ބޯޓް ރާޑަރަށް ގެއްލުނު ފަހުން ހަތްގަޑިއިރު ސެޓެލައިޓަށް ސިގްނަލް ފޮނުވި: ނަޖީބު

މެލޭޝިއާ އެއާލައިންގެ އެމްއެޗް 370 ބޯޓު، ރާޑަރަށް ގެއްލުނު ފަހުން ހަތްގަޑިއިރު ވަންދެން ސެޓެލައިޓަށް ސިގްނަލް ފޮނުވަމުން ގޮސްފައިވާ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.

"ރާޑަރާ ގުޅުން ކެނޑުނުފަހުން ހަތްގަޑިއިރު ވަންދެން ފްލައިޓްގެ ސިގްނަލް ސެޓެލައިޓަކަށް ލިބެމުން ދިޔަ. ބޯޓް އޮތް ހިސާބެއް ސީދާ ނޭނގުނު ކަމަށް ވިޔަސް،" ބޮޑެތި ނިއުސް ޗެނަލްތަކުން ވަގުތުން ދުރަށް ދެއްކި ނޫސްކޮންފަރެންސްގައި ނަޖީބު ވިދާޅުވި އެވެ.

ނަޖީބު ބޯޓްގެ ސިގްނަލް ސެޓެލައިޓަށް ލިބިފައި ވަނީ ދެސަރަހައްދެއްގެ ތެރެއިން ކޮންމެވެސް އެއް ސަރަހައްދަކުން ކަމަށް ތަހުގީގުކުރާ ފަރާތްތަކުން ބަލާ ކަމަށެވެ. އަދި އެއީ އަލަށް ލިބުނު މައުލޫމާތުގެ އަލީގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އުތުރު ކޮރިޑޯ، ތައިލެންޑުގެ އުތުރުން ފެށިގެން ގޮސް ކަޒަކިސްތާނާއި ތުރުކުމެނިސްތާނުގެ ސަރަހައްދީ ރޮނގާ ހަމައަށް. ދެކުނު ކޮރިޑޯ، އިންޑޮނޭޝިއާއިން ފެށިގެން އިންޑިއާ ކަނޑުގެ ދެކުނަށް،" އޭނާ ވިދާޅުވި އެވެ.

ބޮޑު ވަޒީރު ނަޖީބު ވިދާޅުވީ، ލިބިފައިވާ އާ މައުލޫމާތާ ގުޅިގެން ތަހުގީގުގެ އާ ފިޔަވައްސެއް ފަށާފައިވާ ކަމަށާއި އެފިޔަވަހި އަމާޒުކޮށްފައި ވަނީ ބޯޓުގެ ކުރޫއިންނާއި ޕަސެންޖަރުންނަށް ކަމަށެވެ.

ބޯޓްގެ ކޮމިއުނިކޭޝަން ސިސްޓަމް ނިއްވާލީ ގަސްދުގައި ކަން ވަރަށް ބޮޑަށް ޔަގީން ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅު އެވެ.


"... ސެޓެލައިޓާއި ރާޑަރު ބޭނުންކޮށްގެން ބޯޓް ޓްރެކް ކުރަން ކުރި މަސައްކަތުން ލިބިފައިވާ އާ ހެކިތަކުން، އެއީ ބޯޓްގައި ހުރި ކޮންމެވެސް މީހަކު ގަސްދުގައި ކުރި ކަމެއްކަން ވަނީ ވަރަށް ބޮޑަށް ޔަގީންވެފައި،" ނަޖީބު މިއަދު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު