ކުޅެން އުދަނގޫ ނަމަވެސް، ސްމާޓްފޯން ގެންގުޅޭ ޒުވާނުންގެ މެދުގައި ދެވިހިފާ ގޭމަކަށްވެފައިވާ "ފުލެޕީ ބާޑް" ގޭމް އެޕަލްގެ އެޕް ސްޓޯ އަދި ގޫގަލްގެ ޕުލޭ ސްޓޯރުން ނަގައިފި އެވެ.
ފުލެޕީ ބާޑް ގޭމްގެ ކުރިއޭޓަރު ކަމަށްވާ ޑޮންގް އެންގުޔެން ބުނީ އޭނާ ފުލެޕީ ބާޑް ހުއްޓާލަން ނިންމީ، ފުލެޕީ ބާޑްގެ ސަބަބުން އޭނާއަށް މާބޮޑު ސަމާލުކަމެއް ލިބި، ދިރިއުޅުން އުދަނގޫވެފައިވާތީވެ ކަމަށެވެ.
ޑޮންގް އެންމެ ފުރަތަމަ ފުލެޕީ ބާޑް އޮންލައިންކޮށް ނުލިބޭނެ ކަން އިއުލާންކޮށްފައި ވަނީ ޓުވިޓާގަ އެވެ. ޑޮންގް ކުރި ޓުވީޓެއްގައި ބުނެފައި ވަނީ 22 ގަޑިއިރުގެ ތެރޭގައި ފުލެޕީ ބާޑް އޮފްލައިންވާނެ ކަމަށެވެ.
"ފުލެޕީ ބާޑް ކުޅޭ މީހުންގެ ކިބައިން މައާފަށް އެދެން. މީގެ 22 ގަޑިއިރު ފަހުން ފުލެޕީ ބާޑް ނުލިބޭނެ. މިއީ ގާނޫނީ އެއްވެސް މައްސަލައެއް ދިމާވެގެން ނިންމި ނިންމުމެއް ނޫން. އެހުމުގެ ބޭނުމެއް ނެތް އަހަންނެއް ފުލެޕީ ބާޑް ނުވިއްކާނަން،" ޑޮންގް ކޮށްފައިވާ ޓުވީޓްތަކެއްގައިވެ އެވެ.
އޭގެ ފަހުން ރޭގެ ވަގުތެއްގައި އެޕަލްގެ އެޕް ސްޓޯ އަދި ގޫގަލްގެ ޕުލޭ ސްޓޯރުން ފުލެޕީ ބާޑް ޑައުންލޯޑެއް ނުކުރެވެ އެވެ.
ފަހަކަށް އައިސް ގިނަ އަދަދެއްގެ ދިވެހިންގެ މެދުގައި ވެސް މަގުބޫލުކަން ހޯދާފައިވާ ފުލެޕީ ބާޑް ވަނީ އެޕް ސްޓޯގެ އެންމެ މަގުބޫލު ހިލޭ ލިބޭ އެޕްގެ މަގާމު ހޯދާފަ އެވެ. މިއާއެކު ގޭމްގެ ތެރޭގައި އިޝްތިހާރުކޮށްގެން ދުވާލަކު 30،000 ޕައުންޑުގެ ފައިދާ ޑޮންގް އެންގުޔެންއަށް ވެފައިވާނެ ކަމަށް ލަފާކުރެވެ އެވެ.
ފުލެޕީ ބާޑް ގޭމްގައި އުޅެނީ ކުޑަ ދޫންޏެކެވެ. ގޭމް ކުޅޭ މީހުން ޖެހެނީ ޕައިޕްތަކެއްގައި ނުޖައްސާ މި ދޫނި ވީހާވެސް ދުރަކަށް ގެންދާށެވެ. ކުޅެން ފަސޭހަ ވާނެ ގޭމެއްގެ ގޮތުގައި މިގޭމް ތައާރަފްވި ނަމަވެސް، ގޭމް ވެގެން ދިޔައީ ކުޅެން އުދަނގޫ ގޭމަކަށެވެ. މިއާއެކު ބައެއް ފަރާތްތަކުގެ ޝަކުވާ ލިބުނު ކަމަށް ޑޮންގް ބުނެ އެވެ.
މިގޭމް ބޭނުންކުރާ ފަރާތްތަކުން މިހާރު ދަނީ ސޯޝަލް މީޑިއާގައި މިގޭމް އަނބުރާ ގެނައުމަށް ކެމްޕެއިންކުރަމުން ނެވެ.