މުއްދަތު ހަމަވާއިރު އިސްތިއުނާފު ކޮމިޓީއަށް މައްސަލަ ހުށަނާޅައިފި ނަމަ އުމަރު ވަކިކުރާނަން: ޑީއާރްޕީގެ އެސްޖީ

ޑީއާރްޕީން އުމަރު ނަސީރު ވަކިކުރެއްވުމަށް ޑިސިލްޕްލިނަރީ ކޮމިޓީން ނިންމާފައިވާ މައްސަލަ އިސްތިއުނާފު ކޮމިޓީ އަށް ހުށަހެޅުމަށް ދީފައިވާ މުއްދަތު ތެރޭގައި އެ ކޮމިޓީ އަށް ހުށަނާޅުއްވައިފި ނަމަ، އުމަރު ޕާޓީން ވަކިކުރާނެ ކަމަށް ޑީއާރްޕީގެ ސެކްރެޓަރީ ޖެނެރަލް އަބްދުއްރަޝީދު ނާފިޒު ވިދާޅުވެއްޖެ އެވެ.


ނާފިޒު މިއަދު ވިދާޅުވީ، ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު އުމަރު ޕާޓީން ވަކިކުރެއްވުމަށް ޑިސިޕްލިނަރީ ކޮމިޓީން ނިންމި ނިންމުން ބާތިލުކުރުމަށް، ނުވަތަ ބަދަލުކުރުމުގެ އިޚްތިޔާރު ލިބިގެންވަނީ ހަމައެކަނި ޕާޓީގެ އިސްތިއުނާފު ކޮމިޓީ އަށް ކަމަށެވެ. އަދި އުމަރު ނަސީރާ މެދު ޑިސިޕްލިނަރީ ކޮމިޓީން ނިންމި ނިންމުން މި މަހުގެ 9 ވަނަ ދުވަހު އުމަރަށް އަންގަވައި، އެ މައްސަލަ އިސްތިއުނާފު ކޮމިޓީ އަށް ހުށަހެޅުއްވުމަށް 15 ދުވަހުގެ މުއްދަތު އޭނާ އަށް ދެއްވާފައިވާ ކަމަށް ނާފިޒު ވިދާޅުވި އެވެ.


ނަމަވެސް، އެ މުއްދަތުގެ ތެރޭގައި އެ މައްސަލަ އިސްތިއުނާފު ކޮމިޓީއަށް ހުށަނާޅުއްވައިފި ނަމަ، ޑިސިޕްލިނަރީ ކޮމިޓީން ނިންމި ނިންމުން ޕާޓީން ތަންފީޒު ކުރާނެ ކަމަށް ނާފިޒު ވިދާޅުވި އެވެ.


"މި މައްސަލައިގައި މިވީހާ ތަނަކަށް އުމަރު ނަސީރު އިސްތިއުނާފު ކޮމިޓީއަށް މައްސަލަ ހުށަހަޅުއްވާފައެއް ނެތް. ދެން 15 ދުވަސް ހަމަވާ އިރު އިސްތިއުނާފު ކޮމިޓީއަށް ހުށަހަޅުއްވާފައި ނެތް ކަމަށްވަންޏާ ޑިސިޕްލިނަރީ ކޮމިޓީގެ ނިންމުން އަޅުގަނޑުމެން ޕާޓީގެ ފަރާތުން ތަންފީޒުކުރަން މަޖުބޫރު ވާނެ. އޭގެ މާނައަކީ ދެން ޕާޓީގެ ފަރާތުން ކުރިއަށް އޮތް ތަނުގައި އަމަލުކުރާނެ ގޮތަކީ އުމަރު ނަސީރު ޕާޓީގެ މެމްބާޝިޕްކަމުން ވަކިކުރުމަށް ޑިސިޕްލިނަރީ ކޮމިޓީން ނިންމި ނިންމުމާ އެއްގޮތަށް އެކަން ކުރުމަށް އިލެކްޝަން ކޮމިޝަނުގައި ރަސްމީކޮށް އެދޭނީ،" ނާފިޒް ވިދާޅުވި އެވެ. 


އިސްތިއުނާފު ކޮމިޓީއަށް މައްސަލަ ހުށަހެޅުއްވުމަށް އުމަރަށް ދެއްވާފައިވާ ފުރުސަތު ހަމަވާން ދެ ދުވަހަށް ވެފައިވާ އިރު، އޭނާ އަދި ވެސް ވިދާޅުވަމުން ގެންދަވަނީ މައްސަލަ އިސްތިއުނާފު ނުކުރައްވާނެ ކަމަށެވެ. 


"އަޅުގަނޑެއް ހުށަހެއް ނާޅާނަން އިސްތިއުނާފަކަށެއް. އަސާސީ ގަވާއިދާ ޚިލާފަށް ނިންމާފައި އޮތް ނިންމުމެއް އަޅުގަނޑު ޕާޓީން ވަކިކުރުމަކީ. އެ މައްސަލަ ހުށަހެއްނާޅާނަން. ޕާޓީގެ އަސާސީ ގަވާއިދުގެ ތެރެއިން ނިންމާފައި އޮތް ނިންމުމެއް ނަމަ ހުށަހަޅާނަން." އުމަރު މިއަދު ވިދާޅުވި އެވެ.


ޑީއާރްޕީގެ ލީޑާގެ އެންގެވުމާ ޚިލާފަށް "ގަންނާނެއްބާ ސަރުކާރު" ނަމުގައި މުޒާހަރާއެއް ބާއްވަން އުމަރު މަސައްކަތްކުރެއްވި މަސައްލައާ ގުޅިގެން އޭނާ ޕާޓީން ވަކިކުރުމަށް ޑިސިޕްލިނަރީ ކޮމިޓީން ފާސްކުރީ މި މަހުގެ ދެ ވަނަ ދުވަހު އެވެ. ނަމަވެސް، ޕާޓީގެ އަސާސީ ގަވައިދުގެ 83 އަދި 84 ވަނަ މާއްދާއާ ހަވާލާދީ އުމަރު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ނައިބު ލީޑަރަކު ޕާޓީން ވަކިކުރެވޭނީ ކޮންގަރެސްއަކުން ކަމަށާއި އޭނާއަކީ އަދިވެސް ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު ކަމަށެވެ. ޑީއާރްޕީގެ ޒައީމް މައުމޫން ވެސް ވިދާޅުވެފައި ވަނީ، އުމަރު ޕާޓީން ވަކިނުކުރެއްވޭނެ ކަމަށާއި އޭނާ އަކީ އަދިވެސް ޑެޕިއުޓީ ލީޑަރު ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު