ޔަހޫދީންނާ ދެކޮޅަށް މިއަދު ހަވީރު ބާއްވާ މުޒާހަރާގައި ވީހާ ގިނަ ބަޔަކު ބައިވެރިވުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވައިލައިފި

ހައްދުފަހަނައަޅާފައިވާ އިޒުރޭލުގެ ޔަހޫދީން އިންސާނިއްޔަތާ ހިލާފަށް ހިންގަމުންދާ ޖަރީމާތަކާ ދެކޮޅަށް މިއަދު ހަވީރު ބާއްވާ މުޒާހަރާގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެއިހް މުހައްމަދު ޝަހީމް އަލީ ސައީދު މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައްވައިފި އެވެ.


އިސްލާމީ ތާރީހުގައި ޔަހޫދީން މުސްލިމުންނަށް އަދާވާތްތެރިވެފައިވާ މިންވަރާއި އަދުގެ ދުނިޔޭގައި ޔަހޫދީން އިންސާނިއްޔަތަށް ޖައްސާފައިވާ ބިކަ ހާލުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން މިއަދުގެ ހުތުބާގައި ޝަހީމް ވިދާޅުވީ، ޔަހޫދީން ހިންގަމުންދާ ޖަރީމާތަކުން ދިވެހި އުންމަތް ސަލާމަތްވެ، ރައްކާތެރިވެ ތިބެން ޖެހޭ ކަމަށެވެ. އަދި އިންސާނިއްޔަތަށް ހިދުމަތް ކުރުމަށް ކަމަށް ބުނެ، މަކަރާއި ހީލަތުން ރާއްޖެ އައިސްގެން އުޅޭ ޔަހޫދީންނަށް އެއްބާރުލުން ނުދިނުމަށާއި އެ މީހުންގެ ގޮވާލާ ގޮވާލުންތަކަށް އިޖާބަ ނުދިނުމަށް ވެސް ޝަހީމު އިލްތިމާސް ކުރެއްވި އެވެ.


މުސްލިމް އުންމަތުގެ ގައުމެއް ކަމަށްވާ ފަލަސްތީނުގެ ރައްޔިތުންނަށް ޖައްސާފައިވާ ބިކަ ހާލުން އެ މީހުން މިންޖު ނުކޮށް، ރާއްޖެ އަށް އައިސް ދިވެހިންނަށް ސިއްހީ ފާރުވާދިނުމުގެ ބޭނުމެއް ނެތް ކަމަށާއި އަދި ޔަހޫދީން ހިންގަމުންދާ އިންސާނިއްޔަތާ ހިލާފު ކަންތައްތަކަށް ދެކޮޅު ހެދުމަށް މިއަދު ބާއްވާ މުޒާހަރާގައި ކުދި ބޮޑު އެންމެން ބައިވެރި ވުމަށް ޝަހީމް ގޮވާލެއްވި އެވެ.


"މުސްލިމުން މިފަދަ ދުވަސްވަރެއްގައި ސާބިތުވާން ޖެހޭނެ. ހައްދުފަހަނައަޅާފައިވާ ޔަހޫދީން އިންސާނިއްޔަތާ ހިލާފަށް ހިންގާ އަމަލުތަކާ ދެކޮޅު ހެދުމަށް މަސްޖިދުލް ސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމްގެ މި މަތިވެރި މިންބަރު މަތީ ހުރެ ގޮވާލަން. މިކަމުގައި އަންހެނުންނާއި ފިރިހެނުން ވެސް ބައިވެރިވުމަށް ގޮވާލަން. މިއީ ދީނާއި ގައުމާއި މުސްލިމުންގެ ތާރީހަށްޓަކައި ދޭން ޖެހޭ ވަރުގަދަ މެޖެސެއް،" ޝަހީމް ވިދާޅުވި އެވެ.


ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީޘުން ދަލީދު ދައްކަވަމުން ޝަހީމް ވިދާޅުވީ ޔަހޫދީންނަކީ އެއްވެސް އިރެއްގައި މުސްލިމުންނަށް ހެޔޮއެދޭނެ ބައެއް ނޫން ކަމަށާއި ދިވެހި ލޮބުވެތި އުންމަތުގެ މައްޗަށް ސިޔާސަތު "އިމްލާ" ކުރާ ބަޔަކަށް ޔަހޫދީން ނެހެދުމަށް ސަރުކާރަށް ގޮވައިލައްވާ ކަމަށެވެ.


"ބައިނަލްއަގުވާމީ މުޖުތަމައުގައި ކޮންމެހެން ކުރަން ޖެހޭ މަޖުބޫރު މުއާމަލާތެއް ފިޔަވައި، އެހެން އެއްވެސް މުއާމަލާތެއް ލާއިންސާނީ ދައުލަތާ އެކު ނުކުރެއްވުމަށާއި އަޅުގަނޑުމެންގެ މައްޗަށް ސިޔާސަތު އިމްލާ ކުރާ ބަޔަކަށް އެބައި މީހުން ނެހެދެވުމަށް ދައުލަތުގެ ވަލިއްޔުލް އަމުރަށާއި އެންމެހާ މުއައްސަސާތަކަށް ވަރަށް އިހުތިރާމާއި އަދަބުވެރިކަމާ އެކު ނަސޭހަތްތެރިވެ ވަސިއްޔަތް ކުރަން." ޝަހީމް ވިދާޅުވި އެވެ.


މިއަދުގެ ހުތުބާގައި ޝަހީމް މިހެން ވިދާޅުވެފައިވާ އިރު، ރާއްޖެ އައިސްގެން އުޅޭ ޔަހޫދީ ޑޮކްޓަރުންނާއި އަރަބިއްޔާ މައްސަލާގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ މެދު ނުރުހުންފާޅު ކުރުމަށް ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުން މިއަދު ހަވީރު 4 ޖަހާއިރު ސުނާމީ ބިނާ ކައިރީގައި ބާއްވާ މުޒާހަރާއާ އެކު، އަތޮޅުތެރޭގައި ވެސް އެ މުޒާހަރާތައް ފެށިގެން ކުރިއަށްދާނެ ކަމަށް މުޒާހަރާ އިންތިޒާމް ކުރާ ފަރާތްތަކުން ބުނެ އެވެ.


އިޒުރޭލުގެ ޖަމާތެއް ކަމަށްވާ "އައި ފްރޮމް ޒިޔޯން"ގެ ހަތް މީހުންގެ ޑޮކްޓަރުންގެ ޓީމު މި މަހުގެ ފަސް ވަނަ ދުވަހު ރާއްޖެ އައުމާ ގުޅިގެން އެ މީހުންނާ ދެކޮޅަށް މާލޭގައި މުޒާހަރާ ކުރާ ފަރާތްތަކުން ބުނަމުންދަނީ އެ މީހުން ރާއްޖެ އައިސްގެން އުޅެނީ ފަރުވާދިނުމަށް ނޫން ކަމަށާއި އެ މީހުންނަކީ ވަކި މަގުސަތެއްގައި ރާއްޖެ އައިސްގެން އުޅޭ ބައެއް ކަމަށެވެ. އެ ގޮތުން ހިލޭ ސާބަހަށް މަސައްކަތް ކުރާ ބައެއް ކަމަށް ބުނެ، ދިރިތިބި އިންސާނުގެ ހަށިގަނޑުތަކުގެ ގުނަވަންތައް އެ މީހުން ވަގަށް ނަގާ ކަމަށާއި އެ ޖަމާއަތަކީ އިޒުރޭލުގެ ޖާސޫސީ އިދާރާތަކަށް ނިސްބަތްވާ ބައެއް ކަމަށާއި އިންސާނުންނަށް ފަރުވާ ދިނުމަށް ކަމަށް ބުނެ ދަރިން ނުލިބޭ އިންޖެކްޝަން ވެސް އެ މީހުން ޖަހާ ކަމަށް މަދަނީ ޖަމިއްޔާތަކުން ތުހުމަތު ކުރެ އެވެ.


މިއަދު ބާއްވާ މުޒާހަރާގައި ޑީއާރުޕީ، ޕީއޭ، ގައުމީ ޕާޓީ، ޖުމްހޫރީ ޕާޓީގެ އިތުރުން ސަރުކާރާއި ބައިއަތު ހިފައިފައިވާ އަދާލަތު ޕާޓީ، ގައުމީ އިއްތިހާދު ޕާޓީން ބައިވެރިވާ އިރު މަދަނީ 126 ޖަމިއްޔާއަކުން ބައިވެރިވާނެ ކަމަށް މުޒާހަރާ އިންތިޒާމް ކުރާ ފަރާތްތަކުން ބުނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު