ތިނަދޫ ދެ ދާއިރާގެ އިންތިހާބު ވެސް މިފަހަރު ފޯރިގަދަވާނެ

ގދ. ތިނަދޫ އިން: ހަސަން މުހައްމަދު

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނުގެ އެންމެ ފަހުގެ ހަރަކާތްތައް މިހާރު ކުރިއަށްދާއިރު ގދ. ތިނަދޫގެ ދެ ދާއިރާގެ އިންތިހާބުގެ ވާދަވެރިކަން ވެސް މިފަހަރުގެ ވަރަށް ގަދަވާނެ ކަމަށް ޕާޓީތަކުން ބުނެފި އެވެ.

ތިނަދޫ އުތުރާއި ދެކުނަށް ޖުމްލަ ފަސް ކެންޑިޑޭޓުން ކުރިމަތިލާފައި ވެއެވެ. އެއީ ތިނަދޫ އުތުރަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީީއެމް)ގެ ސައުދުﷲ ހިލްމީ އާއި އެ ދާއިރާއަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މުހައްމަދު ގަސަމް އާއި ތިނަދޫ ދެކުނަށް އެމްޑީޕީން މުހައްމަދު ނާޒިމް އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ އަބްދުﷲ މުހައްމަދާއި އަމިއްލަ ގޮތުން ވާދަ ކުރައްވާ އައިމިނަތު ނަސީމާ އެވެ.

އިސްލާހީ ހަރަކާތްތައް ރާއްޖޭގައި ފެށިގެން އައި އިރުން ފެށިގެން ތިނަދޫގެ މެޖޯރިޓީއަކީ އެމްޑީޕީ އެވެ. އެކަމަކު ޕީޕީއެމްގެ އިސްކޮށް މި ރަށުގައި ހަރަކާތްތެރިވާ އާޒިމް ހުސެއިން ބުނީ ސަރުކާރު ކޯލިޝަނަށް މިފަހަރު އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑު ކަމަށެވެ.

"މިފަހަރު ތަފާތު ދެއްކޭނެ. ކާމިޔާބީގެ ޔަގީންކަން ވަރަށް ބޮޑު،" އޭނާ ބުންޏެވެ.

ކޯލިޝަނުން އުއްމީދުގައި ތިބި އިރު ތިނަދޫގައި އަބަދުވެސް މެޖޯރިޓީ އޮންނަ އެމްޑީޕީން ތިބީ އެމީހުންގެ ތާއީދު ދެމެހެއްޓުމުގެ އުއްމީދުގަ އެވެ.

"ރިޔާސީ އިންތިހާބުގެ ވެސް ނަގަމުން އައި ވަރަށް ބަލާފައި އަދި ކައުންސިލް އިންތިހާބުގައި ވެސް އެމްޑީޕީން ހޯދި ކާމިޔާބަށް ބަލާފަ ހަމަ 100 ޕަސެންޓު ޔަގީންކަން އެބަ އޮތް ކާމިޔާބު ލިބޭނެ ކަމުގެ،" ތިނަދޫ ކައުންސިލް މެންބަރު ސައުދު އަލީ ވިދާޅުވި އެވެ.

ފަހުގެ ހަރަކާތެއްގެ ގޮތުން ސަރުކާރުގެ ކޯލިޝަނުން ތިނަދޫގައި ހިނގާލުމެއް ކުރިއަށް އެބަ ގެންދެ އެވެ. އަދި އާދައިގެ މަތިން އެމްޑީޕީގެ "ބޮޑު ޕެރޭޑް" ވެސް އެބަ ކުރިއަށް ގެންދެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް