ބޭންކު އޮފް މޯލްޑިވްސްގެ 2012 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް ޑިވިޑެންޑްގެ ގޮތުގައި ދިނުމަށް ކަނޑައެޅި 9.29 ރުފިޔާ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ބަހައި ނިންމާފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.
މިއީ 2008 ވަނަ އަހަރުގެ ފަހުން ބޭންކުން އާންމު ހިއްސާދާރުންނަށް ފައިދާ ބެހި ފުރަތަމަ ފަހަރެވެ.
ނަސަންދުރާ ޕެލަސް ހޮޓެލްގައި މިރޭ ކުރިއަށް ދިޔަ ބީއެމްއެލްގެ އަހަރީ ޖަލްސާގައި އެ ބޭންކުން ބުނީ ވޭތުވެދިޔަ ހަ މަސް ދުވަހުގެ ފައިދާއިން ޑިވިޑެންޑެއް ދިނުމަށް ކަނޑައެޅޭނީ އޮޑިޓް ނިންމުމަށް ފަހުގައި ކަމަށެވެ.
މިރޭގެ އަހަރީ އާއްމު ޖަލްސާގައި 14 ހިއްސާދާރުންނާއި 14 ޕްރޮކްސީ ހޯލްޑަރުން ބައިވެރިވި އެވެ.
ބައެއް ސަބަބުތާކާހުރެ ނުބޭއްވި ލަސްވި 2012 ވަނަ އަހަރުގެ އޭޖީއެމްގައި އާއްމުކޮށްފައިވާ މާލީ ބަޔާނަށް ބަލާއިރު 2011 ވަނަ އަހަރާ އަޅާ ބަލާއިރު 2012 ވަނަ އަހަރުގެ ޖުމްލަ އާމްދަނީ 26 ޕަސަންޓް މައްޗަށް ގޮސްފައިވާ ކަމަށް ދައްކަ އެވެ. ދެހާސް ބާރަ ވަނަ އަހަރުގެ ޖުމްލަ އާމްދަނީ އުޅެނީ 1.3 ބިލިއަން ރުފިޔާގަ އެވެ.
އިންޓްރަސްޓުން ލިބުނު ފައިދާ ވަނީ 2011 ވަނަ އަހަރާ އަޅާ ބަލާއިރު 2012 ވަނަ އަހަރު ތިން ޕަސަންޓް މައްޗަށް ގޮސްފަ އެވެ. އިންޓްރަސްޓުން ލިބުނު އާމްދަނީ 2012ގައި އުޅެނީ 477 މިލިއަން ރުފިޔާގަ އެވެ.
ހިންގުމުގެ ފައިދާއަށް ބަލާއިރު 2011 ވަނަ އަހަރާ އަޅާ ބަލާއިރު 2012 ވަނަ އަހަރު ހިންގުމުގެ ފައިދާ ވަނީ 53 ޕަސަންޓް މައްޗަށް ގޮސްފަ އެވެ. ހިންގުމުގެ ފައިދާގެ ގޮތުގައި 2012 ވަނަ އަހަރު 792 މިލިއަން ރުފިޔާގެ ފައިދާ ވެފައިވެ އެވެ.
ބޭންކުގެ މާލީ ބަޔާން ދައްކާ ގޮތުން ޓެކްސަށް ކެނޑުމަށްފަހު 2012 ވަނަ އަހަރުގެ ސާފު ފައިދާ އުޅެނީ 374 މިލިއަން ރުފިޔާގަ އެވެ.
މިރޭގެ ޖަލްސާގައި ހިއްސާދާރުން ވަނީ 2011 ވަނަ އަހަރަށް ފަހު 2012 ވަނަ އަހަރު ކުރިއެރުންތަކެއް ހޯދިފައިވާ ކަން ފާހަގަކޮށް، އެގޮތަށް އަރަނި ކުރިއަށް ގެންދިއުމަށް ބޭންކުގެ ބޯޑުގެ ކިބައިން އެދިފަ އެވެ. މީގެ އިތުރުން ބޭންކުގެ ބައެއް ހިދުމަތްތަކުގައި އޮންނަ އުސޫލުތަކާއި މެދު ހިތްހަމަ ނުޖެހިގެން ބައެއް ހިއްސާދާރުން ޝަކުވާކޮށް ވާހަކަދެއްކި އެވެ.
ބީއެމްއެލްގެ 2012 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މިރޭ ބާއްވާފައި ވަނީ އެ ކުންފުނީގެ ބޯޑުގެ ޗައާމަނަކާ ނުލަ އެވެ. އެ ކުންފުނީގެ ބޯޑަށް ޗެއާމަނާކާއެކު ދެ ޑިރެކްޓަރުން ސަރުކާރުން އައްޔަން ކުރަންޖެހޭއިރު އަދިވެސް އެ މަގާމަށް ހަމަޖައްސާނެ ނަމެއް ނުފޮނުވަ އެވެ.