ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާ އަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ ބާތިލްކުރެވެން ނެތް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
ސިވިލް ކޯޓުން އެގޮތަށް ހުކުމް ކޮށްފައި ވަނީ ފޭދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ބާތިލް ކުރުމަށް އެ ދާއިރާގެ މަޖިލީސް މެމްބަރު އަލްހާން ފަހުމީ ހުށަހެޅުއްވި މައްސަލަ ބެލުމަށްފަހު މިއަދު އެވެ.
ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އިންތިހާބު ބާތިލު ކުރަން ޖެހޭނީ އިންތިހާބުގެ ނަތިޖާއަށް ބަދަލު އަންނަ ފަދަ މައްސަލައެއް ކުރިމަތިވުމުން ކަމަށް އެ ޕާޓީގެ އިންތިހާބާ ބެހޭ ގަވައިދުގައި ބުނެފައިވާ ކަމަށާއި އެފަދަ އެއްވެސް ކަމެއް އަލްހާނުގެ ފަރާތުން ހުށަހަޅާފައިނުވާ ކަމަށެވެ.
އެ ހުކުމްގައި ބުނެފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ވޯޓުލާފައި ވަނީ އެމްޑީޕީން ބާތިލު ކޮށްފައިވާ ވޯޓް ލިސްޓަކަށް ކަމަށް ފޯކަލް ޕޮއިންޓްގައި ހަރަކާތްތެރިވި މީހުނާ ހަވާލާދީ އަލްހާން ވިދާޅުވިނަމަވެސް އެ ލިސްޓަކީ ބާތިލު ލިސްޓެއް ކަމަށް އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމެޓީން ކަނޑައަޅިކަން އެނގޭނެ އެއްވެސް ލިޔުމެއް ނެތް ކަމަށެވެ. އަދި ދެ ވޯޓު ލިސްޓަކަށް ވޯޓުލާފައިވާ އިރު ދެ ލިސްޓަކީ ވެސް އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމެޓީން ފާސްކޮށްފައިވާ ދެ ލިސްޓްކަމަށާއި އެއިން ކޮންމެ ލިސްޓަކަށް ވޯޓްލީ ނަމަވެސް ވޯޓުގެ ނަތީޖާ އަށް ބަލާ އިރު އިންތިހާބު ކާމިޔާބުކުރި ފަރާތާއި އަލްހާނާއި ހުރި ފަރަގަކީ ނަތީޖާ އަށް ބަދަލު އަންނާނެ ފަރަގެއް ނޫން ކަމަށް ވެސް އެ ހުކުމުގައި ފަހާގަކޮށްފައިވެ އެވެ.
".... ބަޔާންވެދިޔަ ދެ ވޯޓާސް ލިސްޓުގެ ތަފާތަކީ މި އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާ ވަރުގެ ބޮޑު ތަފާތެއް ނޫންކަމަށް އެމްޑީޕީގެ އިންތިޚާބުތަކާ ބެހޭ ގަވާއިދުގެ 50 ވަނަ މާއްދާ އަށް ރިއާޔަތްކޮށް އެމްޑީޕީގެ މަޖިލީސް ޕްރައިމަރީ 2014 ގެ ސ. ފޭދޫ ދާއިރާގެ ނަތީޖާ ބާތިލްކުރެވެން ނެތުމާއެކު މި އިންތިޚާބަކީ ބާތިލް އިންތިޚާބެއްކަމަށް ކަނޑައެޅެން ނެތް ކަމަށް ހުކުމް ކޮށްފީމެވެ،" ސިވިލް ކޯޓުގެ ހުކުމްގައި ވަނީބުނެފަ އެވެ.
ފޭދޫ ދާއިރާ އަށް އަމިއްލަ ގޮތުން ކުރިމަތިލައްވާފައިވާ އަލްހާނު ފަހުމީ އެމްޑީޕީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގަތީ ތިން ވަނަ އަށް އެންމެ ގިނަ ވޯޓު ލިބިގެންނެވެ.