އަސްލު އަތެއްގައި ކުރެވޭ ގޮތަށް "އިހުސާސްކުރެވޭ" މަސްނޫއީ އަތެއް ސައެންސްވެރިން ކާމިޔާބުކަމާ އެކު ޓެސްޓްކޮށްފި އެވެ.
ސައެންސް ޓްރާންސްލޭޝަނަލް މެޑިސިން ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާ ކަރުދާހުގައި ބުނެފައި ވަނީ މިދިރާސާ ކުރިއަށް ގެންދިޔައީ ނިއުރޯސައެންޓިސްޓުންނާއި އިންޖިނިއަރުން، ސާޖަނުން އަދި ރޮބޮޓިކްސް ތަޖުރިބާކާރުންގެ މައްޗަށް އެކުލެވޭ ޓީމަކުން ކަމަށެވެ. މިޓީމުގައި ހިމެނިފައި ވަނީ އިޓަލީ، ޖަރުމަނު އަދި ސުވިޒަލެންޑުގެ ތަޖުރިބާކާރުން ނެވެ.
ކަރުދާހުގައި ބުނެފައި ވަނީ މިދިރާސާ އިން ހޯދުނު ކުރިއެރުމަކީ މަސްނޫއީ އަތް ނޫން ކަމަށާއި މަސްނޫއީ އަތުގައި ހަރުކުރެވުނު އިލެކްޓްރޯނިކްސްގެ ސަބަބުން ސިދާ މަސްނޫއީ އަތުން އިންސާނާގެ ސިކުނޑި އަށް ފީޑްބެކް ފޮނުވުން ކަމަށެވެ.
ޑެންމާކުގެ މީހެއް ކަމަށްވާ ޑެނިސް އައޮބޯގެ އަތް ބުރިވީ ފަޔާވޯކްސް އެކްސިޑެންޓެއްގައި މީގެ 10 ވަރަކަށް އަހަރު ކުރިން ނެވެ. އިހުސާސްކުރެވޭ މަސްނޫއީ އަތް ޓެސްޓްކުރުމުގެ ގޮތުން ސައެންސްވެރިން ވަނީ އެއަތް ޑެނިސްގެ ކޮނޑުގެ ތިރީގައިވާ ނާރުތަކާ ގުޅުވާލާފަ އެވެ. މިނާރުތަކަކީ ސިކުނޑިއަށް މެސެޖް ފޮނުވާ ނާރުތަކެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ޑެނިސްގެ މަސްނޫއީ އަތަށް ދޭ އެއްޗެހީގެ ބައްޓަން އަދި އެއެއްޗަކީ ހަރު ނުވަތަ މަޑު އެއްޗެއް ކަން ޑެނިސްއަށް އިހްސާސްކުރެވެ އެވެ. ކަނުބަދެގެން ޓެސްޓްކުރުމުންވެސް އަތަށް ދޭ އެއްޗެހީގެ ބައްޓަމާއި ހަރު މިންވަރު ޑެނިސް ކިޔައިދޭ ކަމަށް ކަރުދާހުގައި ބުނެފައިވެ އެވެ.
މަސްނޫއީ އަތަށް އިހްސާސްކުރުމުގެ ގާބިލްކަން ލިބިފައި ވަނީ އަތުގައި ހަރުކުރެވިފައިވާ ސެންސާތަކެއްގެ އެހީގަ އެވެ. ސޮފްޓްވެއާއެއްގެ އެހީގައި ސައެންސްވެރިން ވަނީ މިސެންސާތަކުން ފޮނުވާ އިލެކްޓްރޯނިކް ސިގްނަލްތައް އިންސާނުންގެ ނާރުތަކަށް ކިޔަން އެނގޭ ޒާތުގެ ސެންސަރީ އިމްޕަލްސްއަކަށް ބަދަލުކޮށްލާފަ އެވެ.
އިޓަލީގެ ރޯމްގައި ކުރިއަށްދިޔަ ސާޖަރީގައި ސައެންސްވެރިން ވަނީ ކޮނޑުގެ ކައިރީގައިވާ ނާރުތަކާއި މަސްނޫއީ އަތުގައި ހަރުކޮށްފައިވާ ސެންސާތައް އިލެކްޓްރޯޑްތަކެއްގެ އެހީގައި ގުޅުވާލާފަ އެވެ.
ޑެނިސް ބުނީ އަތަށް އިހުސާސްކުރެވުމަކީ ތަފާތު ކަމެއް ކަމަށެވެ. ކުރިން ބޭނުންކުރި މަސްނޫއީ އަތްތައް ބޭނުންކުރާއިރު އަތް ލެވޭ އެއްޗަކީ ކޯންޗެއް ކަން އެނގެނީ ބެލުމުން ކަމަށާއި މިހާރު އެއެއްޗެއްގެ ބައްޓަން އަދި ހަރު މިން ފަދަ މައުލޫމާތުތައް އިހުސާސްކުރެވޭ ކަމަށް ޑެނިސް ބުނެ އެވެ.
އިހުސާސްކުރެވޭ މަސްނޫއީ އަތަކީ އަދިވެސް ކުލިނިކަލް ޓްރަޔަލްސްގައި ބޭނުންކުރުމުގެ ހުއްދަ އޮންނަ ޑިވައިސްއެއް ކަމުން، މިއަތް ރަނގަޅަށް ޓެސްޓްކުރުމަށް ފަހު، ޑެނިސްގެ މަސްނޫއީ އަތް ނެގުމަށް އޮޕަރޭޝަނެއް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މިކަމަށް ކަނޑައެޅިފައިވާ ތާވަލެއް ނެތް ނަމަވެސް، ސައެންސްވެރިން ބުނާ ގޮތުގައި އިހުސާސްކުރެވޭ މަސްނޫއީ އަތެއް ބާޒާރުން ލިބެން އަދި 10 އަހަރު ދުވަސް ވަރު ނަގާނެ އެވެ. އަދި މިފަދަ އަތެއްގެ އަގު ވަރަށް ބޮޑުވާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ.