ދެ ގަރުނުވެފައިވާ ފަނޑިޔާރު މިސްކިތް ތަޅާލި މައްސަލަ ތަހުގީގުކުރަން ފަށައިފި

ދެ ގަރުނަށް ވުރެ ގިނަ ދުވަސް ވެފައިވާ މާފަންނު ފަނޑިޔާރު މިސްކިތް ތަޅާލި މައްސަލަ ތަހުގީގުކުރަން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ހާއްސަ ކޮމިޓީއެއް އެކުލަވާލައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު މާލޭ ސިޓީ ކައުންސިލުން ފަނޑިޔާރު މިސްކިތް ތަޅާލާފައި ވަނީ އެ މިސްކިތް ހުރި ތާނގައި ހަތަރު ބުރީގެ މިސްކިތެއް ބިނާ ކުރުމަށް އަމިއްލަ ފަރާތަކުން ފައިސާގެ އެހީއެއް ލިބިފައިވާ ކަމަށް ބުނެ އެވެ.

މިއަދު ޔޫތު މިނިސްޓްރީ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެމިނިސްޓްރީގެ ދަށުގައިވާ ޑިޕާޓްމަންޓް އޮފް ހެރިޓޭޖާ މަޝްވަރާކުރުމެއް ނެތި ފަނޑިޔާރު މިސްކިތް ސިޓީ ކައުންސިލުން ތަޅާލާފައިވާތީވެ އެކަން ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ.

ޔޫތު މިނިސްޓްރީ އިން އެކުލަވާލި ކޮމިޓީގައި ހިމެނެނީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ރަޝީދާއި ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ޑިރެކްޓަރު އަލީ ވަހީދާއި އެ ޑިޕާޓްމަންޓުގެ އެސިސްޓަންޓް ރިސާޗް އޮފިސަރުން ކަމަށްވާ އަހުމަދު ޒަމީރާއި އިސްމާއިލް ނަސްރު އަދި އެސިސްޓަންޓް އާކިޓެކްޓް ޒަހާ އަހުމަދު އެވެ.

ސަން އަށް މައުލޫމާތު ދެމުން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔާ އިބްރާހިމް ޝުޖާއު ވިދާޅުވެފައި ވަނީ ފަނޑިޔާރު މިސްކިތް ތަޅާލުމުގެ ކުރިން ހެރިޓޭޖް ޑިޕާޓްމަންޓާ ވާހަކަ ދައްކާފައި ނުވަނީ ފަނޑިޔާރު މިސްކިތަކީ ހެރިޓޭޖް ތަނެއްގެ ގޮތުގައި ބަލާ ތަނަކަށް ނުވާތީވެ ކަމަށެވެ.

"ފަނޑިޔާރު މިސްކިތަކީ ހެރިޓޭޖް ތަނެއްގެ ގޮތުގައި އޮތް ތަނެއް ނޫން. އެތަނަކީ އެތައް ފަހަރެއްގެ މަތިން މަރާމާތުކޮށް ހަދާފައިވާ ތަނެއް. ދެން އެބޭފުޅުން ބުނަނީ އެތާނގެ މަތިވަޑާންގަނޑު އެއީ އާސާރީ އެއްޗެއް ކަމަށް. އެހެންވެއްޖެއްޔާ އަޅުގަނޑުމެން މަތިވަޑާންގަނޑު ހެރިޓޭޖް ޑިޕާޓްމަންޓަށް ގެންގޮސްދީފާނަން. އަޅުގަނޑު ދެކޭ ގޮތުގައި ތިއީ ހުސް އެސްކިއުޒް،" ޝުޖާއު ވިދާޅުވި އެވެ.

ޔޫތު މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގައި ހުރި ހިރިގަލުގެ މިސްކިތްތަކަކީ އދގެ ތާރީހާއި ތަރިކައާ ބެހޭ ޖަމިއްޔާ ޔުނެސްކޯގެ ދަށުން ހިމާޔަތްކުރެވިފައިވާ ތަންތަނަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި ފަނޑިޔާރު މިސްކިތް ތަޅާލުމުން ބޭރުގެ ޖަމިއްޔާތަކުގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވެފައިވާ ކަމަށެވެ. އަދި މިފަދަ ކަންކަމަކީ ސަރުކާރުން ބަލައިގަންނާނެ ކަން ކަމެއް ނޫން ކަމަށް ބަޔާނުގައިވެ އެވެ.

ޔޫތު މިނިސްޓްރީ އިން ބުނީ ތަހުގީގުކުރުމަށް ފަހު މިމައްސަލާގައި ތަފްސީލީ ރިޕޯޓެއް ނެރޭނެ ކަމަށާއި ފަނޑިޔާރު މިސްކިތް ތަޅާލުމާއި ގުޅިގެން އެކަން ކުރި ފަރާތާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ޖެހޭނަމަ އެކަންވެސް ކޮމިޓީ އިން ކުރިއަށް ގެންދާނެ ކަމަށެވެ.

ރާއްޖޭގައި ތާރީހީ ކަންކަން ކުރިއަރުވަން މަސައްކަތްކުރާ "ރިވައިވް" ޖަމިއްޔާއިން ބުނީ ފަނޑިޔާރު މިސްކިތަކީ އަލްޣާޒީ މުހައްމަދު މުހިއްބުއްދީން ޝައިހުލް އިސްލާމް ފަނޑިޔާރު މަނިކުފާނު ބިނާކުރެއްވި މިސްކިތެއް ކަމަށެވެ. ހަސަން ތާޖުއްދީން ހުސައިން އަފީފުއްދީންގެ ދަރިކަލެއް ކަމަށްވާ މުހައްމަދު މުހިއްބުއްދީނަށް މާލޭގެ ޚަތީބުކަން ދެއްވީ މީލާދީން 1740 ވަނަ އަހަރު ކަމުން މިތާރީހުތަކަށް ބަލާއިރު، ފަނޑިޔާރު މިސްކިތަށް 268 އަހަރު ވެފައިވާ ކަމަށް ލަފާކުރެވޭ ކަމަށް "ރިވައިވް" ޖަމިއްޔާއިން ބުނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު