ބަޖެޓް ދިރާސާ ކުރާ ކޮމެޓީގެ މުގައްރިރަކަށް ގާސިމް ހޮވައިފި

މާލިއްޔަތު ކޮމިޓީ އާއި އިގްތިސާދީ ކޮމިޓީ އެއްކޮށްލައިގެން ބަޖެޓް ދިރާސާކުރުމަށް އެކުލަވާލި ޖޮއިންޓް ކޮމިޓީގެ މުގައްރިރަކަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް، ހަމަޖެއްސުމަށާއި ނާއިބު މުގައްރިރަކަށް އެމްޑީޕީގެ މެންބަރު ހިންނަވަރު ދާއިރާގެ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހަމަ ޖެއްސުމަށް ކޮމިޓީގެ އިއްތިފާގުން މިއަދު ކަނޑައަޅައިފި އެވެ.


މެންދުރު ފަހު 2:30ގައި ބޭއްވި ޖޮއިންޓް ކޮމިޓީގެ މިއަދުގެ ބައްދަލު ވުމުގައި ކޮމިޓީގެ މުގައްރިރު ހޮވުމުގެ މަސައްކަތުގައި މުގައްރިރުކަމަށް ފުރަތަމަ ހުށަހެޅުނީ، ޕީއޭގެ މެންބަރު އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ އަހްމަދު ނާޒިމުގެ ނަންފުޅާއި އެމްޑީޕީގެ މެންބަރު ބިލެތްދޫ ދާއިރާގެ އަހްމަދު ހަމްޒާގެ ނަންފުޅެވެ. އެ ކޮމިޓީން ކަމެއް ފާސްކުރަން 11 މެންބަރުންގެ ވޯޓު ބޭނުންވާއިރު އެ ދެ މެންބަރުންނަށް ވެސް ލިބުނީ 10 މެންބަރުންގެ ވޯޓެވެ. އެހެންކަމުން ކޮމިޓީގެ މުގައްރިރު ހޮވުން ދިގުލައިދާން ފެށުމުން މެންބަރުން ވާހަކަ ދެއްކެވުމަށް ފަހު މެދުމިނުގެ ހައްލެއް ހޯއްދެވުމަށް، ޕާޓީގެ މުގައްރިރަކަށް އިގްތިސާދީ ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހިމްގެ ނަން ހުށަހެޅި އެވެ. ފުރަތަމަ ފަހަރަށް ގާސިމް ތަނާޒުލުވެވަޑައިގެންނެވި ނަމަވެސް ދެވަނަ ފަހަރަށް ގާސިމް އެކަން ގަބޫލު ކުރެއްވުމުން މުގައްރިރަކަށް ގާސިމް ހޮވިވަޑައިގަތީ، ކޮމިޓީގެ އިއްތިފާގުންނެވެ. އަދި ނާއިބު މުގައްރިރަކަށް ކޮމިޓީގެ އިއްތިފާގުން އިބޫ ހޮވާފައި ވަނީ ގާސިމްގެ އެދިވަޑައި ގަތުމަށެވެ.


ގާސިމާއި އިބޫގެ އިތުރުން ޖޮއިންޓް ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، ޑީއާރުޕީގެ މެންބަރުން ކަމުގައިވާ، މާފަންނު ހުޅަގު ދާއިރާގެ އަބުދުﷲ އަބުދުއްރަހީމާއި އަލިފުށީ ދާއިރާގެ މުހައްމަދު ނާޝީޒާއި ފުވައްމުލަކު ދެކުނު ދާއިރާގެ އަބުދުﷲ މަސީހާއި ކެލާ ދާއިރާގެ އަބުދުﷲ މައުސޫމާއި ފުނަދޫ ދާއިރާގެ އަލީ ސަލީމާއި ވިލިމާފަންނު ދާއިރާގެ އަހްމަދު ނިހާން ހުސެއިން މަނިކެވެ. މީގެ އިތުރުން މި ކޮމިޓީގެ ތިއްބަވާ އެމްޑީޕީގެ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ނޮޅިވަރަމު ދާއިރާގެ މުހައްމަދު ނަޝީދާއި ބިލެތްދޫ ދާއިރާގެ އަހްމަދު ހަމްޒާ އާއި ހުޅުމީދޫ ދާއިރާގެ އިލިޔާސް ލަބީބާއި ގަލޮޅު އުތުރު ދާއިރާގެ އީވާ އަބުދުﷲ އާއި މާފަންނު ދެކުނު ދާއިރާގެ އިބްރާހިމް ރަޝީދާއި ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމެވެ. މީގެ އިތުރުން ޕީއޭގެ ދިއްގަރު ދާއިރާގެ އަހްމަދު ނާޒިމާއި މުލަކު ދާއިރާގެ އަބުދުﷲ ޔާމީނާއި ގަމު ދާއިރާގެ ޔޫސުފް އަބުދުލްޣަފޫރާއި ގައުމީޕާޓީގެ ވިލުފުށީ ދާއިރާގެ ރިޔާޒު ރަޝީދުގެ އިތުރުން ކާށިދޫ ދާއިރާގެ އިސްމާއިލް އަބުދުލް ހަމީދާއި އޭދަފުށީ ދާއިރާގެ އަހްމަދު ސަލީމް ވެސް މި ކޮމިޓީގައި ހިމެނި ވަޑައިގަންނަވަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު