އެކުވެރި ކަމުގެ މެޗުގައި ސީޝެލްސްގެ ނޮދާން ޑައިނަމޯއާ ދެކޮޅަށް މާޒިޔާ މިއަދު ހަވީރު ނިކުންނަނީ

އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ރޭ ރާއްޖެ އައި ސީޝެލްސްގެ ފުރަތަމަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ނޮދާން ޑައިނަމޯއާ ދެކޮޅަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މިއަދު ހަވީރު ބައްދަލު ކުރާނެ އެވެ.

އެފްއޭއެމްގެ ޓާފް އެއް ނަންބަރު ދަނޑުގައި މިއަދު ހަވީރު ކުޅޭ މި މެޗު ފެށުމަށް ހަމަޖެހިފައި ވަނީ4:00 އިރުއެވެ.

ސީޝެލްސްގެ ނޮދާން ޑައިނަމޯއާގެ ޓީމް ރާއްޖެއަށް ކުރާ ދަތުރުގައި ރާއްޖޭގެ ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮލަސް ވެސް އެކުވެރި ކަމުގެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެމެޗް ކުޅުމަށް މިހާރު ހަމަ ޖެހިފައި ވަނީ އަންނަ އަންގާރަ ދުވަހު ހަވީރު 4:00 ޖަހާއިރުއެވެ.

ސީޝެލްސްގެ ނޮދާން ޑައިނަމޯއާގެ ޓީމްގެ ޗެއާމަން އަކީ ޔުނިވާސަލް އެންޓަޕްރައިޒަސްގެ ޑިރެކްޓަރު އަހުމަދު މާހިރު ދީދީ (އަހައްމައިދީ) އެވެ.

މާޒިޔާއިން ވަނީ މި ފެށޭ ސީޒަނަށް އެ ކްލަބުގެ ސްކޮޑް ވަރުގަދަ ކުރުމުގެ ގޮތުން ގައުމީ ޓީމާއި ނިއުގެ ކުރީގެ ޑިފެންޑަރު ރިލްވާން ވަހީދު ވެސް އެޓީމަށް ގެނެސްފަ އެވެ. އަދި އެޓީމުގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އާއި އެކު ހަދާފައިވާ އެއްބަސްވުން ވެސް މާޒިޔާއިން މިހާރު ވަނީ އާކޮށްފަ އެވެ.

މާޒިޔާއިން ވަނީ އެކުލަބުގެ ގިނަ ކުޅުންތެރިން ތަކެއްގެ ކޮންޓްރެކްޓް އާކޮށްފަ އެވެ. އޭގެތެރޭގައި ސަމްދޫހު މުހައްމަދު، އަސަދުﷲ އަބްދުﷲ، އަހްމަދު ނާޝިދު، ގޯލްކީޕަރު އިމްރާން، އަހްމަދު ޝިޔާމް، އަހްމަދު މުހައްމަދު، އަދި އިބްރާހިމް އަބްދުﷲ ހިމެނެ އެވެ.

މާޒިޔާއާ އަލަށް ގުޅުނު ކުޅުންތެރިންގެ ތެރޭގައި އޭވައިއެލްއަށް މިދިޔަ ސީޒަންގައި ކުޅުނު ސިއެރަލިއޯން ފޯވާޑް އަބޫ އެސްމޮންޑް މަންސާރޭއާއި މިދިޔަ ސީޒަންގައި ނިއު އަށް ކުޅުނު ޒުވާން ފޯވާޑް މޫސާ ޔާމީން ހިމެނެ އެވެ.

މިއަހަރުގެ އޭއެފްސީ ކަޕުގައި ވެސް ރާއްޖެ ތަމްސީލުކުރާ މާޒިޔާ އިން ކްލަބު ވަރުގަދަކުރުމަށް މަސައްކަތް ކުރަމުންދާއިރު އެ ކްލަބުގެ އިތުބާރު ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ) ވަނީ ވާދަވެރި ނިއު ރޭޑިއަންޓާ ގުޅިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު