ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ކޯލިޝަންގެ މެންބަރުންނާ ވާދަ ނުކުރެއްވުމަށް މައުމޫން ގޮވާލައްވައިފި

ސަރުކާރުގެ ނުވަތަ ޕްރޮގްރެސިވް ކޯލިޝަނުގެ ވިސްނުމުގެ ބޭފުޅުން އަމިއްލަ ގޮތުން ނުވަތަ އެހެން ގޮތް ގޮތުން ވެސް ކޯލިޝަނުގެ ފަރާތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންނާ ވާދަ ނުކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަނެއްކާ ވެސް މިރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދުގެ ކެމްޕެއިން ލޯންޗް ކުރުމުގެ މުނާސަބަތުގައި މައުމޫން ވިދާޅުވީ ކޯލިޝަނުން ރަސްމީކޮށް ވާދަ ކުރައްވާ ބޭފުޅުންނާ ވާދަ ކުރެއްވުމަށް ކޯލިޝަނުގެ ވިސްނުމުގެ ބައެއް ބޭފުޅުން އުޅުއްވާ ކަމުގެ ޝަކުވާ ލިބިވަޑައިގަންނަވާ ކަމަށާއި އެއީ ވަރަށް ދެރަ ކަމެއް ކަމަށެވެ.

"އެ ވެދާނެ ހަމަ ޕީޕީއެމް މެންބަރަކަށް ވެސް ޖުމްހޫރީ ޕާޓީ މެންބަރަކަށް ވެސް ނުވަތަ އެމްޑީއޭގެ މެންބަރަކަށް ވެސް ނުވަތަ މި ތިން ޕާޓީގެ މެންބަރަކަށް ނުވެ އަޅުގަނޑުމެންގެ ފިކުރުގައި ހުރި ބޭފުޅަކަށް ވެސް. މިއީ ވަރަށް ދެރަ ކަމެއް،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ އެއް ފިކުރެއްގެ ބަޔަކު އެގޮތަށް ވާދަ ކޮށްފި ނަމަ ގޮނޑި ގެއްލުމުގެ ފުރުސަތު އޮތް ކަމަށެވެ.

"އެއްވެސް ޕީޕީއެމް މެންބަރަކު ވެސް އަދި އެހެން ޕާޓީއެއްގެ މެންބަރަކު ނަމަވެސް ޕްރޮގްރެސިވް ކޯލިޝަނުގެ މެންބަރަކާ ވާދަ ނުކުރައްވައްޗޭ. އެގޮތަށް ކަންތައް ކުރައްވައިފި ނަމަ ވަރަށް ދެރަ ގޮތެއް އަޅުގަނޑުމެންނަށް ދިމާވެގެން ހިނގައިދާނޭ. އާދެ، އެއީ އަޅުގަނޑުމެން އެއް ފިކުރެއްގައި ތިބި ބައެއްގެ ވޯޓު ބައިބައިވެެގެން ދިއުން. ބައިބައިވެގެން ދިޔައީމާ އަޅުގަނޑުމެންނަށް ގޮނޑި ގެއްލުން އޮންނާނީ ވަރަށް ކައިރީގައި،" މައުމޫން ވިދާޅުވި އެވެ.

ކޯލިޝަނުގެ ވިސްނުމުގެ މީހަކު ކޯލިޝަނުގެ ކެންޑިޑޭޓަކާ ވާދަ ކުރާ ނަމަ މިހާރު ވެސް ނަން އަނބުރާ ގެންދިއުމަށް މައުމޫން ގޮވާލެއްވި އެވެ.

"ވާދަ ކުރާ ކަމަށް ވަންޏާ މިހާރު ވެސް ނަން ނަންގަވާ،"

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުރީގެ މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވީ ގައުމަށް ފައިދާ ހުރި ގޮތަކީ ސަރުކާރަށް ދަތި ކުރުމުގެ ބަދަލުގައި އެއްބާރުލުން ދޭނެ ފަރާތްތަކެއް މަޖިލީހުގައި ތިބުން ކަމަށާއި އެގޮތުން ޕްރޮގްރެސިވް ޕާޓީއަށް މަޖިލިހުގެ ގިނަ ގޮނޑިތައް ލިބުން މުހިންމު ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު