"މިޝަން އިމްޕޮސިބަލް"ގައި ބޭނުންކުރާ ޓެކްނޮލޮޖީ އުފެއްދުމަށް އެމެރިކާ އިން ހަރަދުކުރަނީ

ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ އެކްޝަން ފިލްމް ސީރީސް "މިޝަން އިމްޕޮސިބަލް"ގައި ފެނިގެންދާ ބައެއް ކަހަލަ ޓެކްނޮލޮޖީތައް އުފެއްދުމަށް އެމެރިކާގެ އަސްކަރިއްޔާ އިން ހަރަދުކުރަމުންދާ ކަމަށް ބީބީސީ އިން ބުނެފި އެވެ.

ބީބީސީ އިން ބުނީ އެމެރިކާ އިން ބޭނުން ވަނީ ހަނގުރާމައިގެ ތެރޭގައި ބޭނުންކުރުމަށް ފަހު ރިމޯޓް ކޮންޓްރޯލެއްގެ އެހީގައި ގޮއްވާލެވޭ ގޮތަށް ބައެއް ކަހަލަ އާލާތްތައް ފަރުމާ ކުރުމަށް ކަމަށެވެ.

މިޝަން އިމްޕޮސިބަލް ފިލްމުތަކުގައި މިޝަންއާ ބެހޭ މައުލޫމާތުތައް އެޖެންޓުންނާ ހިއްސާކުރަނީ ބޭނުންކުރުމަށް ފަހު އަމިއްލަ އަށް ގޮވާ ޒާތުގެ އާލާތްތަކެއް ބޭނުންކޮށްގެން ނެވެ. މީގެ ތެރޭގައި އަޑުއެހުމަށް ފަހު ގޮވާ ރެކޯޑަރުތަކާއި ސީޑީ ޕުލެޔަރުތަކާއި އައިނު ފަދަ އާލާތްތައް ބޭނުންކުރާ ތަން މިޝަން އިމްޕޮސިބަލް ފިލްމުތަކުން ފެނިގެންދެ އެވެ.

އެމެރިކާގެ ޑިފެންސް އެޑްވާންސްޑް ރިސާޗް ޕްރޮޖެކްޓްސް އެޖެންސީ (ޑާޕާ) އިން ބުނީ "ވެނިޝިންގް ޕްރޮގްރާމަބަލް ރިސޯސަސް" ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް މަޝްހޫރު ކޮމްޕިއުޓަރު އުފައްދާ ކުންފުނި އައިބީއެމްއަށް 3.5 މިލިއަން އެމެރިކާ ޑޮލަރުގެ ޕްރޮޖެކްޓެއް ހަވާލުކޮށްފައިވާ ކަމަށެވެ.

ޑާޕާގެ ވެބްސައިޓްގައި ބުނެފައި ވަނީ އައިބީއެމް އިން ކުރިއަށްގެންދާ ޕްރޮޖެކްޓުގެ ދަށުން ފަރުމާކުރާ އާލާތްތަކުގެ ސިލިކަން ޗިޕްތަކުގައި ހާއްސަ ކޯޓިންއެއް އުގުޅާފައި ހުންނާނެ ކަމަށާއި ރޭޑިއޯ ފްރިކުއެންސީއެއްގެ އެހީގައި މިކޯޓިންގް ހަލާކުކޮށްލުމުން ޗިޕް އަދައިގެންދާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު