ދިވެހި ތައުލީމީ މުގައްރަރުގައި ޔަހުދީންގެ އަގީދާ އާއި ވައްޓަފާޅި ހިމެނުމަށް ދިވެހި ސަރުކާރުން އިޒްރޭލާއެކު އެއްބަސްވެފައި ވާކަން ހާމަވެއްޖެ އެވެ.
"ވިކިލީކްސް"ގެ ޒަރިއްޔާއިން ފަޅައި އަރުވާލި ކަމަށް ބުނެ މިއަދު ސިޔާސީ ޕާޓީތަކާއި މަދަނީ އިއްތިހާދުން އިޒްރޭލްގެ ޑޮކްޓަރުންނާ ދެކޮޅަށް ބޭއްވި ބޮޑު އެއްވުމުގެ ތެރޭގައި އާންމު ކުރުމަށް ފަހު ސަން އޮންލައިނަށް ހިއްސާ ކުރި "ދިވެހި އިޒްރޭލް މުއާހަދާ" ގައި ވާގޮތުން ރާއްޖޭގެ ސުކޫލުތަކުގައި އިޒްރޭލްގެ ޔަހޫދީންގެ ފަލްސަފާތައް ކިޔަވައިދޭ "ހޮލޮކާސްޓް" މާއްދާއެއް ހިމަނައި ކިޔަވައިދީ، ހުރިހާ ޓެކްސްޓް ފޮތްތަކުގައި ހުރި އިސްރޭލާ ގުޅޭ މައުލޫމާތުތައް އިސްރޭލުން ބޭނުން ގޮތަކަށް އިސްލާހުކުރުމަށް ދިވެހި ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ.
އެކާވީސް މާއްދާގެ މައްޗަށް ހިމެނޭ އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ ކުރީގެ ހާރިޖީ ވަޒީރު މިހާރު ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ އެމްޑީޕީ ކެމްޕޭނު ތަރުޖަމާނު ޑރ. އަހުމަދު ޝަހީދެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ނިއުޔޯކުގައި އިޒްރޭލް ސަރުކާރާއި އެކު ވެފައިވާ އެއްބަސްވުމުގައި ވާގޮތުން ދިވެހި ސުކޫލްތަކާއި މަދަރުސާތަކުގައި ކިޔަވައިދޭނެ ޓީޗަރުންނާއި ސިއްހީ ފަރުވާދޭ މުވައްޒަފުން، އެ އެއްބަސްވުމުގެ ދަށުން އިޒްރޭލުން ރާއްޖެއަށް ފޮނުވާނެ އެވެ. އަދި އިޒްރޭލުގެ ޒުވާނުންނާއި ދިވެހި ޒުވާނުންގެ މެދުގައި ގުޅުން ބަދަހި ކުރުމަށާއި ދެ ގައުމުގެ މަދަނީ ޖަމްއިއްޔާތަކުގެ މެދުގައި ގުޅުން ބަދަހި ކުރުމަށް މަސައްކަތް ރާވައި ހިންގާނެ އެވެ.
ފަސް އަހަރު ދުވަހުގެ މުއްދަތަށް ވެފައިވާ އެ އެއްބަސްވުމުގައި ދެގައުމުގެ ދެމެދުގައި މީޑިއާ އާއި މައުލޫމާތު ހިއްސާކުރުމަށް ވެސް އެއްބަސްވެފައިވެ އެވެ. އެގޮތުން ޓީވީ ޕުރޮގްރާމްތައް ދެ ގައުމު ގުޅިގެން އުފައްދަން ރާއްޖެއިން އެއްބަސްވެފައިވެ އެވެ.
އެގްރިމެންޓް ބުނާ ގޮތުން ދުނިޔޭގެ ފެންވަރުގެ ބައެއް ޖަލްސާތަކުގައި އިޒްރޭލުން ރާއްޖެ ތަމްސީލްކުރުމާއި ރާއްޖެއިން އިސްރާއީލް ތަމްސީލް ކޮށްދިނުމަށް ދެ ގައުމު އެއްބަސްވެއެވެ. އަދި އިޒްރޭލުން ރާއްޖޭގައި ތައުލީމު ދޭނެ ސެންޓަރުތައް ގާއިމްކޮށް ދިވެހި ކުދިން އިޒްރޭލަށް ކިޔަވަން ގެންދާނެ އެވެ.
މުޅި އެއްބަސްވުމަށް ބަލާއިރު މި އެއްބަސްވުމުގެ ދަށުން ކުރެވޭ އެއްވެސް މުއާމަލާތެއް ތިންވަނަ ފަރާތަކާއި ހިއްސާ ނުކުރުމަށާއި އަދި އެއްބަސްވުމުގެ އެއްވެސް މާއްދާ އަކާއި އެއްބަސް ނުވާނަމަ އެކަން ލިޔުމަކުން ހަ މަސްދުވަހުގެ ތެރޭގައި ހައްލުކުރުމުގެ މާއްދާއެއް ހިމަނާފައިވެ އެވެ. މި އެ އެގްރިމެންޓުގެ ދަށުން ކުރަން ފަށާފައިވާ އެއްވެސް ކަމެއް، އެގްރިމެންޓު އުވާލިޔަސް ނުހުއްޓެވޭނެ ކަމަށް ވެސް ފަޅާއަރުވައިލި "ދިވެހި އިޒްރޭލް މުއާހަދާ" ގައި ވެއެވެ.
މިއަދު ހަވީރު މާލެ އާއި ރާއްޖެގޭ އެކި ހިސާބުތަކުގައި ބޭއްވި ބޮޑު އެއްވުމުގެ ތެރެއިން ފާޅުވެގެން އައި މި މުއާހަދާއާ ބެހޭ ގޮތުން ސަރުކާރުގެ ބަހެއް ހޯދުމަށް ރައީސް އޮފީހުގެ ޕްރެސް ސެކްޓަރީއާ ގުޅޭތޯ ކުރި މަސައްކަތް ވަނީ އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ ކާމިޔާބުވާ ގޮތް ނުވެފައެވެ.
އެ އެގްރިމެންޓާއި ގުޅޭގޮތުން ޑރ. ޝަހީދަށް ސުވާލު ދެންނެވުމުން ވިދާޅުވީ، "ތިޔަ ތާރީޚުގައި އިސްރާއީލާއި އެކު ތިން އެގްރިމެންޓެއްގައި ރާއްޖޭގެ ފަރާތުން ސޮއި ކޮށްފައިވާނެ" ކަމަށެވެ. އަދި އެއީ ޕްރޮވިޝަނަލް (ރަމްޒީ) ސޮޔެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ދިވެހި ތައުލީމީ މުގައްރަރުގެ ތެރެއަށް ޔަހޫދީ ފަލްސަފާ ވެއްދުމާ ބެހޭ އެގްރިމެންޓު އޭގެ ތެރޭގައި ހިމެނޭ ކަމެއް އެނގިވަޑައިގަންނަވާނީ، އެ އެގްރިމެންޓް ފެނިވަޑައިގެންނެވުމުން ކަމަށެވެ.
"އެ ތަސްދީގު ކޮށްގެން އަމަލުކުރާ ގޮތަށް އޮންނާނީ. ތިއީ ޕްރޮވިޝަނަލް ސޮއެއް. އަޅުގަނޑުމެން ކެބިނެޓާ ހިއްސާ ކުރީމަ އެބޭފުޅުން ވިދާޅުވީ ބައެއް މާއްދާތަކާއި އެކު ތަސްދީގު ކުރައްވާށޭ. ދެން ތަސްދީގު ކުރެއްވިކަމެއް ނޫންކަމެއް އަޅުގަނޑަކަށް ނޭނގެ." މަޖިލީހުން ރުހުން ނުލިބުމުން ސުޕްރީމް ކޯޓުގެ ހުކުމާއި އެއްގޮތަށް ފޮރިން މިނިސްޓަރު ކަމުގެ މަގާމު އަމިއްލައަށް އިސްތިއުފާ ދެއްވި ޝަހީދު ވިދާޅުވި އެވެ.