޔަ އެންމެ ބޮޑު އަދި އެންމެ މުހިންމެ އެއް އިވެންޓަށް ޒައީމަށް ވަޑައިނުގެންނެވިފައި މިއޮތީ ސެކިއުރިޓީ މައްސަލައަކާ ހުރެ. އެހެންވީމަ، ދިވެހި ރާއްޖޭގެ ސަލާމަތީ ކަންކަމާ މި ހުރިހާ ކަންތައްތަކެއް އެހެން ހުރި އިރުގައި އެބޭފުޅުން އެ ވިދާޅުވާހާ ފްރީ މޫވްމަންޓެއް، ޒައީމަށް ސަރުކާރުން ދޭން ޖެހޭ ސެކިއުރިޓީ އާ އެއްޗެހި ނުދީ އެ މައްސަލައިގައި ކަންތައް ބޮޑުވެފައި އޮއްވައި [ކެމްޕޭނު ކުރެއްވުމަށް ޒައީމް ރަށްރަށަށް ވަޑައިގަތުމަކީ] އެއީ އެކަށީގެންވާ ކަމެއް ނޫން. އެހާ ފަސޭހަފުޅެއް ނުވާނެ،" ނާފިޒް ވިދާޅުވި އެވެ. 


އެޕާޓީގެ ޕާލިމެންޓްރޫ ގްރޫޕް މެމްބަރު އަދި ލޯކަލް ކައުންސިލް އިލެކްޝަންސްގެ ޑީއާރްޕީ ސްޓިއަރިން ކޮމިޓީގެ މެމްބަރު ރޮޒައިނާ އާދަމް ވެސް ވިދާޅުވީ، ޒައީމް މައުމޫން ކެމްޕޭނުގައި ބައިވެރިވެވަޑައިގެންވެނުމާ ބެހޭ ގޮތުން އެއްޗެއް އެނގިވަޑައިނުގަންނަވާ ކަމަށާއި އެކަމާ ގުޅިގެން އިވެނީ ހަމައެކަނި ޑީއާރްޕީން ވަކިކުރުމަށް ނިންމާފައިވާ އުމަރު ދައްކަވާ ވާހަކަ ކަމަށެވެ.


މައުމޫންގެ އިސްތަރުޖަމާނު މުހައްމަދު ހުސެން ޝަރީފް (މުންދު) އަށް ގުޅާލުމުން މިއަދު ވިދާޅުވީ، މައުމޫން ޑީއާރްޕީން ކެމްޕޭނުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި އެކަން ކޮންމެހެން ޑީއާރްޕީގެ ލީޑާޝިޕަށް އެމަނިކުފާނު އަމިއްލަފުޅަށް އަންގަވަން ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި އެފަދަ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް، މައުލޫމާތު ސާފުކުރައްވަން ޖެހޭނީ ޑީއާރްޕީން އަމިއްލައަށް ކަމަށް ވެސް މުންދު ވިދާޅުވި އެވެ.


އޭނާ ވިދާޅުވި ގޮތުގައި، ސެކިއުރިޓީ ހަމަނުޖެހުނަސް، ކެންޑިޑޭޓުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ތާއީދު އެ ކެންޑިޑޭޓުންނަށް ހޯދުމަށް މައުމޫން ރަށްރަށް ވަޑައިގަންނަވާނެ ކަމަށެވެ.


"ސެކިއުރިޓީ ހަމަނުޖެހުނު ކަމުގައި ވިޔަސް، މައުމޫން ހުންނެވީ ރަށްރަށަށް ވަޑައިގެން ޑީއާރްޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައިދެއްވުމަށް ފުރިހަމަ ޖޯޝުގައި" މުންދު ވިދާޅުވި އެވެ.


އަދި އިލެކްޝަންސް އަށް އުމަރުގެ ފެކްޝަނުން ކުރާ ދަތުރުތަކުގައާއި ބާއްވައި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންވުމުގައި ޒައީމް މައުމޫންގެ އިއުތިރާޒެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު