ރެކޯޑް މޮޅަކާއެކު، ޔޫތު ޗެމްޕިއަންޝިޕްގެ ތަށި އީގަލްސްއިން އުފުލާލައިފި

އެލްމޯބައިލް ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި އިއްޔެ ހަވީރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން 1-0 ލަނޑުން ބަލިކޮށް މުބާރާތުގެ ތަށި ކްލަބް އީގަލްސްއިން އުފުލާލައިފި އެވެ.

އެ މުބާރާތުގައި އީގަލްސް ކުޅުނު ހުރިހާ މެޗަކުން މޮޅުވިއިރު، އެޓީމު ކޮޅަށް އިދިކޮޅު އެއްވެސް ޓީމަކުން ލަނޑެއް ވައްދާލެވިފައި ނުވާއިރު، އީގަލްސްއިން މުބާރާތުގެ ތަށި ހިއްލާލިއިރު، އެޓީމަށް ޖުމްލަ 35 ލަނޑު ވަނީ ކާމިޔާބު ކުރެވިފައެވެ.

އެފްއޭއެމްގެ ޓާފް އެއްނަންބަރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މިމެޗުގައި މާޒިޔާ ކޮޅަށް އީގަލްސްއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ ދެ ވަނަ ހާފުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު މުސްލިހުއެވެ.

ދެޓީމުގެ ފަރާޓުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި މާޒިޔާގެ އަބްދުލް ވާހިދު އަބްދުﷲ އާއި އެޓީމުގެ ކެޕްޓަން މުހައްމަދު ޝާދިން އަބްދުލް ހައްނާނަށް ލަނޑު ޖަހަން ލިބުނު ފުރުޞަތުތައް ފާހަގަ ކޮށްލެވުނެވެ. އެގޮތުން މެޗު ނިމެން ދަނިކޮށް މާޒިޔާގެ އަބްދުލް ވާހިދު އީގަލްސްގެ ގޯލަށް ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މިމުބާރާތުގެ ގަދަ ހަތަރު ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ހީގަލްސްގެ ހަތަރު ކުޅުންތެރިންނެވެ. އެ ކުޅުންތެރިން ނަކީ އަހުމަދު ރިޒުވާން އާއި އިބްރާހިމް މުބީން އާއި އަންސާރް އިބްރާހިމާއި އަދި ގޯލްކީޕަރު އިބްރާހިމް ލަބާނެވެ. އަދި މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ވެސް ހޮވުނީ ޗެމްޕިއަން އީގަލްސް އެވެ.

ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަކީ ރާއްޖޭގައި ޒުވާން ފުޓްބޯޅަ ކުޅުންތެރިން އިތުރަށް އުފައްދައި އާ ކުޅުންތެރިންނަށް ފުރުސަތު ހޯދައި ދިނުމުގެ ގޮތުން އެފްއޭއެމްއިން 2011 ވަނަ އަހަރު، ޖަޕާން ފުޓްބޯލް އެސޯސިއޭޝަން (ޖޭއެފްއޭ)ގެ އެހީތެރިކަމާ ބާއްވަމުން އަންނަ މުބާރާތެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު