އިނގިލީގެ ނިޝާން އޮޅުވާލުމުން އަދާލަތާއި އެމްޑީޕީ ޖޫރިމަނާކޮށްފި

އެކަކުގެ އިނގިލީގެ ނިޝާން ޖެހުމަށް ފަހު އެހެން މީހެއްގެ ނަމުގައި ޕާޓީއަށް ވަންނަން އެދޭ ފޯމުތަކެއް ހުށަހަޅާފައިވާތީ، އަދާލަތު ޕާޓީ އާއި އެމްޑީޕީ، 5،000ރ. އިން ޖޫރިމަނާކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ދެ ޕާޓީން ވެސް ސިޔާސީ ޕާޓީގެ ގާނޫނުގެ 48 ވަނަ މާއްދާގެ (ހ) ގެ އެއް ވަނަ ނަމްބަރާއި ހިލާފުވެ، ޕާޓީއަށް ވަންނަން އެދޭ ފޯމުތަކެއްގައި އެކަކުގެ އިނގިލީގެ ނިޝާން ޖަހާ އޮޅުވާލާފައިވާތީވެ 5،000ރ. އިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

މަރުވެފައިވާ މީހެއްގެ ނަމުގައި ފޯމެއް ހުށަހެޅި މައްސަލާގައި ޖެނުއަރީ މަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ޕީޕީއެމް ޖޫރިމަނާކޮށްފަ އެވެ. އެ ޕާޓީ ވެސް ޖޫރިމަނާކޮށްފައި ވަނީ 5،000 ރުފިޔާއިން ނެވެ.

އޭގެ ކުރިން ޑިސެމްބަރު މަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ޖުމްހޫރީ ޕާޓީން މަރުވެފައިވާ ދެ މީހެއްގެ ނަމުގައި ފޯމު ހުށަހަޅާފައިވާ ކަމަށާއި އެކަމާ ގުޅިގެން 12،000 ރުފިޔާއިން އެ ޕާޓީ ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު