އއ. އުކުޅަހަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަޑައިގަތުމުން، ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދާ އެކު އެ ރަށުގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންތަކެއް ހަމަނުޖެހުން ހިންގި މައްސަލައަކާ ގުޅިގެން ފުލުހުން އެ ރަށުން ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ މިދިޔަ ހޯމަ ދުވަހު އެ ރަށަށް ޖޭޕީގެ ކެންޕެއިން ޓީމު ދިއުމުން އެ ރަށު އަތިރި މަތީގައި ބަޔަކު ހަމަނުޖެހުން ހިންގަމުން ދާތީ، އެ ސަރަހައްދު ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވާޒިބަށް ހުރަސްއެޅި މައްސަލައެއްގައި ބަޔަކު ހައްޔަރު ކުރި ކަމަށެވެ.
އެ މައްސަލާގައި ފުލުހުން ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ފަސް މީހެއްގެ ބަންދަށް ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތެއް ޖަހައިދީފައިވާ ކަމަށާއި އަނެއް ހަތަރު މީހުން ދޫކޮށްލާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ޖޭޕީގެ ޒުވާނުންގެ ގޮފީގެ ރައީސް މޫސާ އަންވަރު މިއަދު ސަން އަށް ވިދާޅުވީ އެ ރަށަށް ޖޭޕީގެ ކެންޕެއިން ޓީމާ އެކު ގާސިމް ވަޑައިގަތުމުން، އެމްޑީީޕީ އަށް ތާއީދު ކުރާ ބަޔަކު ކެންޕެއިން ޓީމަށް ހުރަސްއެޅުމަށް މަސައްކަތް ކުރަމުން ގެންދިޔަ ކަމަށެވެ. އަދި ކެމްޕެއިން ޓީމާ އެކު ގާސިމް އެ ރަށަށް ވަޑައިގަތީ ތޮއްޑޫ ދާއިރާ އަށް ޖޭޕީގެ ޓިކެޓްގައި ވާދަކުރައްވާ އިބްރާހިމް ހަސަން އަށްް ތާއީދު ހޯއްދެވުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުންގެ އެހީތެރިކަމާ އެކު އެ ރަށަށް ކެންޕެއިން ޓީމަށް އެރުނު ކަމުގައި ވިޔަސް އެ ރަށުގައި ޕާޓީގެ ބައްދަލުވުމެއް ބޭއްވޭ ގޮތް ނުވި ކަމަށެވެ.
"ޖޭޕީގެ ކެންޕެއިން ޓީމަށް އެމްޑީޕީ އަށް ތާއީދު ކުރާ ބަޔަކު އެ ރަށުން ގެންދިޔައީ ހުރަސްއަޅަމުން. އަދި ޖޭޕީގެ އެ ދާއިރާގެ ކެންޑިޑޭޓްގެ ކެމްޕެއިން ހައްގުތަކަަށް ބަޔަކު އަރައިގެންނަމުން ދިޔައިރު، އެކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވޭ. ހަމަނުޖެހުން ހިނގި މީހުންނަށް އެ ދާއިރާގެ މިހާރުގެ މެމްބަރު ހިތްވަރު ދެއްވަމުން ގެންދެވިކަން އަޅުގަނޑުމެންނަށް ވަނީ އިނގިފައި،" އަންވަރު ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ކެމްޕެއިން ޓީމާ އެކު ގާސިމް އެ ރަށަށް ވަޑައިގަތުމުން، އެ ރަށުގެ އަތިރިމައްޗަށް އެއްވެ ތިބި ބަޔަކު ހަމަނުޖެހުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއްް ސަން އަށް ވަނީ ލިބިފަ އެވެ.
އެ ވީޑިއޯ އިން ފެންނަ ގޮތުގައި އެ ރަށުގެ ފަޅު ތެރެއަށް ޖޭޕީގެ ލޯންޗު ވަނުމުން އުކުޅަހު އަތިރިމައްޗަށް އެއްވެ ތިބި ގިނަ އަދަދެއްގެ އެމްޑީޕީ ސަޕޯޓަރުންތަކެއް ހަމަނުޖެހުން ހިންގައި، ހުތުރު ބަހުރުވައިން މުއާމަލާތް ކުރާ މަންޒަރު ފެނެ އެވެ. އަދި އެވަގުތު ހަމަނުޖެހުން ހިންގަމުން ދިޔަ މީހުންގަނޑު ކޮންޓްރޯލް ކުރުމަށް އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރު ވެސް ވީޑިއޯ އިން ފެނެ އެވެ. އެވަގުތު އެމީހުން ގަނޑުގެ ތެރޭގައި ހުންނެވި އަލީ ވަހީދު ދެކޮޅަށް ދުވެވަޑައިގެންނަވާ މަންޒަރު ވެސް އެ ވީޑިއޯ އިން ފެނެ އެވެ.
https://www.youtube.com/watch?v=glsZG0W6thc&feature=youtu.be