ދިވެހި ސަރުކާރުން އިޒްރޭލާ އެކު ވެފައިވާ ތިން އެއްބަސްވުން ކުރިޔަށް ގެންދިއުމުގެ އިއުތިރާޒެއް ނެތް ކަމަށް އިޒްރޭލަށް އަންގަން ސަރުކާރުން ފޮރިން މިނިސްޓްރީ އަށް އަންގާފައިވާ ކަން ހާމަވެއްޖެ އެވެ.
ކެބިނެޓް ސެކްރެޓަރީ އަބްދުﷲ ސައީދު ސޮއިކުރައްވައި ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދަށް ފޮނުއްވާފައިވާ ސިޓީއެއްގައި ބުނަނީ ދިވެހި ރާއްޖެ އާއި އިޒްރޭލާ ދެމެދު ސޮއިކޮށްފައިވާ ތިން އެއްބަސްވުން ތަންފީޒު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމާ ބެހޭ ގޮތުން ނޮވެމްބަރު 24، 2009 ގައި ވަޒީރުން، ކެބިނެޓުގައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
ޑިސެމްބަރު 20، 2009ގައި ރައީސް އޮފީހުން ފޮރިން މިނިސްޓްރީ އަށް ފޮނުވާފައި ސިޓީގެ ކޮޕީއެއް ރަސްމީ ފަރާތަކުން ވަނީ ސަން އޮންލައިނާ ހިއްސާކޮށްފަ އެވެ. އެކާވީސް ފޮޅުވަތުގެ ސިޓީގައި ބުނަނީ ރާއްޖެ އާއި އިޒްރޭލާ ދެމެދު ސިއްހީ ދާއިރާއިން ވެފައިވާ އެއްބަސްވުން ތަންފީޒު ކުރުމުގެ މަސައްކަތް ގެންދާނެ ގޮތާއި ޓޫރިޒަމްގެ ދާއިރާއިން ވެފައިވާ އެއްބަސްވުން ކުރިޔަށް ގެންދިއުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ފަހު ދެ އެއްބަސްވުން ތަސްދީގު ކުރުމަށް ބޭނުންވާ ރަސްމީ ލިޔުން އިޒްރޭލަށް ހުށަހެޅުމާ މެދު ރައީސުލްޖްމޫރިއްޔާގެ އިއުތިރާޒެއް ނެތް ކަމަށެވެ.
މި ދެ އެގްރިމެންޓް ތަންފީޒު ވުމަށް ފަހު އެއްބަސްވުމުގައި ބަޔާންކުރާ "ވޯކް ޕްރޮގްރާމް" އެއްބަސްވުމުގައިވާ ގޮތުގެ މަތީން އެކުލަވައިލުން އެންމެ ރަނގަޅު ކަމަށް ވެސް ސިޓީގެ 14 ވަނަ ފޮޅުވަތުގައިވެ އެވެ.
ރައީސް އޮފީހުގެ ނަމްބަރު، 25/2009/580/ ސީބީއޯގެ ސިޓީގައި ސައިންސާއި ތައުލީމާއި ސަގާފަތާއި ކުޅިވަރުގެ ދާއިރާއިން ރާއްޖެ އާއި އިޒްރާލޭ މެދު ސޮއިކޮށްފައިވާ އެއްބަސްވުން ތަންފީޒު ކުރުން ކުރިޔަށް ގެންދާނެ ގޮތަކާ ބެހޭ ގޮތުން ކެބިނެޓްގައި މަޝްވަރާކުރައްވާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ނަމަވެސް ދާދި ފަހުން ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔަތަކުން އިޒްރޭލްގެ "އައި ފޮރޮމް ޒަޔަން"ގެ ޑޮކްޓަރުންގެ ޓީމާ ދެކޮޅަށް ބޭއްވި ބޮޑު އެއްވުމުގައި ލީކު ކުރި އެ އެ އެގްރިމެންޓާ ގުޅޭ ގޮތުން އެ ސިޓީގައި ބުނަނީ "ރާއްޖޭގެ ހުރިހާ ސްކޫލެއްގައި 'ހޮލަކޯސްޓް' ކިޔަވައިދޭން ލާޒިމު ކުރާކަހަލަ މާއްދާއެއް ނެތް ނަމަ މި އެއްބަސްވުން ތަސްދީގު ކުރުމަށް ބޭނުންވާ ރަސްމީ ލިޔުން އިޒްރޭލަށް ހުށަހެޅުމާ މެދު އިއުތިރާޒެއް ނެތް" ކަމަށެވެ. އަދި މި އެބަސްވުން ތަންފީޒު ވުމަށް ފަހު އެއްބަސްވުމުގައި ބަޔާންކުރާ ވޯކް ޕްރޮގްރާމް އެގްރިމެންޓާ އެއްގޮތަށް އެކުލަވައިލުން "އެންމެ ރަނގަޅު ކަމަށް ދަންނަވަން ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވި" ކަމަށް ވެސް ކެބިނެޓް ސެކެރްޓަރީ ލިޔުއްވާފައިވެ އެވެ.
ހޮލަކޯސްޓް މާއްދާ ކިޔަވައިދުނުން ލާޒިމް ކުރާ މާއްދާއެއް ނެތް ނަމަ އެގްރިމެންޓް ކުރިޔަށް ގެންދިއުމަށް އެދިފައިވީ ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ނިއުޔޯކުގައި އިޒްރޭލް ސަރުކާރާ އެކު ވެފައިވާ އެއްބަސްވުމުގައި ރާއްޖޭގެ ސުކޫލުތަކުގައި އިޒްރޭލްގެ ޔަހޫދީންގެ ފަލްސަފާތައް ކިޔަވައިދޭ "ހޮލަކޯސްޓް" މާއްދާއެއް ހިމަނައި ކިޔަވައިދީ، ޓެކްސްޓް ފޮތްތަކުގައި ހުރި އިޒްރޭލާ ގުޅޭ މައުލޫމާތުތައް، އިސްރޭލުން ބޭނުން ގޮތަކަށް އިސްލާހު ކުރުމަށް ދިވެހި ސަރުކާރުން ސޮއިދީފައިވެ އެވެ.
ނަމަވެސް އެ އެގްރިމެންޓްގެ އެއްވެސް މާއްދާއަކާ އެއްބަސް ނުވާ ނަމަ ހަ މަސް ދުވަހުގެ ތެރޭގައި އެކަން ލިޔުމުން ހައްލުކުރުމުގެ މާއްދާއެއް ވެސް އޮވެ އެވެ.
ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ ތިން އެގެރިމެންޓާ ބެހޭ ގޮތުން ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެފައިވާ ގޮތަށް ކޮށްފައި ވަނީ ރަމްޒީ ސޮއެއް ކަމަށާއި އެ ސޮއި ކުރުމަށް ފަހު އެގްރިމެންޓްތައް ތަންފީޒު ކުރުމުގެ މަރުހަލާގައި އިދާރީ ގޮތުން އެއްވެސް ކަމެއް މިހާތަނަށް ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ކެބިނެޓް ސެކެރްޓަރީގެ ސިޓީ ކަމަށް ބުނާ ސިޓީއަކީ ދޮގު ސިޓީއެއް ކަމަކަށް ޒުހައިރު ވިދާޅެއް ނުވެ އެވެ. ހަމައެކެނި ސުވާލު ކުރެއްވެވީ "ތިޔައީ ކޮންތާކުން ލީކުވެގެން އުޅޭ ސިޓީއެއްތޯ އާއި ލީކް ކޮށްފައި ވަނީ ވިކި ލީކުންތޯ؟" އެވެ.
"ސޮޔަށް ފަހު މިކަން ތަންފީޒު ކުރުމަށް އިދާރީ ގޮތުން އެއްވެސް ކަމެއް ނުހިނގައި އެކަން އޮތްގޮތަށް އޮތީ. އެކަން ކުރިޔަށް ގެންދާ ނަމަ ގެންދާނީ ރާއްޖޭގެ ގާނޫނުތަކާއި ގައިގަވައިދުތަކުގެ މަތިން މަޝްވަރާ ކުރަން ޖެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށް ފަހު،" ޒުހައިރު ވިދާޅުވި އެވެ.
ދިވެހި ސަރުކާރު ތަމްސީކޮށް، ކެބިނެޓް ސެކްޓަރީ ފޮރިން މިނިސްޓަރަށް ފޮނުއްވާފައިވާ ސިޓީ އަކީ ސައްހަ ސިޓީއެއް ތޯ އާއި އެ ސިޓީގައިވާ މައުލޫމާތުތައް ސަރުކާރުން އެދޭ ގޮތަށް އިޒްރޭލް ސަރުކާރާ ހިއްސާކޮށްފައިވާނެތޯ ސުވާލު ކުރުމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދާ މިއަދު ތަކުރާރުކޮށް ގުޅި އިރު އޭނާގެ ފޯނު ނިއްވާލާފައި އޮތުމުން އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.