އަންނަ މަހުން ފެށިގެން ދުވަސްވީ މީހުންނަށް 5،000 ރުފިޔާ ދެނީ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން އުމުރުން 65 އަހަރުން މަތީގެ މީހުންނަށްދޭ އިނާޔަތް 5،000 ރުފިޔާ އަށް ބޮޑުކުރުމަށް ވެވަޑައިގެން ވައުދުގެ ދަށުން، މިއަންނަ މަހުން ފެށިގެން އެއިން ކޮންމެ މީހަކަށް 5،000 ރުފިޔާ ދޭން ފަށާނެ ކަމަށް އިކޮނޮމިކް ކައުންސިލުން ބުނެފި އެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިކޮނޮމިކް ކައުންސިލްގެ ވައިސް ޗެއާ އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ ސަރުކާރުގެ ވައުދުތަކުގެ ތެރެއިން، އުމުރުން ދުވަސްވީ މީހުންނަށް 5،000 ރުފިޔާ ދިނުމަކީ ރައީސް ޔާމީންގެ މުހިއްމު ވައުދެއް ކަމަށް ވިދާޅުވި އެވެ. އަދި މިވައުދުގެ ދަށުން މާޗު މަހުން ފެށިގެން 5،000 ރުފިޔާ ދޭން ފަށާނެ ކަމަށް އަދީބު ވިދާޅުވި އެވެ.

"އަޅުގަނޑު ދޭން އޮތް އުފާވެރި ހަބަރަކީ އިރާދަކުރެއްވިއްޔާ މާޗު އެއް ވަނަ ދުވަހު ނުވަތަ އާއްމުކޮށް މިޖަމާވަނީ މަސް ނިމޭއިރު (އިނާޔަތްތައް)، އެދުވަސްވީ ބޭފުޅުންނަށް ލިބިލައްވާ 2،000 ރުފިޔާގެ ބަދަލުގައި މިފަހަރު 5،000 ރުފިޔާ ޖަމާވާނެ ކަމުގެ އުފާވެރި ހަބަރު ދެން. މިކަން މިވަނީ ނިމިފައި. އިރާދަކުރެއްވިއްޔާ މިމަސް ނިމި، މާޗު އެކެއް އަންނައިރު 5،000 ރުފިޔާ ޖަމާވާނެ" އަދީބު ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ މިފައިސާ ދިނުމަށް ހަމަޖެހިފައި ވަނީ ބަޖެޓްގެ ތެރެއިން ނޫން ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ވައުދު ވެވަޑައިގެން އިރު ވެސް އެކަން ފާހަގަކުރައްވާފައިވާނެ ކަމަށެވެ. އޭގެ ބަދަލުގައި މިހާރު 2،000 ދިނުމަށް ބަޖެޓުގައި ހިމަނާފައިވާ 400 މިލިއަނެއްހާ ރުފިޔާ ފައިނޭންޝަލް އިންސްޓްރުމަންޓެއްގެ ތެރެއިން ބޮޑުކޮށްގެން ފައިސާ ނެރުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅޭ ކަމަށެވެ.

"އަޅުގަނޑުމެން މި ސްޓްރަކްޗާކުރަނީ މިހާރު ވެސް 2،000 ރުފިޔާ ދިނުމަށް ބަޖެޓުގައި ކަނޑައަޅާފައިވާ 400 މިލިއަނެއްހާ ރުފިޔާއަކީ އަޅުގަނޑުމެންގެ (ސަރުކާރުގެ) ކޮންޓްރިބިއުޝަނޭ. ދެން ލޯންގް ޓާމަށް ބަހާލާފައި އަޅުގަނޑުމެން ސްޓްރަކްޗާ މިކުރަނީ ބޮންޑުގެ ގޮތުގައި ނުވަތަ ފައިނޭންޝަލް އިންސްޓްރުމަންޓެއްގެ ގޮތުގައި ސަސްޓެއިނަބަލްކޮށް ސްޓްރަކްޗާކުރުމަށް،" އަދީބު ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ އެއް ގޮތަކީ މިހާރު ވެސް ޕެންޝަން ފަންޑުން ކުރަމުންދާ އުސޫލުން ފައިނޭންޝަލް އިންސްޓްރުމަންޓެއްގެ ތެރެއިން އެފައިސާ ހޯދުން ކަމަށާއި އަނެއް ގޮތަކީ އަމިއްލަ ފަރާތްތަކުން ގެންގުޅޭ އިކުއިޓީ ފަންޑުތައް މެދުވެރިކޮށް އިންވެސްޓްކޮށްގެން އެފައިސާ ހޯދުން ކަމަށެވެ.

އުމުރުން ދުވަސްވީ މީހުންނަށް 2،000 ރުފިޔާގެ އިނާޔަތް ދޭން ފަށާފައި ވަނީ ގާނޫނެއްގެ ދަށުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ސަރުކާރުން ނެވެ. އޭގެ ފަހުން މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރިޔާސީ ކެންޑިޑޭޓް ޔާމީން 2،000 ރުފިޔާ 5،000 ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވުމުން އިދިކޮޅު ފަރާތްތަކުން އެއީ ކުރަން އުދަނގޫ ކަމެއް ކަމަށް ބުނެ ފާޑުކިޔާފައިވާކަން ފާހަގަކުރައްވަމުން އަދީބު ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް އެއްވެސް އުދަނގުލެއް ނެތި ކުރިއަށް އޮތް ފަސް އަހަރު ވަންދެން 5،000 ރުފިޔާގެ އިނާޔަތް ދެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު